ކ. މާލެ
|
6 ޖެނުއަރީ 2020 | ހޯމަ 12:50
ކޮމިޝަނަރު އޮފް ޕްރިޒަންސްއާއި ފުލުހުން ޤައިދީންތަކަކާއެކު
ކޮމިޝަނަރު އޮފް ޕްރިޒަންސްއާއި ފުލުހުން ޤައިދީންތަކަކާއެކު
އެމްވީކްރައިސިސް
ޖަލު
ބަންދުގަ ތިބި މީހުންނާމެދު ބާރުގެ ބޭނުންކުރި: އައިސީއެސް
 
ޖަލުގައި ހިނގާދިޔަ ކަންކަމުގެ ހަގީގަތް އޮޅޭ ގޮތަށް އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސްގެ ނަން ބޭނުންކޮށް މީޑިއާ އަށް މައުލޫމާތު ހިއްސާކޮށްފައިވުމަކީ ކަންބޮޑުވާ ކަމެއްކަމަށް އަހުމަދު ވިދާޅުވި
 
ގޮޅިތައް ބަލައި ފާސްކުރުމަށް އޮފިސަރުން ހަރަކާތްތެރިވި މަންޒަރު ވަނީ އޮބްޒާވް ކޮށްފައިކަމަށް އަހުމަދު ވިދާޅުވި

މާފުށި ޖަލުގަ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުން އާދީއްތަ ދުވަހު ކުރިޔަށް ގެންދިޔަ އޮޕަރޭޝަނުގަ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް (އައިސީއެސް) އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވެއްޖެ އެވެ.

އިންސްޕެކްޓަރ އޮފް ޕްރިޒަންސް މިހެން ވިދާޅުވެފައި މިވަނީ މާފުށި ޖަލުގައި ރިމާންޑުގަ ތިބި މީހުންނާއި، ކަރެކްޝަންސްގެ އޮފިސަރުންނާއި ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާ ކަމަށް ކަރެކްޝަންސްސް އިން ބުނެފައި ވަނިކޮށެވެ.

މާފުށި ޖަލުގަ ހިނގާދިޔަ ކަންތައްތަކާ ގުޅޭގޮތުން ކުރެއްވި ޓްވީޓްތަކެއްގަ އަޙްމަދު ވިދާޅުވީ ހުކުރު ދުވަހުން ފެށިގެން މާފުށި ޖަލުގަ ކަރެކްޝަންސްގެ އޮފިސަރުންނާއި، ރިމާންޑް ބަންދުގައި ތިބި މީހުންނާ ދެމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަން އެނގިގެން އެކަން މޮނިޓަރ ކުރަމުން ދިޔަ ކަމަށެވެ. އެގޮތުން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ކަރެކްޝަންސްގެ އޮފިސަރުން ގޮޅިތައް ކައިރިއަށް ދިއުމުން އެކި ކަހަލަ ކާތަކެތި ޖަހާ ކަމަށާއި ވާޖިބުތަކަށް ހުރަސް އަޅާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މިކަން އިތުރަށް އޮޅުން ފިލުވުމަށާއި ގޮޅިތައް ބަލައި ފާސްކުރުމަށް އެމްސީއެސްގެ ސީޕީގެ އެދުމުގެ މަތިން އަޅުގަނޑު އިއްޔެ މާފުށި ޖަލަށް ޒިޔާރަތްކުރިން. އަދި ގޮޅިތައް ބަލައި ފާސްކުރުމަށް އޮފިސަރުން ހަރަކާތްތެރިވި މަންޒަރު އަޅުގަނޑު ވަނީ އޮބްޒާވް ކޮށްފައި. އިއްޔެގެ ސާޗް އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ބަންދު މީހުން ހުރަސް އެޅުމުން ބާރުގެ ބޭނުންކޮށްފައިވޭ.
އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް (އައިސީއެސް) އަހްމަދު މުހައްމަދުފުޅު

އަޙްމަދު އިތުރަށް ވިދާޅުވީ ޖަލުގައި ހިނގާދިޔަ ކަންކަމުގެ ހަޤީޤަތް އޮޅޭ ގޮތަށް އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ ނަން ބޭނުންކޮށް މީޑިއާ އަށް މަޢުލޫމާތު ޙިއްސާކޮށްފައިވުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

މާފުށި ޖަލުގައި ބަންދުގަ ތިބި މީހުންނާއި ކަރެކްޝަންސްގެ އޮފިސަރުންނާ ދެމެދު ހަމަނުޖެހުންތަކެއް ހިނގާ، ކަރުނަ ގޭސް ޖަހާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކާއި ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި ޢާންމުވެފައެވެ. އަދި މި ހަމަނުޖެހުންތައް މާފުށި ޖަލުގައި ހިނގަމުން ދިޔައިރު ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު އެތަނުގަ ހުންނެވި ފޮޓޯތައްވެސް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައެވެ. މާފުށި ޖަލުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ކަރެކްޝަނަލް ސަރވިސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަލު އޮފިސަރުން ބަންދުގައި ތިބި މީހުން ކޮންޓްރޯލް ކުރުމުގައި ޢަމަލުކޮށްފައިވަނީ ކެތްތެރިކަމާއެކުގައި ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް