ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 20:52
ޮާޕާކިސްތާނުގެ ޕޭޝާވަރުގައި ހުންނަ ޕޯލިއޯ ވެކްސިން ޖަހާ މަރުކަޒެއް
ޮާޕާކިސްތާނުގެ ޕޭޝާވަރުގައި ހުންނަ ޕޯލިއޯ ވެކްސިން ޖަހާ މަރުކަޒެއް
އަލްޖަޒީރާ
ޕާކިސްތާން
ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވެ، ޕާކިސްތާނުގައި ޕޯލިއޯ ފެތުރެނީ
ޕާކިސްތާނުގައި 2019 ވަނަ އަހަރު އެކަނިވެސް 111 ޕޯލިއޯ ކޭސް ރިޕޯޓްކޮށްފައިވޭ
އަސާސީ ހިދުމަތްތައް ފޯރުކޮށްދޭން ސަރުކާރަށް ޕްރެޝަރކުރުމަށް ވެކްސިން ޖެހުން ބޮއިކޮޓް ކުރުން ގިނަ!
ވެކްސިންއާ ބެހޭ ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަތައް ގިނަ

ވެކްސިން ޖަހަން ދެކޮޅު ހަދާ މީހުން ގިނަވުމާއި ގުޅިގެން، ޕާކިސްތާނުގައި ޕޯލިއޯ ފެތުރޭ މިންވަރު އިތުރުވަމުން އަންނަކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޕޯލިއޯ އެއްކޮށް ނައްތާލަން މަސައްކަތްކުރާ، ގްލޯބަލް ޕޯލިއޯ އިރެޑިކޭޝަން އިނީޝިއޭޓިވް (ޖީޕީއީއައި) އިން ބުނެފައިވަނީ، މިއަހަރުގެ ތެރޭގައި އެކަނިވެސް ޕޯލިއޯ ޖެހިގެން 111 ކޭސްއެއް ޕާކިސްތާނުން ރިޕޯޓްކޮށްފައިވެއެވެ. މިދިޔަ އަހަރު 12 މީހަކަށް ޕޯލިއޯ ޖެހިގެން ރިޕޯޓުކޮށްފައިވެއެވެ. މީގެ ތެރެއިން ގިނަ މައްސަލަތަކަކީ އެޤައުމުގެ ހުޅަނގުއުތުރުން އޮންނަ ޚައިބަރ ޕަކްތުންވާ ޕްރޮވިންސުން ރިޕޯޓްކޮށްފައިވާ މައްސަލަތަކެވެ.

ޕޯލިއޯ ނައްތާލަން ޕާކިސްތާނުން ހިންގާ ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ އޮން ޕޯލިއޯ އިރެޑިކޭޝަންގެ އޮފިޝަލަކާ ޙަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުންނަމަ، މިއީ ސަރުކާރު ބަދަލުވުމާ ގުޅިގެންނާއި، ވެކްސިންއާ ބެހޭ ދޮގު މަޢުލޫމާތު ފެތުރުން އިތުރުވުމުގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ.

އޭގެއިތުރުން، އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރަށް ޕްރެޝަރު ބޮޑުކުރަންވެސް ޕާކިސްތާނުގެ ބައެއް އަވަށްތަކުގެ ރައްޔިތުން ދަނީ ޕޯލިއޯ ވެކްސިނޭޝަން ކެމްޕެއިންތައް ބޮއިކޮޓް ކުރަމުންނެވެ. ސަބަބެއްގެ ގޮތުގައި އެމީހުން ދައްކަނީ ސަރުކާރުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭން ނުކުޅެދިފައިވާ ވާހަކައެވެ. އަދި ސަރުކަރުން މިކަން ފުއްދައި ނުދޭނީސް ވެކްސިން ޖެހުނަ ނުދޭނަކަމަށް އެރައްޔިތުން އަންނަނީ ބުނަމުންނެވެ.

މުޅި ދުނިޔެއަށް ބަލާއިރު، މިހާރު ޕޯލިއޯގެ މައްސަލަތައް އެންމެ ގިނައީ ޕާކިސްތާނާއި، އަފްޣާނިސްތާނާއި ނައިޖީރިއާގައެވެ. މީގެތެރެއިން، ނައިޖީރިއާއިން ޕޯލިއޯގެ އައު ކޭސްއެއް ފާއިތުވެދިޔަ ތިން އަހަރުގެ ތެރޭގައި ރިޕޯޓުކޮށްފައި ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް