ބޮލީވޫޑްގެ ސުޕަ ސްޓާ އަކްޝޭ ކުމާރަށް އަނޫޕަމް ކޭރް ވަރަށް ބޮޑަށް ތައުރީފްކޮށްފިއެވެ.
އަކްޝޭއާ އެކު ގިނަ ފިލްމްތަކެއް ކުޅެފައިވާ އަނޫޕަމް ބުނީ އަކްޝޭއަކީ ވަތަށް ހިތްހެޔޮ މީހެއް ކަމަށާއި އަނެކާ އަށް ނޭނގޭ ގޮތަށް އޭނާ މީހުންނަށް އެތައް ކަމެއް ކޮށްދީފައިވާ ކަމަށެވެ. އޭނާ މިއަދު ފިޓްކޮށް އަދި ސިއްހަތު ރަނގަޅު މީހެއްގެ ގޮތުގައި ފެނުމުގެ އަސްލަކީ ވެސް އަކްޝޭ ކަމަށާއި އެކަމުގައި އަކްޝޭގެ އެހީތެރިކަން ވަރަށް ބޮޑު ކަމަށް އަނޫޕަމް ބުންޏެވެ.
ރަނގަޅު ސިއްހަތެއްގައި ފިޓްކޮށް ހުރުމަށް އަކްޝޭ ވަރަށް ހިތްވަރު ދީ ނަސޭހަތް ދޭ ކަމަށް ވެސް އަނޫޕަމް ބުންޏެވެ.
އަނޫޕަމް އާއި އަކްޝޭ ވަނީ އެކުގައި ގާތްގަނޑަކަށް ވިއްސަކަށް ފިލްމުގައި ހަރަކާތްތެރިވެފައެވެ. މި ދެ ތަރިން އަނެއްކާ ވެސް އެކުގައި ފެނިގެންދާ ފިލްމް "ނާމް ޝަބާނާ" މި މަހުގެ 31 ގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި އެކްޝަން ތްރީލާގެ ވާހަކަ ބިނާކޮށްފައި ވަނީ ފިލްމް "ބޭބީ"ގައި ފެނިގެން ދިޔަ ތާޕްސީ ޕަންނޫގެ ކެރެކްޓާގެ މައްޗަށެވެ. ބުނެވޭ ގޮތުގައި މިއީ އިންޑިއާގެ ފުރަތަމަ ސްޕިން-އޮފް ފިލްމް ކަމަށް ވަނީ އަޑުތައް ފެތުރިފައެވެ.
އަންޑަކަވާ އެޖެންޓެއްގެ ވާހަކަ ދައްކުވައިދޭ މި ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ޝިވަމް ނައިރްއެވެ.