ކ. މާލެ
|
5 ޖެނުއަރީ 2020 | އާދީއްތަ 16:07
މާފުށީ ޖަލު
މާފުށީ ޖަލު
ޓްވިޓަރ
ޖަލު
ރިމާންޑުގައި ތިބި މީހުންނާއި، އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ނުހިނގާ: ކަރެކްޝަންސް
 
ޕޮލިސް ސަރވިސްގެ ދެ އޮފިސަރުން ޖަލަށް ޒިޔާރަތް ކުރައްވާފައިވަނީ ރިމާންޑްގައި ހުރި މީހަކަށް މައްސަލަ ތަހުގީގުކުރުމަށް
 
ރިމާންޑް މީހުންގެ ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުންދިޔުމާއި ބޭސް ފަރުވާގެ އިންތިޒާމުތައް އެމީހުން އެދޭ ގޮތަށް ކުރިޔަށް ނުގެންދިޔުން

ރިމާންޑްގައި ތިބި މީހުންނާއި އޮފިސަރުންނާ ދެމެދު ކުރިމަތިލުމެއް ހިނގާފައި ނުވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބުނެފި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ މާފުށީ ޖަލުގައި ހިނގާ ހަމަނުޖެހުންތަކާއި ގުޅިގެން ކަރެކްޝަންސް އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގި ރިމާންޑް މީހުންގެ ޝަކުވާއަކީ، ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުންދިޔުމާއި ބޭސް ފަރުވާގެ އިންތިޒާމުތައް އެމީހުން އެދޭ ގޮތަށް ކުރިޔަށް ނުގެންދިޔުން ކަަމަށެވެ. އަދި މިކަމަކީ ކަރެކްޝަންސްގެ ވެސް ކަންބޮޑުވުން އޮތް ކަމެއްކަމަށް ބަޔާނުގައިވެ އެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސް އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުހައްމަދު އާސިފް ރިމާންޑްގައި ތިބި މީހުންގެ ހާލަތު ދެނެގަތުމަށް އާދީއްތަ ދުވަހު ޖަލަށް ޒިޔާރަތްކުރައްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ޕޮލިސް ސަރވިސްގެ ދެ އޮފިސަރުން ޖަލަށް ޒިޔާރަތް ކުރައްވާފައިވަނީ ރިމާންޑްގައި ހުރި މީހަކަށް ގޮޅީގައި ތިބި އެހެން މީހުން އަނިޔާކުރި މައްސަލައެއް ތަހުގީގުކުރުމަށްކަމަށް ވެސް ކަރެކްޝަންސް އިން ވަނީ ބުނެފަ އެވެ.

ރިމާންޑްގައި ތިބި މީހުން ހިތްހަމަނުޖެހި އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖަހަމުން ދިޔަކަމަށްވެސް ކަރެކްޝަނުން ބުނެއެވެ. ނަމަވެސް ޖަލު އޮފިސަރުން ކެތްތެރިކަމާއެކު އެމީހުންނަށް ވިސްނައިދެވޭތޯ ބެލިކަމަށް ކަރެކްޝަނުން ބުނެއެވެ.

ކަރެކްޝަންސް އިން ބަޔާން ނެރިފައިމިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި ކޮމިޝަނަރު އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއެކު ކަރެކްޝަންސްގެ އޮފިސަރުން ގައިދީން ތިބި ތަނަށް ގޮސް ކަރުނަ ގޭސް ޖަހައި ގޮޅިތަކުން ގައިދީން ނެރެ، ކުޑަކަކޫ ޖައްސާފައި ތިބި ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރުމުންދަނިކޮށެވެ. އަދި އެސްއޯ ފުލުހުން ވެސް އެތަނުގައި ކަރެކްޝަންސްއާއެކު ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ވަނީ އަޑު ފެތުރިފަ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން މާފުށީ ޖަލުގައި އޮފިސަރުންނާއި ގައިދީންނާ ދެމެދު ހަމަނުޖެހުންތައް ހިނގަމުންދާކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ. އެގޮތުން ޖަލު ބަންދުގައި ތިބޭ ގައިދީންނަށް ދޭ ބޭސްފަރުވާގެ ހިދުމަތާ މެދު ހިތްހަމަނުޖެހިގެން ގައިދީންތަކެއް އިހުތިޖާޖުކޮށް، އެ ތަނަށް ގިނަ އޮފިސަރުންގެ ގަޔަށް ފެން ޖަހައި ގޯނާކޮށް ހެދި ކަމަށްވެ އެވެ.

މި ހަމަނުޖެހުންތަކާއި ގުޅިގެން މުނާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައިދީން ޖަލު އޮފިސަރުން ގޯނާ ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ކަންކަމަށް ފިޔަވަޅު އަޅާނެ ކަމަށް މުނާޒް ވިދާޅުވި އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް