ކ. މާލެ
|
10 ޖެނުއަރީ 2020 | ހުކުރު 22:29
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު
ރައީސް އޮފީސް
ފުލުހުން
ޓްރެފިކް ގަވާއިދު ދަމަހައްޓަން ފުލުހުން ކުރާ މަސައްކަތް ގިނަ، ލުއި ގޮތެއް ހޯދަންޖެހޭ: ހަމީދު
 
ފުލުހުންގެ މަސައްކަތައް ލުޔެއް ގެނެސްދީ އެކަމަށް ހަރުދަނާ ނިޒާމެއް ކަނޑައެޅުމަށް ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރާނަން
 
ރާއްޖޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ގިނަ އަދަދެއްގެ ޓްރެފިކް ފުލުހުން ގިނަ ވަގުތުތަކެއް ހޭދަކުރޭ
 
ޓްރެފިކް ގަވާއިދާއި ހިލާފުވެގެން 36،963 ވެހިކަލްގައި ސްޓިކާ ޖަހާފައިވޭ

މަގުމަތީގެ ގަވާއިދުތައް ތަންފީޒުކުރުމަށް ފުލުހުން އުފުލަންޖެހޭ މަސައްކަތް ބުރަ ބޮޑުކަމަށާއި އެކަމަށް ލުއިގޮތްތަކެއް ހޯދަންޖެހޭކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

2019 ވަނަ އަހަރު ޓްރެފިކް މައްސަލަތަކުގައި ފިޔަވަޅު އެޅުނުގޮތުގެ ތަފާސްހިސާބު އާންމުކޮށް ކޮމިޝަނަރ އޮފް ޕޮލިސް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ގިނަ އަދަދެއްގެ ޓްރެފިކް ފުލުހުން ގިނަ ވަގުތުތަކެއް ހޭދަކުރާކަމަށެވެ. އަދި ފުލުހުންގެ މަސައްކަތައް ލުޔެއް ގެނެސްދީ އެކަމަށް ހަރުދަނާ ނިޒާމެއް ކަނޑައެޅުމަށް ކަމާބެހޭ އިދާރާތަކާއި ކުރިޔަށް އޮތް ހަފްތާ ތެރޭގައި ބައްދަލުވުމެއް ބާއްވާނެކަމަށް އޭނާ ވިދާޅުވި އެވެ.

ފާއިތުވެގެންދިޔަ އަހަރުގެ ފުލުހުންގެ ތަފާސްހިސާބްތަކުން ދައްކާ ގޮތުގައި، ޓްރެފިކް ގަވާއިދާއި ހިލާފުވެގެން 36،963 ވެހިކަލްގައި ސްޓިކާ ޖަހާފައިވާކަމަށެވެ. މީގެއިތުރުން މުވާސަލާތީ ވަސީލަތެއް ބޭނުންކުރަމުން ދުއްވި މައްސަލައިގައި 1875 ފަރާތަކަށް ފިޔަވަޅު އަޅާފައިވާއިރު ލައިސަންސް ލިބިފައިވާ މީހެއް އަތުގައި ލައިސަންސް ނެތި ދުއްވި މައްސަލައިގައި 1704 މީހުންނަށް ވަނީ ފިޔަވަޅު އަޅާފައެވެ.

ލައިސަންސް ހިފަހައްޓާފައިވަނިކޮށް ނުވަތަ ވަގުތީ ލައިސެންސެއް ނެތި ދުއްވި މައްސަލައިގައި 2857 މީހަކަށް ފިޔަވަަޅު އަޅާފައިވާއިރު އަހަރީ ފީ ނުދައްކައި ނުވަތަ އަހަރީ ފީގެ މުއްދަތު ހަމަވެފައިވާ އުޅަނދު ދުއްވައިގެން 2684 މީހަކަށް ވަނީ ފިޔަވަޅުއަޅާފައެވެެ. އެންމެ ގިނައިން ފިޔަވަޅު އަޅާފައިވާ އަނެއްކަމަކީ އެގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމުން 7589 ފަރާތަކަށް ފިޔަވަޅު އެޅި މައްސަލައެވެ.

ފުލުހުންގެ ތަފާސްހިސާބުގައި ގިނަ އަދަދެއްގެ ވައިލޭޝަންތަކާއެކު ފިޔަވަޅު އަޅާފައިވާއިރު، ޕާކް ކުރާނެ ޖާގައެއް ނެތުމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. ހަމައެކަނި މާލެ ސަރަހައްދަށް ރަޖިސްޓްރީކޮށްފައިވާ ސައިކަލްތަކުގެ ޖުމްލަ އަދަދު 70000 އަށްވުރެ މަތީގައި ހުރިއިރު، ޕާކް ކުރާނެ ތަނެއް ނެތި ޕާކްކުރުން މަނާ ސަރަހައްދުތަކުގައި ޕާކްކުރުމާ ގުޅިގެން ފުލުހުން އަންނީ މިހާރަކަށް އައިސް ޖޫރީމައިނާ ކުރުން އިތުރުވެފައެވެ. މިކަމާއި މެދު އާންމުންގެ ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
0%
0%
0%
0%
0%
ކޮމެންޓް