އިންޑަސްޓްރިއަލް ވިިލެޖުގަ ސިފައިން ޚާއްސަ ތަމްރީންތަކެއް ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް ނެޗަނަލް ޑިފެންސް ފޯރްސް (އެމްއެންޑީއެފް) އިން ބުނީ އިންޑިސްޓްރިއަލް ވިލެޖް ނުވަތަ ސިނާޢީ ޞަރަޙައްދުގައި ކުރިއަށް ގެންދާ ތަމްރީނަކީ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް ސިލްސިލާކޮށް ކުރިއަށް ގެންދާ ތަމްރީނު ޕްރޮގުރާމުތަކުގެ ތެރެއިން ޕްރޮގުރާމެއް ކަމަށެވެ.
ގިނަ ޢަދަދެއްގެ ސިފައިން ބައިވެރިވާ މި ތަމްރީނު ޕްރޮގުރާމް ފެށީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އަދި މެންދުރު 12:00 ޖެހި އިރު މި ތަމްރީންތައް ވަނީ ނިންމާލާފައެވެ.
ޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން މިފަހަކަށް އައިސް އެމްއެންޑީއެފުން އަންނަނީ ތަފާތު ތަމްރީންތައް ހިންގަމުންނެވެ.
އެގޮތުން ޤައުމުގެ ޞުލްޙަ މަސަލަސްކަމާއި އަމަންއަމާންކަމަށް ބުރޫއަރާ ފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ޤައުމީ ދިފާޢީ ބާރުން އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް މިދިޔަ ޑިސެންބަރުމަހުގެ 24 ވަނަ ދުވަހު ނެރުނެއެވެ. އަދި އެމްއެންޑީއެފުން ހިންގަމުންގެންދިޔަ އޮޕަރޭޝަން، ޖެނުއަރީ 2 ވަނަ ދުވަހުގެ 06:00 ޖެހުމާ ހަމަޔަށް ކުރިއަށް ގެންދިޔައެވެ.
އެލަރޓް ލެވަލްއަށް ބަދަލު ގެނެސް، މުޅި ރާއްޖޭގައި ހަތިޔާރާއެކު ސިފައިން ޙަރަކާތްތެރިވެފައިވާއިރު، ހައްދުފަހަނަ އެޅި ފިކުރުގެ ފަރާތްތަކުގެ ނުރައްކާ ވަނީ ބޮޑުވެފަ އެވެ. މީގެއިތުރުން އެލަރޓް ލެވެލް މަތިކުރިއިރު އެއީ ވަކި ނުރައްކަލެއް އޮވެގެން ކުރި ކަމެއް ނޫންކަމަށާއި އެލަރޓް ލެވެލް މަތި ކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރު ކުރުމަށް ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފައެވެ.