ޖަޕާނުގައި އުމުރުން ދުވަސްވީ މީހުން އިންޖީނުލީ އެއްޗެހި އަމިއްލަ އަށް ދުއްވުން ހުއްޓާލަން ހިތްވަރު ދިނުމުގެ ގޮތުން، ލައިސަންސް ގެނެސް ހަވާލު ކޮށްފިނަމަ، އެމީހަކު މަރުވުމުން ބާއްވާ ޖަނާޒާއަށް ހިނގާ ޚަރަދުން 15 ޕަސެންޓްގެ ޑިސްކައުންޓު ދޭ ޕްރޮގްރާމެއް އައިޗީ ޕްރިފެކްޗަރގައި ފަށައިފި ކަމަށް ކިޔޯޑޯ ނިއުސް އޭޖެންސީން ބުނެފިއެވެ.
ޖަޕާނުގައި އުމުރުން ދުވަސްވީ މީހުން އިންޖީނު އެޅި އެއްޗެހި އަމިއްލަ އަށް ދުއްވުމުގެ ސަބަބުން އެކްސިޑެންޓްތަކާއި، ލިބޭ ގެއްލުންތައް ފާހަގަ ކުރެވޭ މިންވަރަށް އިތުރުވެފައި ވުމާއެކު، އެއްޗެހި ދުއްވުމުން ދުރު ކުރުމަށް ސަރުކާރުގެ އިދާރާތަކުން އެތައް މަސައްކަތެއް ކުރަމުންދާ ކަމަށް މި ޚަބަރުގައިވެއެވެ.
އުމުރު މައްޗަށް ދިއުމުގެ ސަބަބުން ގިޔަރާ ބުރެކި އޮޅި ހަނދާން ނެތިގެން ބުރެކި ޖައްސައްޖެހޭ ތަންތާގައި ގިޔަރަށް ލެވުން ފަދަ ކަންކަން ކުރިމަތިވުމުގެ ސަބަބުން ނުރައްކާތަކާ ކުރިމަތިލާން ޖެހިފައި އެބަހުއްޓެވެ.
މި ޚާއްސަ ޑިސްކައުންޓުގެ ބޭނުން ހިފަން އެދޭނަމަ، ހަދަން ޖެހޭ ގޮތަކީ، ޑްރައިވިންގ ލައިސަންސް ފުލުސް އޮފީހަކާ ހަވާލުކޮށް، ހަވާލު ކުރި ލިޔުން ގެނެސް ޖަނާޒާގެ ކަންކަން އިންތިޒާމު ކުރާ ތަނަކާ ހަވާލު ކުރަނީއެވެ. މި ޚަބަރުގައި ބުނާ ގޮތުން ލައިސަންސް ހަވާލު ކުރުމުން އޭނާއަށް ޖަނާޒާގެ 15 ޕަސެންޓް ޑިސްކައުންޓު އާއިލާގެ އެހެން މީހަކު އޭނާއަށް ވުރެ ކުރިން މަރުވެއްޖެނަމަ އެމީހަކަށްވެސް އެ ޑިސްކައުންޓް ހަމަޖެއްސިދާނެއެވެ.
ޖަޕަނީސް ޓައިމްސް ބުނާ ގޮތުގައި 2015 ވަނަ އަހަރުގެ ނިޔަލަށް ލައިސަންސް ލިބިފައިވާ އުމުރުން 75 އަހަރުން މަތީގެ 4.8 މިލިއަން މީހުން ޖަޕާނުގައި އުޅެއެވެ.
ދުވަސްވީ މީހުންގެ ލައިސަންސް ރައްދު ކުރުމަށް ބާރު އެޅުމުގެ ގޮތުން ލައިސަންސް ހަވާލު ކުރުމުން ހެޔޮ އަގުގައި ނޫޑްލްސް ލިބޭ ސްކީމެއްވެސް މީގެ ކުރިން ޖަޕާނުގައި ވަނީ ތައާރުފް ކޮށްފައެވެ.