ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތުގެ ތެރެއިން، ކޯޓުތަކުގެ ޤާނޫނަށް އަދި ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލު ކުރުމަށްފަހު، އައު އަހަރާއެކު ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ފަށައިފި އެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، ޖެނުއަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮތީ ރިސެސްގަ އެވެ. ސުޕްރީމް ކޯޓު ރިސެސްގައި އޮތް މުއްދަތުގައި އެ ކޯޓުގެ ޝަރީޢަތްތައް ނުބޭއްވި ނަމަވެސް އެ ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމާއި، އިދާރީ މަސައްކަތްތައް ކުރަމުންދިޔަ އެވެ.
ސުޕްރީމް ކޯޓުގެ ރިސެސް ނިމުމާއެކު، އާދިއްތަ ދުވަހު މިވަނީ އެކޯޓުގަ ތިން މައްސަލައެއް ތާވަލު ކުރެވި ޝަރީޢަތްތައް ފަށާފަ އެވެ. އެގޮތުން ތާވަލު ކުރެވިފައިވާ ތިން މައްސަަލައަކީ މަނާކުރެވިފައިވާ މަސްތުވާ އެއްޗެއް ވިޔަފާރި ކުރުމަށްޓަކާ އަތުގައި ބެހެއްޓުމުގެ މައްސަލައެއްގެ އިތުރުން، ވަޒީފާއާ ބެހޭ ދެ މައްސަލަ އެކެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ މުހިންމު އެއް ރިޔާސީ ވަޢުދާއި، ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބިފައި، ސަރުކާރު ހިންގާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ވަޢުދާ އެއްގޮތަށް ޖުޑީޝަރީ އިޞްލާޙު ކުރުމުގެ މަސައްކަތުގެ ދަށުން، ސުޕްރީމް ކޯޓުން އަމިއްލަ ނަގައިގެން އުޅުނު ބާރުތައް، ވަނީ ޖޭއެސްސީގެ ޤާނޫނަށް ބޮޑެތި އިޞްލަޙުތަކެއް ގެނެސް އެކޮމިޝަނާ އަލުން ޙަވާލުކޮށްފަ އެވެ.
މީގެ އިތުރުން ކޯޓުތަކުގެ ޤާނޫނަށް އިޞްލާޙެއް ގެނެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 5 އިން 7 އަށް އިތުރުކޮށްފައި ވެއެވެ. އެންމެ ފުރަތަމަ ސުޕްރީމް ކޯޓު އެކުލަވާލެވުނު އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީވެސް، އުއްތަމަ ފަނޑިޔާރާއެކު 7 ފަނޑިޔާރުންނެވެ. އެޢަދަދު 5 އަށް ތިރިކުރީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގަ، އޭރުގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ހުސައިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޙްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކި ކުރެއްވުމަށެވެ. އަދި ފަހުން ވަނީ އުއްތަމަ ފަނޑިޔާރުކަމަށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ޢަބްދުﷲ ސަޢީދު ޢައްޔަނު ކުރައްވާފަ އެވެ.
ޤާނޫނަށް ގެނައި އިޞްލާޙާއެކު ސުޕްރީމް ކޯޓުގަ، އުއްތަމަ ފަނޑިޔާރާއެކު 7 ފަނޑިޔާރުން ތިއްބަވަ އެވެ. ނަމަވެސް މިވަގުތު ސުޕްރީމް ކޯޓުގަ ތިއްބެވީ 5 ފަނޑިޔާރުންނެވެ. އެއީ ނިމިދިޔަ ޑިސެންބަރު މަހުގެ 8 ވަނަ ދުވަހު، އުއްތަމަ ފަނޑިޔާރު ކަމަށް ޢައްޔަނު ކުރެވުނު، މުއުތަސިމް އަދުނާނު އާއި ހުސްނުއް ސުޢޫދު އަދި، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހު، ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި، ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން ޢައްޔަނު ކުރައްވާފައި ވެއެވެ. މީގެ އިތުރުން މިދިޔަ ނޮވެންބަރު މަހުގެ 4 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް މަޙާޒު ޢަލީ ޒާހިރު ވެސް ޢައްޔަނު ކުރައްވާފައި ވެއެވެ.
ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން އެންމެ ފުރަތަމަ ވަކިކުރެއްވީ ޢަބްދުﷲ ދީދީއެވެ. އޭނާގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ތަހުޤީޤު ކުރަމުންދަނިކޮށް، އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާފަ އެވެ. އޭގެ ފަހުން ދެން ސުޕްރީމް ކޯޓުގައި ތިއްބެވި އުއްތަމަ ފަނޑިޔާރު ޑރ. ޢަބްދުﷲ ދީދީ އާއި އަބްދުﷲ އަރީފާއި، އާދަމް މުޙައްމަދު ޢަބްދުﷲ އަދި އަބްދުލްޣަނީ މުޙައްމަދުގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީން ބަލާފައި ވެއެވެ. އެ ހަތަރު ފަނޑިޔާރުންނާ ގުޅޭ 51 މައްސަލަ ޖޭއެސްސީން ބަލާފައި ވެއެވެ. އަދި އެފަނޑިޔާރުން މަޤާމުން ވަކިކުރުމަށް ޖޭއެސްސީ ނިންމާ، މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން ވަނީ އެ ފަނޑިޔާރުން ވަކިކޮށްފަ އެވެ. ނަމަވެސް ފަނޑިޔާރު އަރީފް ވަނީ އަމިއްލަފުޅަށް ފަނޑިޔާރުކަމުން ވަކިވެވަޑައިގަންނަވާފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި މިހާރު މަދުވާ ދެ ފަނޑިޔާރުން ޢައްޔަނު ކުރެއްވުމަށްޓަކައި، ޖޭއެސްސީގެ މަޝްވަރާއަކަށް ދެ ބޭފުޅެއްގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވަނީ ފޮނުއްވާފަ އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ކުރީގެ އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން އެވެ. ދެނަ ބޭފުޅަކީ ހައިކޯޓުގެ ފަނޑިޔާރު ޢަބްދުއްރައޫފް އިބްރާހީމް އެވެ. ޖޭއެސްސީން ބުނެފައިވަނީ، އެ ދެ ބޭފުޅުންނާ ގުޅޭ ޝަކުވާތަކެއް ހުށަހެޅިފައިވާތީ، އެކަން ބެލުމަށްފަހު، ރައީސަށް މަޝްވަރާ ދެއްވާނެ ކަމަށެވެ.