މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަންޖެހޭކަމަށް ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ދޮގު މައުލޫމާތު ދެއްވިކަމަށް ތުހުމަތުކުރެވޭ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުގެ ލަފައަކަށް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަ ފުލުހުންނަށް ހުށައަޅަން ނިންމުމާއި ގުޅިގެން ޓްވިޓަރ މެދުވެރިކޮށް ޑރ ޝަހީމް ވިދާޅުވީ، މަރު ކޮމިޝަނުން ފޮނުވި ދައުވާތައް ޕީޖީން އަނބުރާ ފޮނުވާލުމުން ދޭހަވަނީ އެ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވި ހުސްނުއް ސުއޫދު ކުޅުނީ ސިޔާސީ ކުޅިއެއްކަން ކަމަށެވެ. އަދި އެމަނިކުފާނު ސުޕްރީމް ކޯޓުން އަޒުލުކުރަންޖެހޭކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ ތަހުގީގު ފުރިހަމަނުކޮށް ރިޕޯޓު ނެރުނު މައްސަލައިގައި ގާނޫނީގޮތުން ފިޔަވަޅު އަޅަންޖެހޭކަމަށެވެ.
ޝަޙީމް ވަނީ ރައީސް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަށް ލިބިގެންވާ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި ސިޔާސީގޮތުން ބަޔަކު ބަދުނާމުކޮށް، އަނިޔާވެރިކޮށް މަރާލައިފައިވާ ޑރ އަފްރާޝިމްގެ މަރުގެ މިސްރާބު ދީނީ މީހުންގެ ބޮލަށް "ބިންދާލުމަށް" މަސައްކަތް ކުރަނީ ހަގީގީ ގާތިލުން ފުރޮވުމަށްކަމަށް ތުހުމަތުކޮށްފައެވެ. އަދި ކޮމިޝަނުގެ މެމްބަރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ.
ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގެ ތަހުގީގަށް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ދޮގު މައުލޫމާތު ދެއްވާފައިވާތީ އާއި، ތަހުގީގަށް ހުރަސް އަޅުއްވާފައިވާތީވެ، އެ މައްސަލާގައި ޑރ. ޝަހީމުގެ މައްޗަށް ދައުވާކޮށްދެއްވުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުގައެވެ.
ޑރ. އަފްރާޝީމް މަރާލާފައިވަނީ، 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި، ސްޓެލްކޯ ސަރަހައްދުގައި ހުންނަ ހ. ފުންވިލު ސިޑި ގޮޅި ސަރަހައްދުގައެވެ. އަފްރާޝީމް މަރާލުމުގެ ދައުވާ ސާބިތުވެފައި ވަނީ ހ. ލޮބީ ހުސައިން ހުމާމްގެ މައްޗަށެވެ. އަދި އެ މައްސަލައިގާ ހައްޔަރުކުރި އެހެން މީހުންގެ މައްޗަށް އެކަމުގެ އެއްވެސް ކަމެއް ސާބިތު ނުވެ އެ މީހުން ވަނީ މިނިވަންވެފައެވެ.