ކ. މާލެ
|
11 ޖެނުއަރީ 2020 | ހޮނިހިރު 22:45
އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ހާމަނާއީ- ހާމަނާއީ އާ ދެކޮޅަށް އިރާނުގައި އަންނަނީ މުޒާހަރާކުރަމުން
އިރާނުގެ ސްޕްރީމް ލީޑަރ އާޔަތުﷲ އަލީ ހާމަނާއީ- ހާމަނާއީ އާ ދެކޮޅަށް އިރާނުގައި އަންނަނީ މުޒާހަރާކުރަމުން
ރޮއިޓަރސް
އިރާނު
ޚާމަނާއީ ފޭބުމަށް ގޮވާލާ އިރާނުގަ މުޒާހަރާ ކުރަނީ
މުޒާހަރާކުރަމުން މިދަނީ ބުދަދުވަހު ޔޫކްރެއިންގެ ފްލައިޓަކަށް އަމާޒުކޮށް ދިން މިސައިލް ހަމަލާއެއްގައި އެފްލައިޓް ވެއްޓި އޭގައި ތިބި އެންމެން މަރުވުމާއި ގުޅިގެން
ފްލައިޓް ވެއްޓުނީ، އިރާނުން ފޮނުވާލި މިސައިލެއް އަރިގެންކަން އިރާންގެ ރައީސް ހަސަން ރޫހާނީ ވަނީ ހޮނިހުރު ދުވަހު ކަށަވަރު ކޮށްދެއްވާފައި

އިރާނުގެ ސުޕްރީމް ލީޑަރ އާޔަތުﷲ ޢަލީ ޚާމަނާއީ ފޭބުމަށް ގޮވާލާ އިރާނުގަ މުޒާހަރާ ކުރަމުން އެބަދެއެވެ.

ރޮއިޓަރސް އިން ބުނާގޮތުން އިރާނުގެ ވެރިރަށް ތެހެރާންގެ އާމިރް ކަބީރް ޔުނިވަރސިޓީ ކުރިމަތީގައި ތިބެގެން އެތައް ސަތޭކަ ބަޔަކު އަންނަނީ ޚާމަނާއީ ފޭބުމަށް ގޮވާލަމުންނެވެ. މިމީހުން މުޒާހަރާކުރަމުން މިދަނީ ބުދަ ދުވަހު ޔޫކްރެއިންގެ ފްލައިޓަކަށް ޢަމާޒުކޮށް ދިން މިސައިލް ޙަމަލާއެއްގައި އެ ފުލައިޓު ވެއްޓި އޭގަ ތިބި އެންމެން މަރުވުމާއި ގުޅިގެންނެވެ.

ތެހެރާނަށް ވެއްޓުނު ފްލައިޓު ވެއްޓުނީ، އިރާނުން ފޮނުވާލި މިސައިލެއް އަރިގެންކަން އިރާންގެ ރައީސް ޙަސަން ރޫޙާނީ ވަނީ ހޮނިހުރު ދުވަހު ކަށަވަރު ކޮށްދެއްވާފަ އެވެ. އިރާނުގެ ރައީސް ކުރެއްވި ޓްވީޓެއްގައި، ރޫޙާނި ވިދާޅުވީ ފްލައިޓަށް ޢަމާޒުކޮށް ޙަމަލާދިނީ "ދުޝްމަނުން" ގެ ވައިގެ އުޅަނދެއް ކަމަށް އިރާންގެ އަސްކަރިއްޔާއަށް ހީކުރެވިގެން ކަމަށެވެ.

އިރާނުގެ އަސްކަރިއްޔާގެ މި ޢަމަލާ ގުޅިގެން، ރައީސް ރޫޙާނީ ވަނީ މަޢާފަށް އެދިވަޑައިގެންފައެވެ. އަދި މި ޙާދިސާއާ ގުޅިގެން ކުރަން ޖެހޭ އިތުރު ތަޙުޤީޤުތައް ކުރިޔަށްދާ ކަމުގެ ޔަޤީންކަންވެސް ރޫޙާނީ ވަނީ އަރުވާފައެވެ. މިއީ "މަޢާފު ނުކުރެވޭނެ" ވަރުގެ ކުށެއް ކަމަށްވެސް ރޫޙާނީ ކުރެއްވި ޓްވީޓުގައި ބަޔާން ކުރައްވާފައިވެއެވެ.

މިއީ އޮޅުމަކުން ދެވުނު ޙާމަލާއެއް ކަމަށް އިރާނުން ހާމަކޮށްފައިވަނީ، ފްލައިޓު ވެއްޓުނީ މިސައިލް ޙަމަލާއެއް އެރުމުން ނޫންކަމަށް ދުވަސްތަކެއް ވަންދެން އިރާނުން ބުނުމަށް ފަހުގައެވެ. ފްލައިޓު ވެއްޓުނީ އިރާނުގެ މިސައިލް ޙަމަލާއަކުން ކަމަށް ޝައްކުކުރެވޭ ކަމަށް އެމެރިކާ އަދި ކެނެޑާއިންވެސް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މިސައިލް އެރުމާއި ގުޅިގެން ވެއްޓުނު ފްލައިޓު ދަތުރުކުރަމުން ދިޔައީ އިރާނުގެ ވެރިރަށް ތެހެރާނުން، ޔޫކްރެއިންގެ ވެރިރަށް ކިއޭވްއަށް ދަތުރުކުރުމަށެވެ. ފަޅުވެރިންނާއި، ފަސިންޖަރުން ހިމެނޭގޮތަށް 176 މީހަކާއެކު ދަތުރުކުރަމުން ދިޔަ ފްލައިޓުގަ ތިބި އެންމެން ވަނީ މަރުވެފައެވެ. މަރުވި މީހުންގެ ތެރޭގައި އިރާނުގެ 87 މީހަކާއި، ކެނެޑާގެ 57 މީހަކާއި، ޔޫކްރެއިންގެ 11 މީހަކު ހިމެނެއެވެ.

އަނެއްކޮޅުން މިކަމާ ދެކޮޅަށް މުޒާހަރާ ކުރަމުންދާ މީހުން ގެ ވީޑިއޯތައް ޓްވިޓަރ އަށް ޕޯސްޓް ކުރަމުންދާއިރު ރޮއިޓަރސް އިން ބުނެފައިވަނީ އެ ވީޑިއޯތަކުގެ ޞައްޙަކަން ކަށަވަރު ނުކުރެވޭކަމަށެވެ. ނަމަވެސް ޓްވިޓަރ ގައި ގިނަ ބަޔަކު އަންނަނީ އިރާނުގައި މިހާރު އޮތް ވެރިކަމާއި ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ވީޑިއޯތައް ޕޯސްޓް ކުރަމުންނެވެ.

އިރާނުގެ ސްޕްރީމް ލީޑަރ ކަމާއި ޢާޔަތުﷲ ޢަލީ ޚާމަނާޢީ ޙަވާލުވެވަޑައިގެންނެވީ 1989 އަހަރު އެވެ. އޭގެކުރިން ޚާމަނާއީ ހުންނެވީ އިރާނުގެ ރައީސް ކަމުގައެވެ. ޚާމަނާއީއާ ދެކޮޅަށް އިރާނުގެ އެކި ޞަރަޙައްދުތަކުގައި އަންނަނީ މިފަހަކުން މުޒާހަރާ ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް