އައްޑޫ ސިޓީގައި ހުޅުވުމަށް ތައްޔާރުވަމުންދާ ޓާޝަރީ ހޮސްޕިޓަލް ހުޅުވުމަށްޓަކައި، މިހާރު ހިންގަމުންދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލުމަށް ސަރުކާރުން ނިންމައިފި އެވެ.
ރައީސް އޮފީހުން ވަނީ ހެލްތު މިނިސްޓްރީއަށް މިކަމާ ގުޅިގެން ސިޓީ އެއް ފޮނުވާފައެވެ. މިސިޓީގައި އައްޑޫގެ ހިތަދޫ ހޮސްޕިޓަލްގެ މަސައްކަތްތައް އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށް، މިހާރު ހިތަދޫގައި ހިންގާ ބާ ހޮސްޕިޓަލް އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ވަނީ އަންގާފަ އެވެ.
މިކަމާ ގުޅިގެން ރާއްޖެ އެމްވީ އަށް މަޢުލޫމާތު ދެއްވަމުން ހެލްތު މިނިސްޓްރީގެ ޑެޕިިޔުޓީ ޑައިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލް އުވާލައިގެން ނޫނީ އައްޑޫ ޓާރޝަރީ ހޮސްޕިޓަލުގަ އިދާރީ ގޮތުން ކުރަން ހުރި ކަންކަން ނުކުރެވޭނެ ކަމަށެވެ.
އައްޑޫ ސިޓީގަ ހުޅުވާ ޓާރޝަރީ ހޮސްޕިޓަލް ތަރައްޤީކޮށްފައިވަނީ 17 ވަނަ ސާރކް ސަމިޓަށް ތައްޔާރުކުރި ކޮންވެންޝަން ސެންޓަރުގައެވެ.
އެތަނުން މިތަނަށް ބަދަލުކުރާއިރު ޑޮކިޔުމެންޓްސްތައް ވަރަށް ރަނގަޅަށް ބަދަލުކުރަންޖެހޭ. މިހާރު މިކޮޅުގައި (އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް) ގައި މިހުރީ ވަރަށް ބައިވަރު އިކިޔުޕްމެންޓްސްތައް. އެހެންވީމާ މިހުރިހާ އެއްޗެއްގެވެސް އެސެޓް އިންނާނެ. އިނދެފައި ހަމަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައިވެސް ހުންނާނެ މިއަހަރުވެސް ޚަރަދުކޮށްގެން ހޯދާފައި ހުރި ބައިވަރު އެއްޗިހި. އެއެއްޗެހި އެތާ ބަހައްޓާފައި ނައްތައެއް ނުއެއް ލެވޭނެ. އެއެއްޗިސް އަޅުގަނޑުމެން މިކޮޅަށް ޓްރާންސްފަރވެސް ކުރަންޖެހޭނެ ދައުލަތުގެ އެސެޓްވީމާ. އެހެންވީމާ އެ ޓްރާންސްފަރ ކުރާއިރުވެސް އެބަޖެހޭ ދެއްތޯ އެތަނުން މިތަނަށް ޓްރާންސްފާ އެއް ހަދަން. އެހެންވީމާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ އެއްޗިއްސެއް ނޫނޭ ދެން ހުންނާނީ. ނަން ބަދަލުވެގެންދާއިރު މީހުންނާއި އެސެޓްވެސް ހުރިހާ އެއްޗެއް ބަދަލުވާނެ. އެއީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ހުޅުވުމުގެ ކުރިން ކުރަންޖެހޭ ކަމެއް އެއީ.ހެލްތު މިނިސްޓްރީގެ ޑެޕިިޔުޓީ ޑައިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން
ތަސްލީމާ ވިދާޅުވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް ހުޅުވާނެ ވަކި ތާރީޚެއް ނެތްކަމަށާއި ނަމަވެސް ވީ އެންމެ އަވަހަކަށް ހޮސްޕިޓަލް ހުޅުވުމަށް ތައްޔާރުވަމުންދާ ކަމަަށެވެ. އަދި ޑިސެންބަރ މަހުގެ އެކަކުން ފަށައިގެން އިކުއަޓޯރިއަލް ހޮސްޕިޓަލުގައި އާ އިކިޔުޕްމެންޓްސްތައް އިންސްޓޯލް ކުރުމާއި ހުޅުވުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
ގާތްގަޑަކަށް ބުނާނަމަ އިކިޔުޕްމެންޓް އިންސްޓޮލޭޝަންގެ 95 އިންސައްތައަށް ވުރެ އިތުރަށް ނިމިފައި އިނީ. އެމްއާރުއައިގެވެސް އެންމެފަހުގެ މަސައްކަތްތައް ކުރަމުން މިގެންދަނީ. ޓެސްޓް ސީޓީ ހަދަން ފަށައިފިން.ހެލްތު މިނިސްޓްރީގެ ޑެޕިިޔުޓީ ޑައިރެކްޓަރ ޖެނެރަލް ތަސްލީމާ އުސްމާން
މީގެއިތުރުން މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ. މިހާރުވެސް އައިޖީއެމްއެޗުގެ އެމަރޖެންސީ ޑިޕާރޓްމެންޓުގެ ސްޕެޝަލިސްޓުންނާއި ނަރުހުން އައިސް އައްޑޫ ޓާރޝަރީ ހޮސްޕިޓަލްގެ އެމަރޖެންސީ ޑިޕާރޓްމެންޓްގައި މަސައްކަތްކުރާ މުވައްޒަފުންގެ ތަމްރީނުތައް ކުރިޔަށްދާ ކަމަށް ތަސްލީމާ ވިދާޅުވި އެވެ.
އެގޮތުގެ މަތިން ހުރިހާ މުވައްޒަފުން އެދާއިރާއަކަށް ތަމްރީނުކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށާއި އައްޑޫ ޓާރޝަރީ ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުން އެކްސްޗޭންޖް ޕްރޮގްރާމެއްގެ ދަށުން އައިޖީއެމްއެޗަށް ފޮނުވައިގެން މުވައްޒަފުންނަށް ތަމްރީނު ދިނުމުގެ ކަންކަން ކުރިޔަށް ގެންދާނެކަމަށް ތަސްލީމާ ވިދާޅުވި އެވެ.
އަދި ކޮންމެ މެޝިނެއްވެސް ހޮސްޕިޓަލުގައި ބެހެއްޓުމަށްފަހު މަސައްކަތްކުރަން ފަށަނީ ހޮސްޕިޓަލުގައި ތިބި މުވައްޒަފުންނަށް އެކަމުގެ ތަމްރީނު ދީފައިކަމަށެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި، އައްޑޫ ސިޓީގައި މަތީ ފެންވަރުގެ ހޮސްޕިޓަލެއް ހެދީ ޖުމުލަ 171 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސައޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮރ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިވާ ލޯނެއްގެ އެހީގަ އެވެ. އޭގެ ތެރެއިން ހޮސްޕިޓަލަށް ބޭނުންވާ ހުރިހާ ސާމާނެއް ވެސް ވަނީ ހޯދައިފަ އެވެ.