ވެކްސިން ނުޖަހާ ދަރިވަރަކު ފާހަގަވެއްޖެނަމަ އެޑިއުކޭޝަން މިނިސްޓްރީއަށް އެންގުމަށް ސްކޫލްތަކަށް އަންގައިފިއެވެ.
މިނިސްޓްރީން ނެރުނު ސަރކިއުލަރ އެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ހިންގާ ސަރުކާރު، އަވަށު އަދި އަމިއްލަ ސްކޫލުތަކުގައި ތަޢުލީމު ޙާސިލްކުރާ ހުރިހާ ދަރިވަރުންގެ ވެކްސިން ފުރިހަމަކޮށްފައިވާ ގޮތުގެ އެންމެ ފަހުގެ މަޢުލޫމާތު 27 ފެބުރުވަރީ 2020 ގެ ކުރިން މީމިސް އަށް އަދާހަމަކުރުމަށެވެ. އަދި ހުރިހާ ދަރިވަރުންގެ މަޢުލޫމާތު މީމިސް މެދުވެރިކޮށް ބަލަހައްޓަމުން ގެންދިއުމަށެވެ.
މީގެއިތުރުން ވެކްސިން ނުޖަހާ ނުވަތަ ވެކްސިން ތާވަލު ފުރިހަމަ ނުކުރާ ދަރިވަރަކު އެއްވެސް ސްކޫލަކަށް ފާހަގަވެއްޖެނަމަ އެ ދަރިވަރެއްގެ މަޢުލޫމާތު ވަގުތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސްކޫލް ހެލްތު އެންޑް ސޭފްޓީ ސެކްޝަނަށް ފޮނުވައި، އެސެކްޝަން މެދުވެރިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ވެކްސިން ޕްރޮގުރާމްގައި ބައިވެރިކޮށް ވެކްސިން ފުރިހަމަ ކުރުމަށް މަސައްކަތްކުރުމަށްވެސް ސްކޫލްތަކަށް އަންގާފައިވެއެވެ.
ސަރކިއުލަރގައި ވާގޮތުން ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީގެން ދަރިވަރުންނަށް ތަޢުލީމް ދިނުމަކީ މިނިސްޓްރީއާއި ސްކޫލްތަކުގެ ޒިންމާއެއްކެވެ. އަދި ރާއްޖޭގެ ޤައުމީ ވެކްސިން ތާވަލަށް 2019 ވަނަ އަހަރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބަދަލުގެނެސްފައި ފާހަގަކޮށް މިނިސްޓްރީން ބުނީ އެ ބަދަލާ ގުޅިގެން، ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ކޮންމެ ގްރޭޑަކަށް އަލަށް އެންރޯލްކުރާ ކުދިންނާއި އެއް ސްކޫލުން އަނެއް ސްކޫލަށް ބަދަލުކުރާ ކުދިންނަކީ ޤައުމީ ވެކްސިން ތާވަލުގައި ފުރިހަމަކުރަންޖެހޭ ވެކްސިންތައް ފުރިހަމަކޮށްފައިވާ ކުދިންކަން މި ބުރާސްފަތި ދުވަހުން ފެށިގެން ބެލުމަށް ވެސް އަންގާފައިވެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމާއި ބެހޭ ގާނޫނުގެ ދެވަނަ ބާބުގެ 19 ވަނަ މާއްދާގެ (ރ) ގައި ބަޔާން ކުރަނީ ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ލިބިދިނުމުގައި، ބަލިތަކުން ސަލާމަތްވުމަށް ޖަހަންޖެހޭ ވެކްސިން ޖެހުމަކީ މައިންބަފައިންގެ ޒިންމާއެއް ކަމަށެވެ. އަދި އެ ވެކްސިން ޖެހުމަށް އިޢުތިރާޒްކުރުމުގެ ޙައްޤު މައިންބަފައިންނަށް ލިބިގެނެއްނުވާ ކަމަށެވެ.
ޞިއްޙީ ފަރުވާއާއި ޚިދުމަތްތައް ޤާއިމުކޮށް، އެކަންކަމަށް ވާޞިލުވެވޭނެ މަގުފަހިކޮށްދިނުމާއި، އެފަދަ ޚިދުމަތްތަކަށް ވާޞިލުވުމުން މަޙްރޫމުވެފައިވާ ކުއްޖަކު ނެތްކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.