ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 13:35
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އަދި އެ އޮފީހުގެ އިސްވެރިން، މަޖިލީހުގެ ކޮމެޓީއެއްގައި
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު އަދި އެ އޮފީހުގެ އިސްވެރިން، މަޖިލީހުގެ ކޮމެޓީއެއްގައި
ރައްޔިތުންގެ މަޖިލިސް
އޮޑިޓް އޮފީސް އޮޑިޓް ކުރުން
އޮޑިޓް އޮފީސް އޮޑިޓް ކުރާނެ ބަޔަކު ނުވި! ބަޔަކު ހޯދަން އަލުން އިޢުލާން ކޮށްފި
 
އޮޑިޓް އޮފީސް އޮޑިޓް ކުރުމަށް، އޮޑިޓް ފީއެއްގެ ގޮތުގައި 100،000ރ އަށްވުރެ ބޮޑުވެގެން ނުވޭ

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓް ކުރުމަށް ކުރި އިޢުލާނާ ގުޅިގެން ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، އަލުން އަނެއްކާވެސް އިޢުލާން ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ހޯމަ ދުވަހު ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ، އޮޑިޓް އޮފީހުގެ 2019 ވަނަ އަހަރުގެ އަހަރީ އޮޑިޓްކުރުމަށް، އޮޑިޓް ފާމެއް ހަމަޖެއްސުމަށް މިދިޔަ ޑިސެންބަރު މަހުގެ ތިން ވަނަ ދުވަހު ކުރި އިޢުލާނާ ގުޅިގެން، ތިން ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާ ކަމަށެވެ.

އެގޮތުން، ރާއްޖޭގައި އޮޑިޓް ކުރުމާއި އެޝޫރެންސްގެ ޚިދުމަތްދިނުމުގެ ޤަވާއިދުގެ ދަށުން ޕްރެކްޓިސިންގ ސަރޓިފިކެޓް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމުތަކުގެ ތެރެއިން، 100،000ރ އަށްވުރެ ބޮޑު ނޫން ފީއެއްގައި އޮޑިޓަރ ޖެނެރަލްގެ އޮފީސް އޮޑިޓްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާ ކަމަށެވެ.

އިޢުލާނުގައިވާ ގޮތުން، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ޖެނުއަރީ 2020ވާ އަންގާރަ ދުވަހުގެ 11:00އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 23 ޖެނުއަރީ 2020ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދޭ ކަމަށެވެ.

އޮޑިޓް އޮފީހަކީ، ދައުލަތުގެ މިނިވަން މުއައްސަސާތަކުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުން ވަކިން ބަޖެޓެއް ފާސްކުރާ ހަމައެކަނި މުއައްސަސާއެވެ. ކޮންމެ އަހަރަކުވެސް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ، އަދި މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓް ފާސްކުރުމުގެ ކުރިން، އޮޑިޓް އޮފީހުން އެ އޮފީހަށް ބޭނުންވާ ބަޖެޓް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހުށަހަޅަން ޖެހެއެވެ. އަދި މާލިއްޔަތު ކޮމެޓީން އޮޑިޓް އޮފީހުގެ ބަޖެޓް ފާސްކުރުމަށްފަހު، ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު، ފާސްކުރާނީ އޮޑިޓް އޮފީހުގެ ބަޖެޓްވެސް ދައުލަތުގެ ބަޖެޓްގެ ތެރޭގައި ހިމަނައިގެންނެވެ.

އޮޑިޓް އޮފީހަކީ ދައުލަތުގެ ބަޖެޓުން ޚަރަދުކުރާ ދައުލަތުގެ މުއައްސަސާތައް އޮޑިޓް ކުރުމަށް ކަނޑައަޅާފައިވާ ދައުލަތުގެ މުހިއްމު އެއް މުއައްސަސާއެވެ. އޮޑިޓް އޮފީހުން ނިންމާ އޮޑިޓް ރިޕޯޓްތައް ހުށަހަޅަންޖެހެނީ ރައްޔިތުންގެ މަޖިލީހަށެވެ. އަދި އެރިޕޯޓުތަކުގައި، މައްސަލައެއް ފާހަގަކޮށްފައިވާނަމަ، ނުވަތަ ތަންފީޒުކުރަންޖެހޭ ކަމެއްވާނަމަ، ރައްޔިތުންގެ މަޖިލީހުން ނިންމާ ގޮތެއްގެ މަތިން އެކަމެއް ތަންފީޒު ކުރުމަކީ ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ޒިންމާއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް