ކ. މާލެ
|
13 ޖެނުއަރީ 2020 | ހޯމަ 16:10
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން
ރާއްޖެއެމްވީ
ހެލްތު މިނިސްޓަރު
ވެކްސިން ނުޖަހާކަން އެނގިހުރެ، އެފަދަ ކުދިންނަށް ޖާގަދޭ ސްކޫލްތަކަށް ފިޔަވަޅު އަޅާނަން: މިނިސްޓަރު އަމީން
 
ކުޑަކުއްޖެއްގެ ގައިންނާއި، ބޮޑު މީހެއްގެ ގައިން ބަލިވަނީ ފެނިފައި
 
ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅާނަން
 
އެސްކޫލެއް ހާމައެއް ނުކުރައްވާ

ތުއްތު އިރުގަ ކޮންމެހެން ދޭންޖެހޭ ވެކްސިން ނުދީ ހުއްޓާ، އެކަން އެނގިހުރެ އެކުއްޖަކަށް ސްކޫލުން ޖާގަދޭނަމަ، އެސްކޫލަކަށް ފިޔަވަޅު އަޅާނެކަމަށް ހެލްތު މިނިސްޓަރ، ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ހިމަބިހި ފެތުރެމުންދާކަން އިއުލާން ކުރުމަށް ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ވެކްސިން ނުދީ ތިބޭ ކުދިންނަށް ބައެއް ސްކޫލްތަކުން ޖާގަދީފައި ވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އޭގެތެރޭގައި އައްޑޫ ސިޓީގެ ސްކޫލެއް ހިމެނޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގައި ހިންގާ އިތުރު އެހެން ޕްރައިވެޓް ސްކޫލަކުންވެސް ވެކްސިން ނުދޭ ކުދިންނަށް ޖާގަދެމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެސްކޫލާ ބެހޭ އިތުރު ތަފުޞީލެއް މިނިސްޓަރ ހާމައެއް ނުކުރައްވައެވެ.

މިނިސްޓަރު އަމީން ވިދާޅުވީ ވެކްސިން ނުދީ ހުއްޓާ، އެކަން އެނގިހުރެ އެކުއްޖަކަށް ސްކޫލުތަކުން ޖާގަދޭނަމަ، އެފަދަ ސްކޫލުތައް ބަލާ އޮންނަ ނިޒާމުގެ ތެރެއިން ފިޔަވަޅުއަޅާނެ ކަމަށެވެ.

ޕްރައިވެޓް ސްކޫލުތައް ހުންނަ ތަންތަނުގައި އެކަން ބޮޑަށް ފާހަގަކުރެވިފައި ވަނީ. އެފަރާތްތަކާއި ވާހަކަދައްކައިގެން އެކަންކަން ހައްލުކުރުމަށްޓަކައި ވާހަކަ ދައްކަމުން ދަނީ. އަޅުގަނޑުމެން ކަށަވަރުކުރާނަން ޕްރައިވެޓް ސްކޫލަކަށް ވެސް ތައުލީމް ދޭ އެއްވެސް ސްކޫލަކަށް ވަދެވޭނީ ހުންނަންޖެހޭނީ ވެކްސިން ދީފައި.
ހެލްތް މިނިސްޓަރު އަމީން

މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުގެ އެއްވެސް ސްކޫލަކަށް ވެކްސިން ނުޖަހާ ކުއްޖަކު ނުވެއްދޭނެ ކަމަށާއި، ވެކްސިން ނުޖަހާނަމަ ވެކްސިން ދިނުމުގެ މަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ.

ސަރުކާރު ތައުލީމުދޭ އެއްވެސް ނިޒާމެއްގެ ތެރެއަށް ވަދެވޭނީ ވެކްސިން ދިނުމަށްފަހު. އަމިއްލަ ފަރާތްތަކުން ފާހަގަކުރެވިފައި އެބަހުރި ވެކްސިން ނުޖަހާ ކުދިން އަމިއްލަ ފަރާތްތަކުން ސްކޫލަށް ވަދެފަ ހުރި ކަމަށް. ވެކްސިން ނުޖަހާ އިންކާރު ކުރާ މީހުންގެ މައުލޫމާތު އެބަހުރި.
ހެލްތް މިނިސްޓަރު އަމީން

ވެކްސިން ނުޖަހައި ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުރި ކަމަށް، ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ވެސް ވަނީ ވިދާޅުވެފައެވެ. އަދި ޑރ. ފައިސަލް ވިދާޅުވީ އެއީ ކޮން ސުކޫލެއްކަން އެޗްޕީއޭއަށާއި، އައްޑޫގެ ވެކްސިން ޖެހުމާއި ހަވާލުވެ ތިބި ފަރާތްތަކަށް އެނގޭނެ ކަމަށެވެ. އަދި މިމަޢުލޫމާތު ޑރ.ފައިސަލް އަށް ދެއްވީ ވެސް، ވެކްސިން ދިނުމުގެ ކަންތަކުގައި އުޅޭ މީހުން ކަމަށެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. ޢައިޝަތު ޢަލީ ވިދާޅުވީ ޞިއްޙީ ދާއިރާގެ ބޭފުޅުން ނުސީދާ ގޮތެއްގައި އެފަދަ މައްސަލަތައް ނެންގެވުމަކީ ޢާންމުންގެ މެދުގައި ބިރާއި ނުތަނަވަސްކަން ފެތުރޭނެ ކަމެއް ކަމަށެވެ. އެހެންކަމުން ޑރ. ފައިސަލަށް ލިބިވަޑައިގެންފައިވާ މަޢުލޫމާތު ޙިއްސާ ކުރައްވަން މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ.

ކުޑަކުއްޖަކާއި، ބޮޑު މީހެއްގެ ގައިން ހިމަބިހި ފެނިފައިވާއިރު، ރާއްޖެއަކީ ހިމަބިހި(މީސްލްސް) ނައްތާލާފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާ އިޢުލާންކޮށްފައި ވަނީ 13 ޖޫން 2017 ގައެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތު ކުދިން ރައްކާތެރިކުރުމަށް ރާއްޖޭގައި ވެކްސިންދޭން ފަށާފައި ވަނީ 1976 ވަނަ އަހަރުއެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައި ވަނީ 1983 ވަނަ އަހަރުއެވެ. ދިވެހިރާއްޖެއިން މީސްލްސް ޖެހިފައިވާ މީހަކު އެންމެ ފަހުން ފެނިފައިވަނީ 2009 ވަނަ އަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް