ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ޞިއްޙީ ދާއިރާ ކުރިއެރުވުމުގެ މަޝްވަރާކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ސޮއިކޮށްފައިވާ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ އިން ދަ ފީލްޑް އޮފް ހެލްތު" ގެދަށުން އެންމެހާ ކަންތައްތައް ކުރިއަށްދާގޮތް ބެލުމަށް އެކުލަވާލެފައިވާ ވޯރކިން ގްރޫޕުގެ ފުރަތަމަ ބައްދަލުވުން ބޭއްވީ ހޯމަ ދުވަހުއެވެ.
މިބައްދަލުވުމުގައި ޞިއްޙީ ދާއިރާއިން މީހުން ބިނާކުރުމުގައި އިންޑިއާގެ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުންނާއި، ޢާންމު ޞިއްޙަތު ކުރިއެރުވުމުގައި ފަންނީ އެހީތެރިކަން ހޯދުމާއި، އިންޑިއާއިން ރާއްޖޭގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކެންސަރު ބައްޔަށް ފަރުވާދޭ ޚާއްޞަ ހޮސްޕިޓަލުގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތްތަކާއި ގުޅޭ މަޝްވަރާތައްވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.
ދިވެހިރާއްޖޭގެ ފަރާތުން މި ރވޯކިންގ ގްރޫޕުގަ، އިސް ބޭފުޅެއްގެ ގޮތުން ބައިވެރިވަޑައިގެންނެވީ މިނިސްޓްރީ އޮފް ހެލްތުގެ ޕަރމަނަންޓް ސެކްރެޓަރީ ޚަދީޖާ ޢަބްދުއްސަމަދު ޢަބްދުﷲއެވެ. އިންޑިއާގެ ފަރާތުން އިސްބޭފުޅެއްގެ ގޮތުގައި ބައިވެރިވަޑައިގެންނެވީ އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއަރގެ ސެކްރެޓަރީ ޕްރީތީ ސުދާންއެވެ.
މިބައްދަލުވުމުގައި ދެޤައުމުގެ ހެލްތު މިނިސްޓްރީގެ އިސް މަސްއޫލުވެރިންގެ އިތުރުން ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އާއި، ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގެ ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.
ޖޮއިންޓް ވޯރކިންގ ކޮމެޓީގެ ބައްދަލުވުމުގެ ކުރިން އިންޑިއާގެ ޓީމުންވަނީ އެކްޓިންގ މިނިސްޓަރ އޮފް ހެލްތު ޑރ. އިބްރާހިމް ޙަސަންގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މިބައްދަލުވުމުގައި އިންޑިއާ ސަރުކާރުން ރާއްޖޭގެ ޞިއްހީ ދާއިރާ ކުރިއެރުވުމަށް ދޭ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ. އަދި ޞިއްހީ ދާއިރާ އިތުރަށް ތަރައްޤީ ކުރެވޭނެ ގޮތްތަކާއިބެހޭގޮތުން މަޝްވަރާކުރެވިގެންދިޔައެވެ.
ބައްދަލުވުން ނިންމާލީ، ދެޤައުމުގެ ގުޅުމަށްއައި ހެޔޮ ބަދަލާއެކު ޞިއްހީ ދާއިރާ ކުރިއެރުވުމަށް ގުޅިގެން ޙާއްޞަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމުގެ ޔަޤީންކަމާއިއެކުގައިކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.