ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 14:45
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން
ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން
ގޫގުލް
ޖޭއެސްސީ / ސުޕްރީމް ކޯޓު
ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރަން ނުފެންނަކަމަށް މަޝްވަރާ ދެއްވައިފި
 
ހައިކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހީމްގެ ނަންފުޅު ވަނީ މަޝްވަރާއަށް ޖޭއެސްސީއަށް ފޮނުވާފަ
 
މިވަގުތު ތިއްބެވީ 5 ފަނޑިޔާރުން
 
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި 7 ފަނޑިޔާރުން ތިއްބަވާ

ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށް ނުފެންނަ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށް އެކޮމިޝަނުން ނިންމައިފިއެވެ.

ބުރާސްފަތި ދުވަހު ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރެއްވުމަށާއި، އެކޮމިޝަނުގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެދިވަޑައިގެންފައިވާ، ހދ. ވައިކަރަދޫ، ވައިޖެހޭގެ، އަޙްމަދު ފާއިޒު ޙުސައިނަކީ އެބޭފުޅާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމާއި އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރެއްވިއިރު ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނާ ޚިލާފު އަދި ސުޕްރީމް ކޯޓުގެ އިހުތިޞާޞުން ބޭރުން ދައުލަތުގެ އެހެން މުއައްސަސާތަކުގެ އިހުތިޞާޞްގެ ތެރެއަށް ވަދެ، ނިންމާފައިވާ ނިންމުންތަކުގައި ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއްކަމަށް " އަޙްމަދު ފާއިޒު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން އަދާކުރެއްވިއިރު ޢަމަލުކުރެއްވި ގޮތާ ގުޅޭގޮތުން،" ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤާނޫނުއަސާސީއާ ޚިލާފު ނިންމުންތަކާ ގުޅޭ ރިޕޯޓް" އެކުލަވާލި ދިރާސާ ކޮމެޓީގެ މަޝްވަރާ ރިޕޯޓް"ގައި ބަޔާންކޮށްފައިވާތީ، އެމަޝްވަރާ ކޮމިޝަނަށް ބަލައިގަތުމަށާއި، މިހެންވެ، ހދ. ވައިކަރަދޫ ވައިޖެހޭގެ، އަޙްމަދު ފާއިޒު ޙުސައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނު ކުރުމަށް ނުފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވުމަށް ޖޭއެސްސީން ބުދަ ދުވަހު ބޭއްވި އެކޮމިޝަނުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙެއް ގެނެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 5 އިން 7 އަށް އިތުރުކޮށްފައި ވެއެވެ. އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އެކުލަވާލެވުނު އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީވެސް، އުއްތަމަ ފަނޑިޔާރާއެކު 7 ފަނޑިޔާރުންނެވެ. އެ ޢަދަދު 5 އަށް ތިރިކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގަ، އޭރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކި ކުރެއްވުމަށެވެ. އަދި ފަހުން ވަނީ އުއްތަމަ ފަނޑިޔާރުކަމަށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ޢައްޔަނު ކުރައްވާފައެވެ.

ކޯޓުތަކުގެ ޤާނޫނަށް ގެނައި އިޞްލާޙާއެކު ސުޕްރީމް ކޯޓުގަ، އުއްތަމަ ފަނޑިޔާރާއެކު 7 ފަނޑިޔާރުން ތިއްބަވަ އެވެ. ނަމަވެސް މިވަގުތު ސުޕްރީމް ކޯޓުގަ ތިއްބެވީ 5 ފަނޑިޔާރުންނެވެ. އެއީ ނިމިދިޔަ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު، އުއްތަމަ ފަނޑިޔާރު ކަމަށް ޢައްޔަނު ކުރެވުނު، މުއުތަސިމް އަދުނާނު އާއި ހުސްނުއް ސުޢޫދު އަދި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހު، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން ޢައްޔަނު ކުރައްވާފައި ވެއެވެ. މީގެ އިތުރުން މިދިޔަ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މަޙާޒު ޢަލީ ޒާހިރު ވެސް ޢައްޔަނު ކުރައްވާފައި ވެއެވެ.

ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެންމެ ފުރަތަމަ ވަކިކުރެއްވީ ޢަބްދުﷲ ދީދީއެވެ. އޭނާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ތަހުޤީޤު ކުރަމުންދަނިކޮށް، އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާފަ އެވެ. އޭގެ ފަހުން ދެން ސުޕްރީމް ކޯޓުގައި ތިއްބެވި އުއްތަމަ ފަނޑިޔާރު ޑރ. ޢަބްދުﷲ ދީދީ އާއި އަބްދުﷲ އަރީފާއި، އާދަމް މުޙައްމަދު ޢަބްދުﷲ އަދި އަބްދުލްޣަނީ މުޙައްމަދުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލާފައި ވެއެވެ. އެ ހަތަރު ފަނޑިޔާރުންނާ ގުޅޭ 51 މައްސަލަ ޖޭއެސްސީން ބަލާފައި ވެއެވެ. އަދި އެފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޖޭއެސްސީ ނިންމާ، މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން ވަނީ އެ ފަނޑިޔާރުން ވަކިކޮށްފަ އެވެ. ނަމަވެސް ފަނޑިޔާރު އަރީފް ވަނީ އަމިއްލަފުޅަށް ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވާފަ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު މަދުވާ ދެ ފަނޑިޔާރުން ޢައްޔަނު ކުރެއްވުމަށްޓަކައި، ޖޭއެސްސީގެ މަޝްވަރާއަކަށް ދެ ބޭފުޅެއްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ފޮނުއްވާފަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން އެވެ. ދެނަ ބޭފުޅަކީ ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް