ސިނަމާލެ ބްރިޖްގައި ދަބަރު ޖެހުން ހުއްޓުވުމަށްޓަކައި މިހާރު ބްރިޖްގައި ލަމުންގެންދާ އާ ކޯޓިންގ އާ ގުޅޭގޮތުން ޗައިނާ ސަފީރު ޒާން ލިއޮންގ މައުލޫމާތު ދެއްވައިފި އެވެ.
އެކަމާގުޅޭގޮތުން ޗައިނާ ސަފީރު ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވެފައިވަނީ ތިން މަސްދުވަސް ވަންދެން މި ކޯޓިންގ ލެބޯޓްރީގައި އުފެއްދުމަށް މަސައްކަތް ކުރިކަމަށެވެ. އަދި އެއަށްފަހު ނުވަ މަސްދުވަސް ވަންދެން މި ކޯޓިންގ ސައިޓްގައި ޓެސްޓްކުރިކަމަށާއި މިކަމަށް 2400 ގަޑީރު ހޭދަވިކަމަށް ސަފީރު ވިދާޅުވި އެވެ. އަދި އެއަށްފަހު އެ ސާމްޕަލް ލެބޯޓްރީއަށް ގެންދިޔުމަށްފަހު އެކަން އަލުން ދިރާސާކޮށް ބެލިކަމަށް ސަފީރު ވިދާޅުވި އެވެ.
ދަބަރު ޖެހުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް އާ ކޯޓިން އެއް ބޭނުންކުރަން ފެށީ ބުރިޖުގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުންޏާ އެ ޤައުމުގެ ޔުނިވަރސިޓީ އަކާ ގުޅިގެން އެކި ފަހަރު މަތިން ކުރިއަށް ގެންދިޔަ ތަހުލީލުތަކަށް ފަހު ކަމަށް ސަފީރު ވިދާޅުވި އެވެ. އަދި މިކަމަށް އަހަރެއްހާ ދުވަސް ހޭދަވެގެންދިޔައީ ދިރާސާކޮށް ޓެސްޓުތައް ހަދާ މިކަމަށް އެންމެ އެކަށޭނެ ކޯޓިންގ އެއް އުފެއްދުމަށްކަމަށް ސަފީރު ވިދާޅުވި އެވެ.
މި ކޯޓިން އަކީ ތިމާވެއްޓެހި ރައްޓެހި ގޮތަކަށް އުފައްދާފައިވާ ކޯޓިން އެއްކަމަށާއި ގިނަ އަހަރުތަކެއް ވަންދެން މިކޯޓިން ލުމުން ދަބަރު ނުޖަހާ ހުންނާނެ ކަމަށް ގަބޫލުކުރައްވާކަމަށް ސަފީރު ވިދާޅުވި އެވެ. ކޮންމެސް ވަރަކަށް ދަބަރު ޖެހުމަކީ އެކަށީގެންވާ ކަމެއްކަމަށާއި ނަމަވެސް ރަނގަޅަށް މަރާމާތުކޮށް ބެލެހެއްޓިއްޖެނަމަ ގިނަ ދުވަހު ހުުރުމުގެ ފުރުސަތު ބޮޑުކަމަށްވެސް ޗައިނާ ސަފީރު ވިދާޅުވި އެވެ.
މި ކޯޓިން އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ޕްރޮފެސަރ ލިން ޗަންގިން މިހާރު ހުންނެވީ ރާއްޖޭގައެވެ. ޕްރޮފެސަރ އަކީ މިދާއިރާގައި 40 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއްކަމަށް ސަފީރު ވިދާޅުވި އެވެ.
ބުރިޖު ހެދި ސީސީސީސީ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމުގައި ވާގޮތުން ބުރިޖު އެޅުމަށް ފަހު ދެ އަހަރު ވަންދެން ބުރިޖުގެ މެއިންޓެނެންސް މަސައްކަތް ކުރާނީ އެ ކުންފުނިންނެވެ.
ޗައިނާގެ ސީސީސީސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކުންފުންޏާ ޙަވާލުކޮށްގެން ހަދާފައިވާ ބުރިޖުގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީއެވެ. މި މަޝްރޫޢަށް ދިވެހި ދައުލަތުގެ ބަޖެޓުން 12 މިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ.