ޗައިނާއިން މިހާރު ފެނިފައިވާ އާ ކޮރޯނާ ވައިރަސް ޖަޕާނު މީހަކަށް ޖެހިފައިވާކަމަށް ޖަޕާނުގެ ހެލްތު މިނިސްްޓްރީން ކަށަވަރުކޮށްދީފި އެވެ.
އުމުރުން 30 ގެ އަހަރުތައް ގުނަމުންދާ މިމީހަކީ ޓޯކިޔޯގެ ކަނަގަވާ ޞަރަޙައްދަށް ނިޞްބަތްވާ މީހެއްކަމަށް އެޤައުުމުން ބުނެއެވެ. އަދި މިމީހާ ވަނީ ދާދިފަހުން ޗައިނާގެ ވުހާން އަށް ދަތުރުކޮށްފައެވެ. ވުހާން ސިޓީގައި މިހާރު އަންނަނީ ނިޔުމޯނިއާ ވަރަށް ބާރަށް ފެތުރެމުންނެވެ. އާ ކޮރޯނާ ވައިރަސް ފެތުރެން ދިމާވެފައިވަނީ އެސަބަބާހެދި ކަމަށް ޤަބޫލުކުރެވެއެވެ.
ޖަޕާނުގެ މިމީހާ ވަނީ ޗައިނާއިން އައުމަށްފަހު ހުން އަންނާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. އަދި ބުދަދުވަހު އޭނާގެ ޙާލަތު ރަނގަޅުވުމުން ދޫކޮށްލާފައިވާކަމަށް ޖަޕާނުގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިންވަނީ މި އާ ވައިރަސް ފެތުރިގެން ހިނގައިދާނެ ކަމުގެ އިންޒާރު މީގެކުރިން ދީފައެވެ. ހޯމަ ދުވަހު ޗައިނާގެ އަންހެނަލކު ތައިލެންޑުގައި ވަނީ ކަރަންޓީނުވެސް ކޮށްފައެވެ. އޭޝިޔާ ޞަރަޙައްދުގެ ޤައުމުތަކުން އަންނަނީ އެއަރޕޯޓްތައްވެސް މޮނިޓަރ ކުރަން ތައްޔާރުވަމުންނެވެ. އެއީ ކުރިޔަށް އޮތް ހަފުތާއަކީ ޗައިނާގެ އައު އަހަރާއި ދިމާކޮށް ޗައިނާގެ ފަތުރުވެރިން ޗުއްޓީއަށް ދާނެ ހަފުތާ ކަމަށްވާތީއެވެ.
ބުދަ ދުވަހު އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ވުހާން ސިޓީއަށް ދަތުރުކުރުމަށް ހެލްތު އެލަރޓް ނެރެފަ އެވެ. ހޮނިހިރު ދުވަހު ޗައިނާގައި ވަނީ 61 އަހަރުގެ ފިރިހެނަކު ނިޔުމޯނިއާ ޖެހިގެން މަރުވެފައެވެ. މިއީ ކޮރޯނާ ވައިރަސް ޖެހުމުގެ އަލާމާތެކެވެ.
ޗައިނާއިން މިހާތަނަށް އާއިރު 41 މީހަކަށް ނިޔުމޯނިއާ ޖެހިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި ލެބްރިޕޯޓް ޓެސްޓްތައް ދައްކާގޮތުން މިއީ އާ ކޮރޯނާ ވައިރަސްގެ ސަބަބުން ޖެހެމުންދާ ބައްޔެކެވެ.
ކޮރޯނާ ވައިރަސް އަކީ ވައިރަސް ޢާއިލާގެ ވައިރަސް އަކަށްވާއިރު މި ވައިރަސް އިން އަރުދަފުސް ރޯގާއިން ފެށިގެން ސަރސް ބަލި ޖެހުމަށް މަގުފަހިކޮށްދެ އެވެ. 2002 ވަނަ އަހަރު ދެކުނު ޗައިނާއިން ފެނުނު ސަރސް ރޯގާ 37 ޤައުމެއްގެ 8،000 މީހުންނަށް ޖެހުނު އިރު އެ ބަލީގައި 800 މީހުން ވަނީ މަރުވެފައެވެ.