ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 16:48
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުޅުދުއްފުށި ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުޅުދުއްފުށި ކައުންސިލާއި ބައްދަލުކުރެއްވުން
ރައީސް އޮފީސް
ކުޅުދުއްފުށި ސިޓީ އަކަށް
ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށައިފިން: އިލެކްޝަންސް
 
އިލެކްޝަންސް ކޮމިޝަނުން ބުނީ އަންނަ ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް
 
ކުޅުދުއްފުށީގެ އާބާދީ މިދިއަ އަހަރުގެ ނޮވެމްބަރު މަހު ވަނީ 10،000 އަށް އަރާފައި
 
1 ޖެނުއަރީ 2020 ފެށިގެން ކުޅުދުއްފުއްޓަކީ ސިޓީއެއް

ހދ. ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ލިބި، ސިޓީއެއްގެ ގޮތުގައި ހިންގުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމެވުމާއި ގުޅިގެން ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 1 ޖަނަވަރީ 2020 އިން ފެށިގެން ހދ. ކުޅުދުއްފުށްޓަކީ ލާމަރުކަޒީ ޤާނޫނުގައި އޮންނަ އުޞޫލުން ސިޓީއެއް ކަމުގައި ހަމަޖެއްސުމަށް ނިންމަވާފައިވާ ކަމަށެވެ.

ރައީސް ޞާލިހުގެ އެނިންމުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމާ ގުޅިގެން، ޤާނޫނުގައިވާ ގޮތުގެ މަތިން ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

ރައީސް ޞާލިޙު، ކުޅުއްދުއްފުށި ސިޓީއެއްގެ ގޮތުގައި ކަނޑައެޅުއްވިކަން އަންގާރަ ދުވަހު އިޢުލާން ކުރެއްވިއިރު، ލާމަރުކަޒީ ޤާނޫނުގެ ދަށުން، ކުޅުދުއްފުށީގައި ދެން އެންމެ އަވަހަކަށް ބޭއްވޭ އިންތިޚާބު ވާންޖެހޭނީ ސިޓީ ކައުންސިލުގެ އިންތިޚާބެއް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށި ތަމްސީލު ކުރައްވާ މެންބަރުންނާއި އަދި ކުޅުދުއްފުށި ކައުންސިލް މެންބަރުންނާއި ކުޅުދުއްފުށި ރައްޔިތުންގެ ވެސް ގެންދިޔައީ އަޑު އުފުލަމުން ނެވެ.

އެގޮތުން، އާދިއްތަ ދުވަހު "ރާއްޖެއެމްވީ" އަށް މަޢުލޫމާތުދެއްވަމުން ކުޅުދުއްފުށި ކައުންސިލްގެ ރައީސް އަބްދުއްލަޠީފު ވިދާޅުވެފައިވަނީ، ކުޅުދުއްފުށީގެ އާބާދީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 10،000 އަށްވުރެ މައްޗަށް އަރާފައިވާކަމަށާއި، އަދި އެ ޢަދަދު މިހާރު މާބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އާބާދީގައި 10،000 މީހުން ހަމަވާ ރަށްތަކަށް ސިޓީއެއް ދަރަޖަ ދެވޭއިރު، ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ނުދެވެންވީ ސަބަބެއް ނެތް ކަމަށް ވެސް ލަޠީފު ވިދާޅުވެފައި ވެއެވެ.

ލަޠީފު ވިދާޅުވެފައިވަނީ، ކުޅުދުއްފުށިން، ކުޅުދުއްފުށި ރައްޔިތުންނާއި ކައިރި ރަށްތަކުގެ ރައްޔިތުންނަށް ގިނަ ޚިދުމަތެއް ދެމުންދާއިރު، މިހާރުވެސް އެއީ ސިޓީއެއްގެ ފެންވަރުގަ ދެމުންދާ ޚިދުމަތްތަކެއް ކަމަށެވެ. މީގެއިތުރުން ލަޠީފު ވިދާޅުވެފައިވަނީ، ސިޓީއަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ރަށު ކައުންސިލަކުން ފޯރުކޮށްދޭން ޖެހުމުން، މުވައްޒަފުންގެ މަދުކަމުގެ ދަތިކަމާއި އަދިވެސް އެހެނިހެން ދަތިތަކާ ކުޅުދުއްފުށި ކައުންސިލަށް ދިމާވެފައިވާ ކަމަށެވެ.

ސަރުކާރުން ކުޅުދުއްފުއްޓަށް ސިޓިއެއްގެ ދަރަޖަ ދޭން ނިންމަވާފައި މިވަނީ ކުޅުދުއްފުށީ ކައުންސިލް ސީޓީ ކައުންސިލަކަށް ބަދަލުވެ، އެކައުންސިލުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދްމަތްތައް ވެސް ފުޅާ ކުރެވި، މުވައްޒަފުންވެސް އެކަށީގެންވާ ގޮތެއްގައި ހަމަޖެހިގެން ދިއުމަކީ ކުޅުދުއްފުށި ރައްޔިތުން އެދޭ ގޮތްކަމަށް އެރަށު ކައުންސިލުން ބުނެފައިވަނިކޮށްނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް