އެއްބަސްވުމެއްގައި ފޯރޖް ކޮށްފައިވާ ސޮއެއް ބޭނުންކުރެއްވިކަމަށް ބުނާ މައްސަލައެއްގައި ދ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލް ރައްޒާޤް މުހައްމަދު ސަސްޕެންޑް ކުރުމަށް ޖޭއެސްސީން ނިންމުމާއި ގުޅިގެން ޕްރޮސެކިޔުޓަރ ޖެނެރަލް ހުސައިން ޝަމީމް ޖޭއެސްސީއަށް ސާބަސް ދެއްވައިފި އެވެ.
ޕީޖީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސޮއި ފޯޖުކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް ގެނައީ ޕްރޮސެކިޔުޓަރ ޖެނެރަލްގެ ޕްރޮސެކިއުޓަރެއް ކަަމަށެވެ. އަދި އެމައްސަލަ ހުށަހެޅީ މަޑުމަޑުން މުޅި ނިޒާމަށް އިތުބާރު ހޯދައިދޭން ބޭނުންވާތީ ކަމަށްވެސް ޕީޖީ ވިދާޅުވި އެވެ. ނަޒާހަތްތެރި ޖުޑީޝަރީއެއް ލިބުމަކީ ރައްޔިތުންގެ އަސާސީ ހައްގެއްކަމަށްވެސް ޕީޖީ ވިދާޅުވި އެވެ.
ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް އަބްދުލް ރައްޒާޤް ހުށައެޅުއްވި އެއްބަސްވުމުގައިވާ ސޮޔަކީ ފޯރޖް ކޮށްފައިވާ ސޮއެއްކަމަށް ބުނާ މައްސަލައެއް ފުލުހުން ތަޙްޤީޤު ކުރަމުންދާކަން އަންގާވަފައިވާ ކަމަށެވެ.
މިފަހަކުން ޖޭއެސްސީން އަންނަނީ ފަނޑިޔާރުންނާއި މެޖިސްޓްރޭޓް ކޯޓުތަކުގެ އިސް މެޖިސްޓްރޭޓުންގެ މައްސަލަތައް ބަލާ ފިޔަވަޅު އަޅަމުންނެވެ. އަދި އެފަރާތްތައް ވަކިކުރުމަށް ނިންމާ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވަމުންނެވެ.