މި އަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅުން ބައިވެރިވާން އުޅުމުގެ ބޭނުމެއް ނެތް ކަމަށާއި، ޕީޕިއެމް/ޕީއެންސީ ބޮޑު ތަނުން ބަލިވާނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު އިދިކޮޅަށް ފާޑު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ތިލަދުންމަތީ ދަތުރުގައި ހދ. ނޮޅިވަރަމް އަށް ވަޑައިގެން އެ ރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ބައްދަލުކުރައްވާ އެމަނިކުފާނު ވާހަކަ ފެއްޓެވީ ލާމަރުކަޒީ ގާނޫނުގެ ބިލުންނެވެ.
ނަޝީދު ވިދާޅުވީ، މިއަދާ ހަމަޔަށް ޕީޕީއެމުން ކުރި މަސައްކަތަކީ ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަމަށެވެ. ޕީޕީއެމްގެ ވެރިކަމުގައި ލާމަރުކަޒީ ގާނޫނު ފަސް ފަހަރަށް އިސްލާހު ކޮށްފައިވާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ، އެ އިސްލާހާއި އެކު ކައުންސިލްގެ މަސައްކަތަށް އެ ޕާޓީން ހުރަސް އެޅި ކަމަށެވެ. މަޖިލީހުގެ ރައީސް ވިދާޅުވީ، ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ތަންފީޒު ކުރުމަކީ އެމްޑީޕީގެ ވައުދެއް ކަމަށާއި އެކަން ތަންފީޒު ކުރާނީވެސް އެ ޕާޓީން ކަމަށެވެ.
އިދިކޮޅުން ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް މަސައްކަތް ކުރަމުން ގެންދާތީވެ، ނަޝީދު ވަނީ އިދިކޮޅުން ކައުންސިލް އިންތިހާބުގައި ބޮޑުތަނުން ނާކާމިޔާބުވާނެ ކަމަށެވެ. އަދި އިންތިހާބުގައި ވާދަނުކުުރުމަށް ނަޝީދު ވަނީ ގޮވާލައްވާފައެވެ.
މިއަދު އައިސް އަޅުގަނޑުމެން ކައިރީ މި ދަންނަވަނީ ތިމަންނާމެން (އިދިކޮޅު) މި އުޅެނީ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާންވެގެންނޭ. ތިމަންނާމެންވެސް ތިކަމުގައި އުޅެން ބޭނުމޭ. ނޫން އުޅޭނެ ކަމެއް ނެތް.މުހައްމަދު ނަޝީދު ~ އެމްޑީޕީގެ ރައީސް
ރައީސް ސޯލިހު އާއި ރައީސް ނަޝީދުއާ ދެ ބޭފުޅުން ދުރުކުރަން ކުރާ މަސައްކަތްތައް ހުއްޓާލުމަށް އިދިކޮޅަށް ގޮވާލައްވަމުން ނަޝީދު ވިދާޅުވީ، ރައީސްއާ ދެ ބޭފުޅުން ދުވަހަކު ވެސް ދުރުނުކުރެވޭނެ ކަމަށެވެ. އެމްޑީޕީގެ ރައީސް ވިދާޅުވީ، މަޖިލީސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ އަށް ލިބުނު ގޮނޑިތަކަކީ، އެމްޑީޕީ އަށް ހެދުނު ވިޔާނުދާ ކަމަކުން އެ ޕާޓީއަށް ލިބުނު ގޮނޑިތަކެއް ކަމަށެވެ.