މިއަހަރު ޗައިނާއާއެކު ގިނަ މަސައްކަތްތަކެއް ކުރިއަށްދާނެކަމުގެ އިޝާރާތެއް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ދެއްވައިފިއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގަ ޤާއިމުކުރުމަށް މަސައްކަތްކުރަމުންދާ ލޮލުގެ ފަރުވާދޭ މަރުކަޒާއި ގުޅުވައިގެން، ރާއްޖެއަށް ޗައިނާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޒަންގް ލިޒޮންގް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން މިނިސްޓަރ ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. މި މަސައްކަތަކީ ދިވެހިރާއްޖެ އާއި ޗައިނާއާއި ދެމެދު އޮންނަ ގާތްގުޅުމަށް އައި އިތުރު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރގެ ޓްވީޓުގަ ފާހަގަކުރައްވާފައިވެއެވެ.
އަދި މިއަހަރުވެސް ޗައިނާއާއެކު ގާތުން މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވެ، ޝާހިދު ވަނީ ދެޤައުމަށް ފައިދާހުރި މިފަދަ އިތުރު މަޝްރޫޢުތަކެއްގަ ޗައިނާއާއިއެކު މިއަހަރު މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
ހުޅުމާލޭގައި ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާ ލޮލުގެ ފަރުވާދޭ މަރުކަޒުގެ މެޑިކަލް ޓީމުގެ އިސްވެރިއެއްގެ ގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވާ ޑރ. ޝޮންގް ވިއޯރިންގްއަށް މިނިސްޓަރ ޝާހިދު ވަނީ މަރުހަބާ ވިދާޅުވެފައެވެ.
މިނިސްޓަރ ޝާހިދުގެ ޓްވީޓުގަ ވިދާޅުވި ވާހަކަޔަށް ޝުކުރު އަދާކުރައްވާ ޗައިނާ ސަފީރުވެސް ވަނީ ފަހުން ޓްވީޓެއް ކުރައްވާފައެވެ. އެމަނިކުފާނުގެ ޓްވިޓަރގައި ވިދާޅުވެފައިވަނީ، ދެޤައުމުގެ ސަރުކާރުގެ މަސައްކަތުން، ޚާއްޞަކޮށް ދެޤައުމުގެ ރައްޔިތުންގެ މެދުގަ އިތުރުވާ ގުޅުމުގެ ތެރެއިން ދެޤައުމަށް ފައިދާކުރަނިވި ކަންކަން ކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
ދިވެހިރާއްޖޭގައި ލޮލުގެ ފަރުވާދޭ ޚާއްޞަ މަރުކަޒެއް ޤާއިމު ކުރުމަކީ ޞިއްޙީ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރާއެކު 2017 ގައި ސޮއި ކުރި ފަހުމުނާމާގައި ފާހަގަ ކުރެވިފައިވާ މައިގަނޑު އެއް މަސައްކަތެވެ. ޗައިނާ ސަރުކާރުން ދަނީ މި އެއްބަސްވުމުގެ ދަށުން ހުޅުމާލެ ހޮސްޕިޓަލުގަ ލޮލުގެ ފަރުވާދޭ މަރުކަޒެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހާރުވެސް މިކަމުގަ ޗައިނާގެ ޞިއްހީ ދާއިރާގެ ފަންނުވެރިންގެ ޓީމެއް ރާއްޖޭގަ ޙަރަކާތްތެރިވަމުން އެބަދެއެވެ. ޗައިނާގެ ސަފީރު ވިދާޅުވާގޮތުގަ މި ހިނގާ ޖެނުއަރީ މަހުގެ މެދުތެރޭގަ ލޮލުގެ ފަރުވާދޭ މަރުކަޒުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެއެވެ.
މި ސެންޓަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޤާއިމުކުރާ މަރުކަޒެކެވެ.