ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 18:46
މިނިސްޓަރު ޝާހިދު، ރައީސް ސޯލިހުއާއެކު
މިނިސްޓަރު ޝާހިދު، ރައީސް ސޯލިހުއާއެކު
ރައީސް އޮފީސް
މިނިސްޓަރު ޝާހިދު
އައު އަހަރުގެ އަމާޒަކީ ޑިޕްލޮމެސީގެ އައްޑަނަ ހުށިޔާރުކަމާއިއެކު ވަރުގަދަކުރުން: މިނިސްޓަރު ޝާހިދު
 
އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވާނަން
 
ޑިމަކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތްކުރާނެ
 
ރައްޔިތުންނަށް އާ ފުރުސަތުތައް ފަހިކޮށްދޭނަން

ޢަމާޒަކީ 2020 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމާއި ޞަރަޙައްދުގެ ރައްކާތެރިކަން ޙިމާޔަތްކުރުމަށް ޑިޕްލޮމަސީގެ އައްޑަނަ ހުށިޔާރުކަމާއިއެކު ވަރުގަދަކުރުން ކަމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އައު އަހަރުގެ ތަހުނިޔާ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާ ފޮނުއްވި މެސެޖުގައި މިނިސްޓަރު ޝާހިދު ވިދާޅުވީ 2020 ވަނަ އަހަރާ ކުރިމަތިލަނީ އުއްމީދުން ފުރިފައިވާ ހިތްތަކަކާއެކު ކަމަށާއި، މިފެށޭ އަހަރަކީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބި، އަމިއްލަ މިނިވަން ޚާރިޖީ ސިޔާސަތެއް ހިންގަން ފެށިތާ 55 އަހަރު ފުރޭ ތާރީޚީ އަހަރު ކަމަށެވެ.

މި އާ އަހަރަށް މަރުޙަބާ މިކިޔަނީ އާ ޢަޒުމަކާ، އާ ހިތްވަރަކާއެކުކަން ފާހަގަކުރައްވައި މިނިސްޓަރު ޝާހިދު ވިދާޅުވީ މުޅިން އާ ހަރުފަތްތަކެއް ގިރާ ކުރުމަށް ކަމަރު ބަނދެފައިވާ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ޒަޢަމަތުގެ ފުރަތަމަ އަހަރު، އެމަނިކުފާނުގެ ޚާރިޖީ ސިޔާސަތު ހިންގުމުގައި ކާމިޔާބީތަކެއް ޙާޞިލުކޮށްފައިވާ ކަމަށާއި، ދުނިޔޭގެ ސިޔާސީ މަޞްރަޙުގައި ބޮނދައި، ގަލެއްގެ ދަށުގައި ފިލަން އޮތް އޮތުން ދޫކޮށް، އަލުން އަނެއްކާވެސް ދިވެހިންގެ ޝަރަފުވެރި ހައްޤުގައި ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ ޒަމާންވީ ރަޙުމަތްތެރިންނާ ގުޅުން ބަދަހިކޮށް، އަތުގުޅާލައި، އިތުރު ޤައުމުތަކާއި ގުޅުން ޤާއިމުކޮށް، ދުނިޔޭގެ އިހުތިރާމާއި ޤަދަރު ލިބޭ ފަޚުރުވެރި ޤައުމަކަށް ވެފައިވާ ކަމަށާއި، ޢަމާޒަކީ ރާއްޖޭގެ މިނިވަންކަމާއި ޞަރަޙައްދުގެ ރައްކާތެރިކަން ޙިމާޔަތްކުރުމަށް ޑިޕްލޮމަސީގެ އައްޑަނަ ހުށިޔާރުކަމާއެކު ވަރުގަދަކުރުން ކަމަށެވެ. އަދި މިޖަޒީރާ ދިވެހިރާއްޖެ އަކީ ދުނިޔޭގެ ހުރިހައި ކުދި ޖަޒީރާ ޤައުމުތަކެއްގެ އުއްމީދުތަކާއި ހުވަފެންތައް ހަޤީޤަތަކަށް ހަދައިދިނުމަށް ވަކާލާތުކުރާ އެންމެ އިސް ޤައުމަކަށް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝާހިދު ވިދާޅުވީ ބައިނަލްއަޤުވާމީ މަޞްރަޙުގަ ދިވެހިރާއްޖެއާއި ދިވެހި ރައްޔިތުންނަށް އާ ފުރުޞަތުތައް ފަހިކޮށް އެ ފުރުޞަތުތަކުގެ ބޭނުން އެންމެ ފައިދާ ކުރަނިވި ގޮތެއްގައި ހިފުމަށް ދޮރުތައް ހުޅުވައިދިނުން ކަމަށާއި، ނިމިގެން މިދާ އަހަރު ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނާއި، ބޭރަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެން ދިޔަ ލުއިފަސޭހަތަކާއެކު، މި ފެށޭ އަހަރުވެސް އިތުރު ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށެވެ. އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް، ކުރިއަރުވައި، ޑިމޮކްރަސީގެ ހަމަތައް ނެގެހެއްޓުމަށް މަސައްކަތްކުރުން ކަމަށެވެ.

ހަމަ އެހެންމެ ދިވެހި ޚާރިޖިއްޔާއަކީ އަކީ ހުރިހައި ދިވެހި ރައްޔިތުން ފަޚުރުވެރިވާފަދަ ހުނަރުވެރި، ޤާބިލު، ޕްރޮފެޝަނަލް ފޮރިން ސަރވިސް އަކަށް ހެދުންކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝާހިދުގެ މިމެސެޖުގައި ވަނީ، މިމަސައްކަތުގައި ބައިވެރިވެވަޑައިގަންނަވާ ހީވާގި، މުރާލި، ޚާރިޖީ ޓީމަށް ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް