މާލެ ސިޓީގައި މިހާރު ބޭނުންކުރަމުން އަންނަ ފަތާ ޓްރެކް ޒަމާނީ ފެންވަރަކަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިޔަށް ނުގެންދެވި އޮތް މައްސަލަ ޙައްލުކޮށް ވަރަށް ކައިރި މުސްތަޤުބަލެއްގައި މަޝްރޫޢުގެ މަސައްކަތް ފެށޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވާނެކަމަށް، މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރންމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
ފަތާ ޓްރެކް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް، އެކަން ޙަވާލުކުރެވިފައިވާ ކޮންޓްރެކްޓަރަށް ކުރިޔަށް ނުގެންދެވި އޮތީ، ފަތާ ޓްރެކް ޞަރަޙައްދުގައި އަޅަން ޤަޞްތުކުރި ޢިމާރާތް އެޅުމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އޭޖެންސީން މަސައްކަތަށް ބޭނުންވާ ހުއްދާ ދޫނުކޮށްގެން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، ޖުމުލަކޮށް ބޭނުންވާ ހުއްދަތައް ހޯދުމަށްފަހު ކޮންޓްރެކްޓަރުގެ ސުވާލުތަލާއި ގުޅިގެން ކަމާބެހޭ މަޝްވަރާ ކުރުމަށްފަހު، ފަތާ ޓްރެކް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢު އަވަސް މުސްތަޤުބަލެއްގައި ފެށިގެންދާނެ ކަމަށެވެ.
" އެކަމާއި ގުޅިގެން އަޅުގަނޑުމެން ހަދަން ޖެހޭ ހުރިހާ ދިރާސާތަކެއް ހަދައި ނަގަން ޖެހޭ ހުރިހާ ހުއްދައެއް ނެގުމަށްފަހު ހަމަ ހުއްޓުމެއްނެތި ހަމަ އަޅުގަނޑުމެން ދެބައި މީހުން ގުޅިގެން ހަމަ ދިޔައީ މަސައްކަތް ކުރަމުން. އަދި ރައީސުލްޖުމްހޫރިއްޔާވެސް އެކަންތައް ގެންދެވީ ބައްލަވަމުން. އެހެންމަ އަޅުގަނޑުމެން މިހާރު އުއްމީދު ކުރަނީ މިހާރު އަނެއްހެން ޖުމްލަކޮށް ލިބެންޖެހޭ ހުއްދަތައް ލިބިފައި އަދިވެސް ކޮންޓްރެކްޓަރާއި ކޮންޓްރެކްޓަރުގެ ބައެއް ސުވާލުތައް ހުރީމަ މިހާރު އެކަމާ ގުޅިގެން ޕްލޭނިންގް އާއި ސްވިމިންގް އެސޯސިއޭޝަނާއި އެއްކޮށް ކުރަންޖެހޭ މަޝްވަރާތައް ކުރުމަށްފަހު އިރާދަކުރެއްވިއްޔާ އަނެއްކާވެސް ވީހާވެސް އަވަހަކަށް ފެށިގެންދާނެ"ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް
ސްވިމިންގް ޓްރެކް ޒަމާނީ ފެންވަރަށް ތަަރައްޤީކުރުމަށް ޤަޞްތުކޮށްފައިވާއިރު ސްވިމިންގް ޓްރެކް ގައި ޗޭންޖިންގް ރޫމަކާއި، ފެންވެރޭނެ ފާޚަނާ ބަރިއެއް ގެ އިތުރުން، މީހުންނަށް އިށީނދެވޭނެހެން ހިޔާ ކުރެވިފައިވާ ސިޑި ބަރިއެއް ހެދުމަށް ހަމަޖެހިފައިވެއެވެ.
ސްވިމިންގ ޓްރެކް ޞަރަޙައްދުގައި ޢިމާރާތް ކުރަން ނިންމައިފައިވާ ޢިމާރާތުގެ މަސައްކަތް އީޕީއޭ އިން ދޭންޖެހޭ ހުއްދަ ނުލިބުމުގެ ސަބަބުން މަސަައްކަތް ނުފެށުނު ކަމަށާއި އޭގެ ޙައްލަކީ ސްވިމިންގ ޕޫލެއް ކަމަށް މިނިސްޓަރ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް މާލޭގައި ސްވިމިންގް ޕޫލެއް އެޅުމަށްޓަކައި, ކުރީގެ ކުނިގޮނޑު ހުރި ބިން ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ސްވިމިންގ ޓްރެކް ޒަމާނީ ފެންވަރަށް ތަރައްޤި ކުރުމަށް މާޒިޔާ ކޮންސްޓްރަކްޝަންސް އާއި އެކު ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.