ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 16:56
ލޯކަލް ކައުންސިލް އިންތިހާބާގުޅޭ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
ލޯކަލް ކައުންސިލް އިންތިހާބާގުޅޭ ގައުމީ ލަފާދޭ ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ލޯކަލް ކައުންސިލް އިންތިހާބު 2020
ކައުންސިލް އިންތިހާބުގަ ބޮޑު އެއް ވޯޓު ކަރުދާސްކޮޅު ބޭނުންކުރުމާމެދު މަޝްވަރާ ކޮށްފި
 
އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބަށް ވަކި ވޯޓު ކަރުދާސްކޮޅެއް
 
ރަށު ކައުންސިލް އިންތިހާބުގައި، އަތޮޅު ކައުންސިލްގެ ރައީސް، ރަށު ކައުންސިލްގެ ރައީސް، ކައުންސިލް މެމްބަރުން އަދި އަންހެން ކައުންސިލަރުން އިންތިހާބު ކުރެވޭނީ އެއް ވޯޓު ކަރުދާސްކޮޅު ބޭނުން ކޮށްގެން
 
ސީޓީ ކައުންސިލް އިންތިހާބުގައި މުޅި ސިޓީން މޭޔަރެއް، ކައުންސިލް މެމްބަރުން އަދި އަންނހެނުންނަށް ހާއްސަ ދާއިރާތައް އިންތިހާބު ކުރެވޭނީ އެއް ވޯޓު ކަރުދާސްކޮޅު ބޭނުން ކޮށްގެން

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގަ ބޮޑު އެއް ވޯޓު ކަރުދާސްކޮޅު ބޭނުންކުރުމާމެދު މަޝްވަރާ ކޮށްފި އެވެ.

"ލޯކަލް ކައުންސިލް އިންތިޚާބު 2020"ގައި ޢަމަލުކުރަން ނިންމާފައިވަނީ، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އަދި ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެނެސްފައިވާ ބޮޑެތި އިޞްލާޙުތަކާ އެއްގޮތަށެވެ.

ކައުންސިލް އިންތިޚާބާބެހޭ ގައުމީ ލަފާދޭ ކޮމެޓީން އަންގާރަ ދުވަހު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، އެކޮމެޓީގައި ވަނީ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވިފައިވާ، ވޯޓު ކަރުދާހާ ގުޅޭ ބައެއް މަޢުލޫމާތުތައް ހިއްސާކުރައްވާފަ އެވެ.

އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުގައި މިވަގުތު މަޝްވަރާ ކުރެވިފައިވަނީ، ލޯކަލް ކައުންސިލް އިންތިޚާބުގަ ބޮޑު އެއް ވޯޓު ކަރުދާސްކޮޅު ބޭނުން ކުރާ ގޮތަށް ކަމަށެވެ. އަދި އެވޯޓު ކަރުދާސްކޮޅުގައި، ސިޓީ ކައުންސިލް މޭޔަރު އިންތިޚާބާއި، ސިޓީ ކައުންސިލަރުންގެ އިންތިޚާބާއި އަދި ސިޓީ ކައުންސިލުގައި އަންހެނުންނަށް ކަނޑައެޅިފައިވާ ދާއިރާތަކުގެ އިންތިޚާބު ހިމެނޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ. އަދި މީގެއިތުރުން ހަމަ އެވޯޓު ކަރުދާސްކޮޅުގައި، ރަށު ކައުންސިލުގެ ރައީސްގެ އިންތިޚާބާއި، ރަށު ކައުންސިލް މެންބަރުންގެ އިންތިޚާބުގެ އިތުރުން، ރަށު ކައުންސިލްގައި އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ގޮނޑިތަކަށް މެންބަރުން އިންތިޚާބު ކުރުން ވެސް ހިމެނޭ ކަމަށް ޝަރީފު ވިދާޅުވި އެވެ.

ކައުންސިލް އިންތިޚާބާއެކު އޮންނަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ވޯޓުލުން ކުރިއަށް ގެންދިޔަނަމަވެސް އެކަމަށް ބޭނުންކުރާނީ ވަކި ވޯޓު ކަރުދާސްކޮޅެއް ކަމަށް ޝަރީފު ވިދާޅުވި އެވެ.

އެހެންކަމުން މިހާރު ކޮމިޝަނުގެ ވިސްނުންހުރީ، ވޯޓުލާންދާ ފަރާތްތަކަށް ޖުމުލަ ދެ ވޯޓު ކަރުދާސް ކޮޅު ފޯރުކޮށްދޭ ގޮތަށް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ. އެއީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ބޭނުންކުރާ ބޮޑު އެއް ވޯޓު ކަރުދާސްކޮޅާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ބޭނުންކުރާ ވޯޓު ކަރުދާސް ކޮޅެއް ކަމަށް ވެސް ޝަރީފު ވިދާޅުވި އެވެ.

ޝަރީފު ވިދާޅުވީ، ސިޓީ ކައުންސިލް މޭޔަރު އިންތިޚާބު ކުރުމަށް ވަކި ވޯޓު ކަރުދާސްކޮޅެއް، ސިޓީ ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށް ވަކި ވޯޓު ކަރުދާސްކޮޅެއް، އަދި ސިޓީ ކައުންސިލްގައި އަންހެނުންނަށް ޚާއްޞަކޮށްފައިވާ ދާއިރާތަކަށް ވަކި ވޯޓު ކަރުދާސްކޮޅެއް، ދެވޭއިރު، ރަށު ކައުންސިލްގެ ރައީސް އިންތިޚާބު ކުރުމަށް ވަކި ވޯޓު ކަރުދާސްކޮޅެއް، ހަމައެގޮތަށް ރަށު ކައުންސިލް މެންބަރުންނާއި، ރަށު ކައުންސިލުގައި އަންހެނުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިތަކަށް ވަކި ވޯޓު ކަރުދާސްކޮޅެއް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިޚާބު ކުރަން ވަކި ވޯޓު ކަރުދާސްކޮޅެއް ހަމަޖެއްސުމަކީ، ވޯޓު ލާންދާ ފަރާތްތަކަށް ވަރަށް ބޮޑަށް އޮޅުންއަރާ، އަދި ވޯޓު ގުނުންވެސް ވަރަށް ބޮޑުތަނުން ލަސްވެގެންދާނެ ކަމެއްކަމަށް ފެންނާތީ، އެގޮތަށް ހަމަޖެއްސުމަކީ ބުއްދުވެރި ކަމެއްކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ކޮމިޝަނުގެ އެވިސްނުމަށް ޤައުމީ ލަފާދޭ ކޮމެޓީންވެސް ދެބަސްވުމެއް ނެތި، އެގޮތަށް ޢަމަލު ކުރުމަށް ފެންނަކަން އެކޮމެޓީގައި ބައިވެރިވެވަޑަައިގެންނެވި ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

އިލެކްޝަންސް ކޮމިޝަނުން މަޝްވަރާ ކުރައްވާފައިވަނީ، އަގު ބޮޑުވި ނަމަވެސް، ވޯޓު ކަރުދާސްކޮޅުތައް، ކުލަކޮށް، ވީހާވެސް އޮޅުން ނާރާގޮތަށް ޕްރިންޓް ކުރުމަށެވެ.

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގަ، މާލެ ސިޓީއަށް ސިޓީ މޭޔަރާއެކު 19 ކައުންސިލަރުން އިންތިޚާބު ކުރެވޭނެ އެވެ. އަދި އައްޑޫ ސިޓީގައި، ސިޓީ މޭޔަރާއެކު 13 ކައުންސިލަރުން އިންތިޚާބު ކުރެވޭއިރު، ފުވައްމުލަކު ސިޓީގައި، ސިޓީ މޭޔަރާއެކު 7 ކައުންސިލަރުން އިންތިޚާބު ކުރެވޭނެ އެވެ. މީގެއިތުރުން އަންގާރަ ދުވަހު މިވަނީ ކުޅުދުއްފުށްޓަށް ސިޓީއެއްގެ ދަރަޖަ ދީފަ އެވެ. އެހެންކަމުން ކުޅުދުއްފުށީގައި ވެސް ދެން ބޭއްވޭނީ ސިޓީ ކައުންސިލް އިންތިޚާބެކެވެ. ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިޚާބު ކުރަން ވާންޖެހޭ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ފަށާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް