ކ. މާލެ
|
31 ޑިސެންބަރ 2019 | އަންގާރަ 12:29
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން
ޔޫސުފް ސޮފްވާން ރަޝީދު
ރައީސް ޔާމީން
ޔާމީންގެ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިފައިވާ މައްސަލަ ބަލައިގެންކަން އަދި އެނގިފައެއް ނެތް!
 
އެއް މިލިއަން ޑޮލަރު ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި ބަހައްޓައި 36 މަސްވަންދެން ފައިދާ ނެންގެވި
 
އެނގިފައިވާ ގޮތުގައި އެއީ 3.4 މިލިއަން ޑޮލަރު
 
ނެގުމަށް އެދިފައިވަނީ އެއް މިލިއަން ޑޮލަރު އިންވެސްޓްކޮށްގެން ހޯދި ފައިދާ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ބޭންކު އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓުން އެދިފައިވާ މައްސަލަ އެކޯޓުން ބަލައިގަތްކަން ނުވަތަ ނޫންކަންވެސް މިހާތަނަށް ޕީޖީ އޮފީހަށް އަންގާފައިނުވާކަމަށް އެ އޮފީހުން ބުނެފި އެވެ.

ރައީސް ޔާމީންގެ ބޭންކު އެކައުންޓުގައި ހުރި ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިފައިވާ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގަނެފައިވާ ކަމަށް، ޕީޖީ އޮފީހުގެ އޮފޮޝަލަކާ ހަވާލާދީ، ބައެއް މީޑިއާތަކުގައި ހަބަރު ފެތުރިފައިވާތީ، "ރާއްޖެއެމްވީ" ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލަށް ގުޅާލުމުން ވިދާޅުވީ، "ރައީސް ޔާމީންގެ މައްސަލަ ބަލައިގަތްކަން ނުވަތަ ނޫން ކަންވެސް ކްރިމިނަލް ކޯޓުން މި އޮފީހަށް އަންގާފައެއް ނުވޭ،" ކަމަށެވެ.

މިކަމާގުޅޭގޮތުން، ކްރިމިނަލް ކޯޓުގެ ބަހެއް އަދިވަނީ ލިބޭގޮތް ނުވެފަ އެވެ.

ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަބްދުﷲ ޔާމީނުގެ މައްޗަށް މަނީ ލޯންޑްރިންގގެ ކުށް ސާބިތުވާކަމަށް ކަނޑައަޅުއްވާފައިވާތީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 192 ވަނަ މާއްދާއާއި، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އެމަނިކުފާނުގެ އެކައުންޓުގައި ހުރި މައްސަލައާގުޅޭ ފައިސާ ދައުލަތަށް ނެގުމުގެ އަމުރަކަށް އެދިި ކުރިމިނަލް ކޯޓަށް ހުށައަޅާފައިވާ ކަމަށެވެ.

މަނީލޯންޑަރ ކުރުމުގެ ކުށް ސާބިތުގެ، ރައީސް ޔާމީން 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ. އެނގިފައިވާ ގޮތުގައި، އެހުކުމާ ގުޅިގެން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށައަޅުއްވާފައިވަނީ ރައީސް ޔާމީންގެ އެކައުންޓްގައި ހުރި 3.4 މިލިއަނަށްވުރެ ގިނަ ޑޮލަރު ދައުލަތައް ނެގުމުގެ އަމުރެއް ނެރެދެއްވުމަށެވެ.

އެ ޢަދަދަކީ ރައީސް ޔާމީން މަނީލޯންޑަރކުރި ފައިސާއާއި އެފައިސާ އިންވެސްޓްމަންޓް އެކައުންޓަށް ޖަމާކޮށް އިންވެސްޓްކުރުމުން ފައިދާގެ ގޮތުގައި ލިބުނު ފައިސާ ކަމަށް ބަލާ ނަގާދޭން އެދިފައިވާ އަދަދުކަމަށްވެއެވެ.

މަނީ ލޯންޑަރ ކުރުމުގެ ކުށް ސާބިތުވެ، ރައީސް ޔާމީން 5 އަހަރަށް ޖަލަށްލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އެމަނިކުފާނުގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އަދި ހައިކޯޓުން ވަނީ އެމައްސަލަ ބަލައިގަނެފަ އެވެ.

ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ ހުށަހެޅި ހެކިތަކާއި، ހެކިވެރިން ހެކިބަހުން ޔާމީނުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެފައިވާކަމަށެވެ. މައްސަލަ ބަލާ ފަސް ގާޒީން ދިރާސާކޮށް ބަހުސްކޮށް 5 ގާޒީންނަށް އިއްތިފާގުވެވިފައިވަނީ 8 ކަމަކަށް ރިއާޔަތްކޮށް ކުށް ސާބިތުވާކަމަށެވެ.

ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވާ ހުކުމުގައި ވަނީ އެމަނިކުފާނުގެ މައްޗަށް ދައުވާކޮށްފައިވާ ކުށުގެ އަމަލުގެ ހުރިހާ އުންސުރެއް ފުރިހަމަވާ ކަމަށެވެ. އަދި ޕާޓީއަށް ލިބެންޖެހޭ ފައިސާ ޖަމާކުރަން ޖެހޭނީ ޕާޓީގެ އެކައުންޓަށްކަން ސިޔާސީ ޕާޓީތަކުގެ ޤާނޫނުން އެގޭކަމަށް ގާޒީ އަލީ ރަޝީދު ވިދާޅުވިއެވެ. މި ނުކުތާ ޝަރީއަތުން ފާހަގަ ކުރަންޖެހުނީ، ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވި ވިދާޅުވުމަކާ ގުޅިގެންނެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ މަނީ ލޯންޑަރ ކުރުމުގެ މިދައުވާގައި ބުނާ، އެއް މިލިއަން ޑޮލަރަކީ ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތަކަށް އެހީވާ ފަރާތަކުން ދީފައިވާ ފައިސާކަމަށެވެ.

ހުކުމުގައި ބަޔާން ކޮށްފައިވާ ބައެއް މުހިއްމު ކަންކަން:

  1. އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ރައީސް ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާކަން ޝަރީއަތަށް ހުށަހެޅިފައިވާ ކިތާބީ ހެކިތަކުންނާއި ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔާތުގެ ހެކިބަހުން އެނގުން.
  2. އެ ފައިސާއަކީ ގއ. ބޮޑުމުލާ ކިޔާ ފަޅު ރަށެއް ވިއްކާލައި، އިކުއިޒިޝާން ކޯސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަން އަދީބުއާއި ޒިޔާތުގެ ފަރާތުން ކޯޓުގައި ހެކިބަސް ދެއްވާފައިވާކަން.
  3. އެފައިސާ 11 އޮކްޓޯބަރު 2015 ގައި އެސްއޯއެފް އެކައުންޓަށް ޖަމާކޮށް، 13 އޮކްޓޯބަރު 2015ގަ އާއި 15 އޮކްޓޯބަރު 2015ގައި 500،000 ޑޮލަރުގެ ދެ ޗެކަކުން ޖުމްލަ އެއް މިލިއަން ޑޯލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާކަން
  4. ގއ. ބޮޑުމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ލިބުނު އެއް މިލިއަން ޑޮލަރު ލިބުން ލަސްވެގެން އަދީބަށް ގުޅުއްވައި، އެ ފައިސާ ޖަމާކޮށްދެއްވުން އެދިފައިވުން.
  5. އެފައިސާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރައީސް ޔާމީންއާ ސުވާލުކޮށް، އެފައިސާއަކީ ދައުލަތުގެ ފައިސާކަމާއި އެފައިސާ ބޭނުންނުކޮށް، އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް ރައީސް ޔާމީންނަށް ދަންނަވައި، ބޭންކް އޮފް މޯލްޑިވްސްއާ ވާހާކަ ދައްކައިގެން އެސްކްރޯ އެކައުންޓެއް ހަދައި އެފައިސާ އެ އެކައުންޓަށް ޖަމާކުރުމަށް އެއްބަސްވިކަން
  6. އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރުމަށް އެއްބަސްވި ނަމަވެސް، އެފައިސާގެ ބަދަލުގައި އަދީބަށްފަހު ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި މޫސާ ޒަމީރުގެ އެކައުންޓުން އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށް، މަނީ ލޯންޑަރ ކުރިކަމަށް ބުނާ އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރުގެ "އަސްލު އޮޅުވާލައި" އެފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއް ހުޅުވައި، 36 މަސްދުވަހު ވަންދެން އެފައިސާއިން ފައިދާ ނެގުން.
  7. އެ އެއް މިލިއަން ޑޮލަރު ރައީސް ޔާމީން ވިދާޅުވެގެން އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވިކަން މޫސާ ޒަމީރުގެ ހެކިބަހުން އެނގުން.
  8. މޫސާ ޒަމީރު އެފައިސާ ހޯއްދެވީ، ހުޅުމާލެގައިވާ އޭނާގެ ބިމެއް ދެ މިލިއަން ޑޮލަރަށް ވިއްކާލުމަށްފަހުކަމާއި އެގޯތި ވަސީމް ކިޔާ މީހަކު ގަތްކަން ޒަމީރުއާއި ވަސީމްގެ ހެކިބަހުން އެނގުން.
  9. ދިފާއުގައި ރައީސް ޔާމީން ވިދާޅުވެފައިވަނީ، އެއީ ޕީޕީއެމް ކެމްޕެއިނަށް ހެޔޮއެދޭ ފަރާތަކުން ދީފައިވާ ފައިސާކަމަށް ވިދާޅުވާއިރު، އެވަރުގެ އަދެދެއް ދުވަހަކު ވެސް ނުލިބޭކަމާއި އެންމެ ގިނަ ވެގެންވެސް ލިބެނީ ލައްކައެއް ނުވަތަ ދެލައްކަ ކަމަށް ވިދާޅުވެ އަދީބު ހެކިބަސް ދިނުން.
  10. ސިޔާސީ ޕާޓީއަކަށް ލިބޭ ފައިސާ ހުންނަންޖެހޭނީ، އެޕާޓީގެ ބޭންކު އެކައުންޓްގައި ކަން ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން.
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް