ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 22:37
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު
ޔޫސުފް ސޮފްވާން ރަޝީދު
ފަލަ ސުރުހީ
ފުރައްސާރަކޮށް، ފަޟީހަތްކުރުމަށް ކައުންސިލަރުން މަސައްކަތްކުރި: ޝިފާ
 
ކިތަންމެ ވަރަކަށް ފުރައްސާރަކޮށް އުނދަގޫކުރި ކަމުގައިވިޔަސް ފަހަތަށް ނުޖެހޭނަން
 
މިއަހަރުގެ ތެރޭގައި ކައުންސިލުން އަޅުގަނޑުގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގަން އުޅުނު
 
މޭޔަރަށް ކުރިމަތިލާކަށް އިއުލާންކުރި ހިސާބުން ފުރައްސާރަކުރުމާއި، ފަޝީހަތްކުރުމަށް އެހެން ކައުންސިލަރުން މަސައްކަތްކުރި

ކައުންސިލްގައި މަސައްކަތްކުރައްވާ އިރު ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާކަމަށާއި މޭޔަރު ކަމަށް ކުރިމަތިލާން އިއުލާންކުރި ހިސާބުން އެހެން ކައުންސިލަރުން ސްޓާފުން ކުރިމަތީގައި އެތައް ފުރައްސާރައެއް ކުރިކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ކުރިމަތިލައްވަން ނިންމަވައި އިއުލާންކުރި ހިސާބުން ކައުންސިލްގައި އާންމުކޮށް މަސައްކަތްކުރާ ގްރޫޕްތަކުން ސިޓީ ކައުންސިލްގެ ސްޓާފުން ކުރިމަތީގައި މަލާމާތް ކޮށް ފަލީހަތް ކޮށް ކޮންމެ ދުވަހަކު އެއްޗެތި ކިޔައި ކައުންސިލްގެ އުޅުއްވާ ފިރިހެން ބޭފުޅުން ފުރައްސާރަކުރިކަމަށެވެ.

ޝިފާ އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި މޭޔަރުކަމުން ވަކި ކުރުމަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ކައުންސިލުން މަސައްކަތްވެސް ކުރިކަމަށެވެ. އަދި އެހުރިހާ ކަމެއްގެ ތެރޭގައިވެސް ޑެޕިއުޓީއާއި އިތުރު 6 ކައުންސިލަރުން ސާބިތުކަމާއެކު ތިއްބެވުމުން ނަގަން އުޅުއްވި އިތުބާރު ނެތްކަމުގެ ވޯޓު ނާކާމިޔާބުވިކަމަށް ޝިފާވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ކުރިމަތިލާކަމަށް އިއުލާންކުރި ހިސާބުން ، އެންމެ ފުރަތަމަ އަޅުގަނޑަށް ފެނުނީ ކައުންސިލްގަ އާންމުކޮށް މަސައްކަތްކުރާ ގްރޫޕްތަކުގައި ސްޓާފުން ކުރިމަތީގައި މަލާމާތް ކޮށް ފަލީހަތް ކޮށް ކޮންމެ ދުވަހަކު އެއްޗެތި ކިޔައި ކޮންމެ ދުވަހަކު ހެރެސްމެންޓް އަޅުގަނޑަށް ފެނުން ފިރިހެން ބޭފުޅުންގެ ކިބައިން. އެބޭފުޅުން މަސައްކަތް ކުރި އިތުބާރު ނެތްކަމުގެ ވޯޓްލައިގެން އަޅުގަނޑު ދުއްވާލަން. މިއަހަރުގެ ތެރޭގައި. މި މުއްދަތުގެ ތެރޭގައި.
މާލެސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު

ޕްރޮގުރާމްގައި އިތުރަށް ވާހަކަ ދައްކަވަމުން ޝިފާ ވިދާޅުވީ، މޭޔަރު ކަމުން ވަކިކުރުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމާއެކު ދެން ކައުންސިލަރުންގެ މަސައްކަތަކީ ސިޔާސީ ގޮތުން އަގުވައްޓާލުންކަމަށެވެ. އެގޮތުން، ދޮގު އިލްޒާމް ބޮލުގައި އަޅުވައި ވާހަކަދެއްކެވި ކަމަށާއި އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކަކީ ސިޔާސީ ގޮތުން ކުރެއްވި ކަންތައްތައްކަމަށެވެ.

ޝިފާ މިހެން ވިދާޅުވެފައިވާއިރު، ލޮނު ޒިޔާރަތް ކޮޅުގައި ހަދަމުންދާ ޕާކުގެ މައްސަލާގައި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ވަނީ މާލޭ ސިޓީ ކައުންސިލަށް ވަދެފައެވެ. ޕާކުގެ ފާހާނާ ބަރީގެ އިތުރުން ޕާކްގެ މަސައްކަތްތައް ކޮށްފައި ވަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި އެ ޖަރީމާ ފޮރުވުމަށް ލިޔެކިޔުމަށް މިހާރު ބަދަލު ގެންނަމުންދާ ކަމަށް އެ ކައުންސިލްގެ ބައެއް މެމްބަރުން ބޭއްވެވި ނޫސްކޮންފަރެންސެއްގައި ވަނީ ވިދާޅުވެފައެވެ.

ޝިފާ ވިދާޅުވީ ޕާކް ހުޅުވުމަށްވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރެއްވިކަމަށާއި ނަމަވެސް ކައުންސިލްގެ ބިޑް ކޮމިޓީގައި ތިއްބަވާ މެމްބަރުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށެވެ. އެގޮތުން 7 ސިޓީއެއް މަސައްކަތް ބަޔަކާއި ހަވާލުކުރުމަށް ބިޑް ކޮމިޓީއަށް ހުށަހެޅިކަމަށާއި ބިޑް ކޮމިޓީގައި ހިމެނޭ 3 ކައުންސިލަރުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ.

ދެން އެބޭފުޅުން މަސައްކަތް ކުރެއްވީ އަޅުގަނޑުގެ ބޮލުގައި ވަރަށް ބޮޑު އިލްޒާމެއް އަޅުވާފައި ވަގެއްގެ ގޮތުގައި ނެރެން ރައްޔިތުންގެ ކުރިމަތީގައި ދައްކަން. އަޅުގަނޑު ދަންނަވާނީ އެއީ ސިޔާސީ ގޮތުން އެބޭފުޅުން ކުރެއްވި ކަންކަމޭ. އޭސީސީން ކިތަންމެ ވަރަކަށް ބެއްލެވި ކަމުގައިވިޔަސް ފެންނާނެ ވަރަށް ސާފުކޮށް އަޅުގަނޑުވެސް ޑެޕިއުޓީވެސް އެއޮތީ ދަންނަވާފައި 20 ދުވަސް ބާކީ އޮތުމާއެކު ސިންގަލް ސޯރސްކޮށް މަސައްކަތް ކުރެވޭނެ ގޮތް ހައްދަވައިދެއްވާށޭ.
މާލެސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު

ބިޑް ކޮމިޓީން މަޝްރޫއުތަށް ހުއްޓުވުމަށް ވަރަށް ގިނައިން މަސައްކަތް ކުރައްވާކަން ފާހަގަކޮށް ޝިފާ އިތުރަށް ވިދާޅުވީ، ބިޑް ކޮމިޓީގައި ތިއްބަވާ ބޭފުޅުން މޭޔަރުކަމަށްވެސް ކުރިމަތިލައްވާކަމަށާއި ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ނުގެންދެވިގެން އުޅެނީ ބިޑް ކޮމިޓީގެ އެއްބާރުލުމެއް އެއްވެސް ވަރަކަށް ނުލިބޭތީކަމަށެވެ.

ޝިފާ ވިދާޅުވީ ކިތަންމެ ވަރަކަށް ފުރައްސާރަކޮށް އުނދަގޫކުރި ކަމުގައިވިޔަސް ފަހަތަށް ނުޖެހޭނެކަމަށާއި އެއްވެސް ކަމެއް ނުފުރޮވުނާކަމަށެވެ. ޝީފާ ވިދާޅުވީ ބައެއް ކައުންސިލަރުން "އެބިއުސިވް ވޯރޑްސް" ބޭނުންކޮށްގެން ފަހަތަށް ޖެހިދާނެކަމަށް ހީފުޅުކުރެއްވިއަސް އެކަން ނުވާނެކަމަށާއި އޭސީސީންވެސް ބައްލަވަނީ ސިޔާސީ މައްސަލައެއްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
71%
0%
0%
29%
0%
0%
ކޮމެންޓް
6 ޖެނުއަރީ 2020 | ހޯމަ 09:33
ަސދފ
ޝިފާ ރަނގަޅެއް ނޫން ..