ކ. މާލެ
|
14 ޖެނުއަރީ 2020 | އަންގާރަ 12:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅުދައްކަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅުދައްކަވަނީ
ރައީސް އޮފީސް
ރައީސް ސޯލިހު
ކަނޑާއި ފަޅުތަކުގެ މުއްސަންދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ޚާއްސަ މަސައްކަތްތަކެއްކުރަން: ރައީސް ސޯލިހު
 
ކަނޑުފަޅުތަކުން ފައިދާ ހޯދޭނެ ގޮތްތައް އެނގިގެންދާނެ
 
ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް
 
ރާއްޖެއަކީ ބިޔަ ބޮޑެތި ކަނޑުތަކެއްގެ މައްޗަށް ވެސް އެކުލެވިފައިވޭ

ރާއްޖޭގެ ކަނޑާފަޅުތަކުގެ މުއްސަންދިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މިސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި, ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާ ފެށުމަށް ނޭކުރެންދޫގައި ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ރައީސް ސޯލިހު ވިދާޅުވީ މިސަރުކާރުން އެންމެ އިސްކަމެއްދީގެން ކުރަމުންދާ އެއް މަސައްކަތަކީ ތިމާވެށި ރައްކާތެރިކުރުން ކަމަށެވެ. ރާއްޖެއަކީ ހަމައެކަނި ކުދި ޖަޒީރާ ރަށްތަކެއްގެ ގޮތުގައި އެކުލެވިފައި އޮތް ގައުމެއް ނޫން ކަމަށާއި، ރާއްޖެއަކީ ބިޔަ ބޮޑެތި ކަނޑުތަކެއްގެ މައްޗަށްވެސް އެކުލެވިފައިވާ ގައުމެއްކަމަށެވެ.

ކަނޑާއިފަޅަށް ވަރަށް ބޮޑަށް ދިރިއުޅުން ބަރޯސާވެފައިވާކަން ފާހަގަކުރައްވައި ރައީސް ސޯލިހު ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް މިކަނޑާ ފަޅުތަކުގެ މުއްސަންދިކަން ފޯރުކޮށްދިނުންމަކީ ބޮލުގައި އެޅިފައިވާ ޒިންމާއެއް ކަމަށެވެ. އަދި އެމަސައްކަތް ސަރުކާރުން ޚާއްސަ އަހައްމިއްޔަތު ކަމެއްދީގެން ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ފުރަތަމަ ރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅެނީ ކޮންކަހަލަ މަސްމަހާ މެއްސެއްކަމާއި، ކޮން ކަހަލަ ދިރުމެއްކަން އެބަޖެހޭ ހޯދާ ދެނެގަންނަން، މިކަން ކުރެވެން އަންނަނީ ސައިޓިފިކް ރީސާޗެއްގެ ތެރެއިން މިއަދު މިމަސައްކަތް ކުރަން .އޭގެ އިތުރުން ވެސް ރާއްޖޭގެ ކަނޑުފަޅާ ފަރުތައް ހިމާޔަތް ކުރަން ބޭނުންވާ ވަރަށް މުހިންމު ސަބަބުތަކެއް އެބަހުރި. އަޅުގަނޑުމެން ބޭނުންވާ އެންމެ މުހިންމު އެއްކަމަކީ ރާއްޖޭގެ މަސްވެރިކަން ތަރައްގީ ކުރުން. ހަމައެއާއެކު ޓޫރިޒަމް ސިނާއަތުން ލިބިގެންވާ އެންމެ ރަނގަޅު ފައިދާ ލިބޭނެ ގޮތް ހެދުން.

ރައީސް ސޯލިހު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަންވާނީ ތިމާވެއްޓަށް ގެއްލުން ނުލިބޭ ގޮތަށް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއް ކަމަށެވެ. އަދި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓާއި, ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަން ގުޅިގެން ރާއްޖޭގެ ކަނޑުތަކާއި ގުޅޭ ދިރާސާތަކުން ކަނޑުފަޅުތަކަށް ގެއްލުން ލިބޭ ގޮތާއި، ދިރިއުޅެމުންދާ މަސްމަހާމެހީގެ ބާވަތްތަކާއި، ކަނޑުފަޅުތަކުން ފައިދާ ހޯދޭނެ ގޮތްތައް އެނގިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް ސޯލިހު ވިދާޅުވީ 2020 ވަނަ އަހަރު ކުރިމަތިލައިގެންދާއިރު، ލާމަރުކަޒީ ނިޒާމަށް އަންނަ ބަދަލާއެކު ކަނޑުފަޅުތަކުން މަންފާ ހޯދުމުގެ ޒިންމާ ކައުންސިލްތަކަށް ފުރިހަމަ ބާރު ލިބޭނެ ކަމަށެވެ. ނޭކުރެންދޫއަށް އަލިއަޅުއްވާލައްވާ ރައީސް ސޯލިހު ވިދާޅުވީ އެރަށުން ކުޅިވަރު ދާއިރާގައި ގައުމީ ފެންވަރުގައި ކުޅުންތެރިން އުފެއްދި ކަމަށާއި، ކުޅިވަރު ދާއިރާއިން އެރަށުގެ ޒުވާނުންނަށް އެފުރުސަތުތައް ފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިއަހަރުގެ ތެރޭގައި ކުރާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މީހުން ހިޖުރަކުރުމުގެ މައްސަލަ ކަމަށެވެ. އެގޮތުން 1400 އާބާދީއެއް އޮތް ނަމަވެސް މިހާރު އެރަށުގައި ދިރިއުޅެމުންދަނީ 600 އެއްހާ މީހުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ މިމައްސަލަ ހައްލުކުރުމަށް ކައުންސިލްއާ މަޝްވަރާތައް ކުރެވިގެން މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
50%
0%
50%
0%
0%
ކޮމެންޓް