ކ. މާލެ
|
16 ޖެނުއަރީ 2020 | ބުރާސްފަތި 07:55
ފިނޭންސް މިނިސްޓްރީ- މިއަހަރުގެ ފުރަތަމަ ހަފްތާގައި ލިބުނު އާމްދަނީ އަށްވުރެ ޚަރަދު ވަނީ ބޮޑުވެފައި
ފިނޭންސް މިނިސްޓްރީ- މިއަހަރުގެ ފުރަތަމަ ހަފްތާގައި ލިބުނު އާމްދަނީ އަށްވުރެ ޚަރަދު ވަނީ ބޮޑުވެފައި
ރާއްޖެއެމްވީ
އާމްދަނީ އާއި ޚަރަދު
އަހަރުގެ ފުރަތަމަ ހަފުތާގައި ލިބުނީ 87 މިލިއަން ރުފިޔާ، ޚަރަދުކުރީ 219 މިލިއަން ރުފިޔާ
ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 137.6 މިލިއަން ރުފިޔާ
މަޝްރޫޢުތަކަށް 82 މިލިއަން ރުފިޔާ ދޫކޮށްފައިވޭ
54.2 މިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ

މިއަހަރުގެ ފުރަތަމަ ހަފުތާގައި ދައުލަތަށް 87.8 މިލިއަން ރުފިޔާ ލިބުނުއިރު ޚަރަދުކޮށްފައިވަނީ 219.9 މިލިއަން ރުފިޔާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިއީ 132.1 މިލިއަން ރުފިޔާގެ ޑެފިސިޓް ވުމެކެވެ.

އަހަރުގެ ފުރަތަމަ ހަފުތާގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް" ރިޕޯޓުން ދައްކާގޮތުގައި ފުރަތަމަ ހަފުތާގައި ޚަރަދު ހިނގާނެކަމަށް އަންދާޒާކޮށްފައިވަނީ 35.9 މިލިއަން ރުފިޔާ އެވެ. އަދި ޢާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 29.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް އަންދާޒާކުރި ޢަދަދަށްވުރެ ބޮޑަށް ޚަރަދުތައް ހިނގާފައިވާއިރު ލިބޭނެކަމަށް ލަފާކުރި ޢަދަދަށް ވުރެ އިތުރަށް ވަނީ ލިބިފައެވެ.

ފުރަތަމަ ހަފުތާގައި އެންމެ ބޮޑު ޚަރަދެއް ހިނގާފައިވަނީ ރިކަރެންޓް ޚަރަދުގެ ގޮތުގައެވެ. މީގެތެރޭގައި ހިމެނެނީ މުސާރަ އާއި އެލަވަންސްތަކާއި ޕެންޝަން އަދި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ފައިސާއެވެ. މަޝްރޫޢުތަކަށް 82 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ. ރިކަރަންޓް ޚަރަދުގެ ގޮތުގައި ހިނގާފައިވަނީ 137.6 މިލިއަން ރުފިޔާ އެވެ.

ފުރަތަމަ ހަފުތާގައި ދައުލަތަށް ލިބުނު ޢާމްދަނީގެ ތެރެއިން 54.2 މިލިއަން ރުފިޔާއަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އެވެ. ޓެކްސް ނޫން ގޮތުގައި ލިބިފައިވަނީ 32.8 މިލިއަން ރުފިޔާ އެވެ. އެންމެ ގިނައިން ޢާމްދަނީ ލިބިފައިވަނީ ގުޑްސް އެންޑް ސަރވިސް ޓެކްސް އިންނެވެ. އެއީ 38.7 މިލިއަން ރުފިޔާ އެވެ. ދެވަނަ އަށް އެންމެ ގިނައިން ޢާމްދަނީ ލިބިފައިވަނީ ބިޒްނަސް އެންޑް ޕްރޮޕަރޓީ ޓެކްސް އެވެ. އެއީ 11.2 މިލިއަން ރުފިޔާއެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ހަފުތާގައި ދައުލަތަށް 234.7 މިލިއަން ރުފިޔާ ލިބުނެވެ. އަދި ޚަރަދު ކޮށްފައިވަނީ 81.4 މިލިއަން ރުފިޔާ އެވެ.

- ކޮމެންޓް