ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުން، ހައްގު މިންވަރު ހޯދުމަށް މަސައްކަތް ކުރުމުގައި އިންތައް ފަހަނަ އަޅާ ނުދިއުމަށާއި، ފަތުވެރިކަން ކިލަނބުވާ ފަދަ އަމަލެއް ނުކުރުމަށް ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިލްތިމާސްކޮށްފިއެވެ.
އެންބީއޭއެމް ނެރެފައިވާ ބަޔާނެއްގައި ބުނީ، ލޭބަރ ޕާރޓީން، ރިސޯޓުގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފަކަށް 6.50 ޔޫއެސް ޑޮލަރުގެ މަގުން ދެއްކުމަށް މަޖުބޫރުކޮށް މިނިސްޓްރީ އޮފް ޓޫރިޒަމުން ސިޓީއެއް ދިނުމަށް އެދިފައިވާ ކަމަށް ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވާތީ، އެކަމާއިމެދު އެ އެސޯސިއޭޝަނުން ކަންބޮޑުވާ ކަމަށެވެ.
ފަތުރުވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކުގެ ހައްގުގައި މަސައްކަތް ކުރާ ފަރާތްތަކުން، އެބަޔަކަށް ހައްގު މިންވަރު ހޯދުމަށް މަސައްކަތްކުރުމުގައި އިންތައް ފަހަނަ އަޅާ ނުދިއުމަށް އެންބީއޭއެމް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ކިލަނބުކަމެއް އަތުވެދާނޭ އެއްވެސް ކަމެއް ނުކުރުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.
މިދާއިރާގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ޖަމުޢިއްޔާއެއްގެ ޙައިސިއްޔަތުން މިފަދަ ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. ހަމައެފަދައިން، ވަޒީފާދޭފަރާތާއި އަދި ވަޒީފާލިބޭ ފަރާތުންކުރެ އެއްވެސް ފަރާތެއްގެ ޙައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސްކަމެއް ނުކުރުމަށާއި، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އިޙުތިރާމާއިއެކު ޢަމަލުކުރުމަށް އިލްތިމާސްކުރަމެވެ.ބޯޓިން އެސޯސިއޭޝަންގެ ބަޔާން
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބެންޖެހޭ ސާރވިސް ޗާރޖްގެ މައްސަލައާއި، ވަޒީފާގެ މާހައުލުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ މައްސަލައާއި އަދިވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ތަފާތު މައްސަލަތައް ދެނެގަނެ، އެމައްސަލަތަކަށް އެދެވޭ ދާއިމީ އަވަސް ޙައްލެއް ހޯދުމަށް އަލީ ވަހީދު ކުރައްވާ މަސައްކަތަށް ބޯޓިން އެސޯސިއޭޝަނުން ވަަނީ ޝުކުުރު އަދާކޮށްފައެވެ.
ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ގެ ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާވެ އިންވެސްޓަރުންނާއި ފަތުރުވެރިން އަދި ދިވެހިރައްޔިތުންގެ ލޯތްބާއި އިތުބާރު ލިބިފައިވާ އިންޑަސްޓްރީއަކަށް މި އިންޑަސްޓްރީ ވެގެން ދިއުމުގެ ފޮނި މީރުކަން ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް މިއަދު ލިބެމުންދާކަން އުފަލާއިއެކު ފާހަގަކުރާ ކަމަށް ބޯޓިން އެސޯސިއޭޝަންގެ ބަޔާނުގައި ބުންޏެވެ.