އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ހުރިހާ ކައުންސިލަކަށް ވާދަކުރުމަށް ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީން އެގޮތަށް ނިންމީ އެޕާޓިން ބޭއްވި 137 ވަނަ ކައުންސިލް ބައްދަލުވުމުގައެވެ. ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުންތަކާއި ގުޅޭގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ އިސް ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ ކައުންސިލުން ނިންމައިފައި ވަނީ ޖެނުއަރީ މަހުގެ 6 ވާ ހޯމަ ދުވަހުން ފެށިގެން، އެކަމަށް ކުރިމަތިލާ ފަރާތްތަކުން ފޯރމު ހުށަހެޅުމަށް ހުޅުވާލުމަށެވެ. އަދި އެ ޕާރޓީގެ ޓިކެޓުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް ރަށުގައި ތިއްބަވައިގެން އިންޓަރނެޓް މެދުވެރިކޮށް ވެސް ފޯރމު ފުރޭނެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
ދާއިރާއަކަށް އެއް ބޭފުޅަކަށްވުރެ ގިނަ ބޭފުޅުން ކުރިމަތިލާނަމަ ޕްރައިމަރީއެއް ބާއްވާނެ ކަމަށާއި އެއްވެސް ބޭފުޅަކަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން ނިންމާފައިނުވާ ކަމަށް އަލީ ސޯލިހު ވިދާޅުވި އެވެ.
އޭގެ އިތުރުން ކައުންސިލް އިންތިހާބާއެކު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް ޖޭޕީން ވާދަކުރާނެ ކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވެސް ވަނީ ހުރިހާ ދާއިރާއަކަށް ކުރިމަތިލުމަށް ނިންމާފަ އެވެ. އަދި އިންތިޚާބުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ސަރުކާރުން ހިންގާ މައި ޕާޓީކަމަށްވާ އެމްޑީޕީންވެސް ވަނީ އިންތިޚާބުގައި ވާދަކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.