މިއަހަރު ތެރޭގައި ގިނަ ކަންތައްތަކެއް ކުރެވިއްޖެކަމަށް ގަބޫލުކުރައްވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ އެންމެ ބޮޑު މަސައްކަތަކީ މާލޭ ކޮމާޝަލް ހާބަރ ގައި ހިނގާ މަސައްކަތްތައް ކަމަށެވެ. އެމަސައްކަތަށް މިދިޔަ އަހަރުގެ ފަހުކޮޅާ ހިސާބުން ފެށިގެން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައި ހުރިކަަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން މިމަސައްކަތް ފަށައިގަތްއިރު ކޮންޓެއިނަރ ޔާޑަށް ބެލިއަސް މަސައްކަތް ލަސްވެގެން ގިނަ މައްސަލަތަކެއް ދިމާވެ ހުސް ކޮންޓެއިނަރ ތައް ތޮއްޖެހި ގިނަ އުނދަގޫތަކެއް ކުރިމަތިވި ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެހެންކަމުން ފުރަތަމަ ކުރި މަސައްކަތަކީ މިއޮޕަރޭޝަން ސްޓްރީމް ލައިން ކުރުމަށް ކުރި މަސައްކަތް ކަމަށާއި އެމަސައްކަތް ކާމިޔާބުވި ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ހުސް ކޮންޓެއިނަރގެ ސްޓޯރޭޖް ހުރި އަދަދުތައް ފުދޭވަރަކަށް ދައްކުރެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި 2018 ވަނަ އަހަރާއި އަޅާބަލާއިރު ބޯޓެއް އައިއްސަ ފުރައިގެންދާ ދުވަސް މަދުކުރެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެދުވަސް އަޅުގަނޑުމެން ޓާގެޓް ކުރީ މަދުކުރަން. ގިނަވެގެން ކޮންޓެއިނަރ ބޯޓެއް ވެއްޖިއްޔާ ހަތަރު ދުވަސް. ނޫނީ ތިން ދުވަސް ހަތަރު ދުވަސް ވަރު. އެވްރެޖްކޮށް އަޅުގަނޑުމެންނަށް އެޓާގެޓް އެޗީވް ކުރެވުނު 2019 ވަނަ އަހަރު ކުރެވުނު މަސައްކަތުން. ފުދޭވަރަކަށް ގިނަ އާލަތްތައް ހަލާކުވެފައި ކޮންޑިޝަންވެސް ހަމަ ވަރަށް ނިކަމެތިކޮށް އޮތީ. އެހެންވީމާ އެކަންތައްތައް އަޅުގަނޑުމެން ނަށް ފުދޭވަރަކަށް އެޑްރެސް ކުރެވުނު. އެއީ އިމިޑިއެޓްކޮށް އަޅުގަނޑުމެންނަށް ވަރަށް ގިނަ ކޮންޓެއިނަރ ހޭންޑްލް ކުރާ ބޮޑެތި އާލަތްތައް މަރާމާތުކުރެވި އެއެއްޗިސް ސަރވިސް އަށް ނެރުމާއި އެކަންތައްތައް އަޅުގަނޑުމެންނަށް ކުރެވުނު.އެމްޕީއެލް ގެ ސީއީއޯ ޝާހިދު އަލީ
މީގެއިތުރުން މިއަހަރު ތެރޭގައި ބޭނުންކުރުމަށް އާ އެއްޗިއްސަށް އޯޑަރުކޮށްގެން އާ އެއްޗިސް ގެނައުމުގެ މަސައްކަތްވެސް ކުރެވިގެންދިޔަ ކަން ޝާހިދު ފާހަގަކުރެއްވި އެވެ. އެގޮތުން 10 ފޯކްލިފްޓް އާ ހެވީ ކޮންޓެއިނަރ ހޭންޑްލް ކުރާ އެކިޔުޕްމެންޓް ގެނެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ. މީގެއިތުރުން 5 ޓަމިނަލް ޓްރެކްޓަރ ވެސް ގެނެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ.
މީގެއިތުރުން މާލޭ ކޮމާޝަލް ހާބަރ ގެ މަސައްކަތް ހުއްޓުމެއް ނެތި އެކަށީގެންވާ ފެންވަރެއްގައި ކުރިޔަށް ގެންދިޔުމަށްވެސް މަސައްކަތް ކުރެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިއަހަރު ތެރޭގައި އޮޕަރޭޝަން ރަނގަޅުކުރުމަށް ގިނަ ކަންކަން ކުރެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ. އެގޮތުން ހުޅުމާލެ އާއި ގުޅި ލާމެހިގެން މާލޭގެ އޮޕަރޭޝަންތައް ކުރިޔަށް ގެންދެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ.
ހުޅުމާލެއަށްވެސް ފުދޭވަރަކަށް ގިނަ ކޮންޓެއިނަރ ފޮނުވަންޖެހޭ ހުސް ކޮންޓެއިނަރ ރައްކާކުރަން. ފުރާލެވިގެން ބަހައްޓާނެ ޖާގައަށްވެސް ހުޅުމާލެ ވަރަށް ބޮޑަށް ބޭނުންކުރެވޭ. ހުޅުމާލެ ތެރެއަށްވެސް ފުދޭވަރަކަށް ގިނަ އަދަދެއްގެ ކޮންޓެއިނަރ ކުލިއަރ ކޮށްގެން ފޮނުވާލެވޭ. ހުޅުމާލޭ ކޮންޓެއިނަރ ޔާޑުވެސް ކުރީގައި ވާގޮތަކީ ވާރޭވެހިއްޖިއްޔާ ވަރަށް ބޮޑަށް ފެންހެދޭ. އަވިދޭ އިރު ވެހިކަލް ދުއްވީމާ ހިރަފުހާ ހެދި މަސައްކަތް ނުކުރެވޭ. އެހެންވީމާ މުޅި ތަން އެއްކޮށް ޕޭވްކޮށް ވަރަށް ބޮޑު އޭރިއާއެއް މައިގަނޑު އޭރިއާ އެއްކޮށް ޕޭވްކޮށް ނިންމާލެވުނު. އެހެންވީމާ އޭގެ ސަބަބުންވެސް މަސައްކަތަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދިޔަ.އެމްޕީއެލް ގެ ސީއީއޯ ޝާހިދު އަލީ
މީގެއިތުރުން މިއަހަރު ތެރޭގައި އާންމު ރައްޔިތުންނާ ގުޅުންހުރި ކަމެއްގެ ގޮތުގައި ދަތުރުފަތުރާ ގުޅުންހުރި ގިނަ ކަންތައްތަކެއް ކުރެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ. އެމްޕީއެލްއިން ގްރޭޓަރ މާލެ އޭރިއާއަށް ބަހުގެ ޚިދުމަތް ދެމުން ގެންދާއިރު ސަދަން ޓްރާންސްޕޯޓް ލިންނާއި، އައްޑޫ އަދި ފުވައްމުލަކާއި ލ އަތޮޅުގައި ބަހުގެ ޚިދުމަތް ދެމުން ގެންދެއެވެ.
މި ހިދުމަތް ރައްޔިތުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ޚިދުމަތްތަކެއް މިއަހަރު ތެރޭ ފެށުނުކަމަށް ޝާހިދު ވިދާޅުވި އެވެ. މިގޮތުން ބަސް ކާޑު ތަޢާރަފް ކުރެވުނު ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ސަދަން ޓްރާންސްޕޯޓްގައި ވަކި އެޕެއް ތައްޔާރުކޮށް ކިޔުގައި ނުޖެހި ދުރާލާ އޮންލައިންކޮށް ޓިކެޓް ނެގޭނެ އިންތިޒާމު ހަމަޖެހިގެންދިޔަ ކަން ޝާހިދު ފާހަގަކުރެއްވި އެވެ.
އާންމުކޮށް ދަތުރުކުރާ ފަރާތްތަކުން މިޖެހެނީ އެއް ގަޑީރު ކުރިން އައިސް ކިޔު ޖައްސަން. މިހާރު އޮންލައިން ޕޯޓަލް މެދުވެރިކޮށް ދުރާލާ ޓިކެޓް ނަގާލެވޭނެ ގޭގައި ހުރެގެން. ފުރާގަޑީގައި އޮންލައިން ޓިކެޓް ހިފައިގެން އަންނަންވީ. އެއީ އާންމުންނަށް ފަސޭހައަށް އައި ޚިދުމަތްތަކެއް. ކަސްޓަމަރުން ބަލައިގަން އެޚިދުމަތްތަކެއް.އެމްޕީއެލް ގެ ސީއީއޯ ޝާހިދު އަލީ
މީގެއިތުރުން ޚިދުމަތާއި ތަކެތި ހޯދުމުގައި ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަ ކުރުމަށްޓަކައި އޮންލައިން ޕޯޓަލްއެއް ލޯންޗުކޮށްފައި ވާނެކަމަށް ޝާހިދު ވިދާޅުވި އެވެ. އެ ޕޯޓަލްއިން ޚިދުމަތް ވިއްކާ ފަރާތްތަކަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.