ކ. މާލެ
|
30 ޑިސެންބަރ 2019 | ހޯމަ 19:33
އެމްޑީޕީ ބޭއްވި އިންތިޚާބެއްގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ދަނީ
އެމްޑީޕީ ބޭއްވި އިންތިޚާބެއްގެ ޕްރައިމަރީގައި ވޯޓުލުން ކުރިއަށް ދަނީ
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ ޕްރައިމަރީ
ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމުގެ ފުުރުސަތު ހުޅުވާލައިފި
ދާއިރާތަކަށް ވާދަކުރުމަށް ބޭނުންވާ ފަރާތްތަކުން ޖެނުއަރީ މަހުގެ 10ވަނަ ދުވަހު 4:00 ގެ ކުރިން ފޯމް ހުށަހެޅުމަށް ވަނީ އެދިފައި
ޕްރައިމަރީގައި ކުރިމަތިލުމަށް އެދޭފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓުން ލިބެން ހުންނާނެ
މަގާމުތަކަށް ކުރިމަތިލުމާއި ވޯޓްލެވޭނީ 31 ޑިސެންބަރުގެ ކުރިން ޕާޓީގެ މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ މެންބަރުންނަށް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ޓިކެޓް ހޯދުމަށް ބާއްވާ ޕަރައިމަރީގަ ވާދަ ކުރުމުގެ ފުރުޞަތު އެޕާޓީން ހުޅުވާލައިފިއެވެ.

ހޯމަ ދުވަހު އެޕާޓީން ކޮށްފައިވާ އިޢުލާނެއްގައި ވަނީ 2020 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގަ ރަށު ކައުންސިލާއި، އަތޮޅު ކައުންސިލާއި، ސިޓީ ކައުންސިލް އިންތިޚާބަށް ޕާޓީގެ ޓިކެޓު ހޯދަން ވާދަކުރަން ބޭނުންވާ ކެންޑިޑޭޓުންނަށް ޕްރައިމަރީއަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހޯމަ ދުވަހުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ.

އަދި ދާއިރާތަކަށް ވާދަކުރަން ބޭނުންވާ ޕާޓީގެ މެންބަރުންނަށް، އެމެންބަރަކު ކުރިމަތިލާން ބޭނުންވާ ދާއިރާއަކަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކުރުމަށް ފަހު، ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް އަންނަ ޖެނުއަރީ މަހުގެ 10 ވާ އަންގާރަ ދުވަހުގެ 16:00 ގެ ކުރިން ހުށައެޅުމަށް އެމްޑީޕީން ވަނީ އާންމުކޮށް ހުޅުވާލާފައެވެ.

އެމްޑީޕީން މަޢުލޫމާތުދިން ގޮތުގައި، އިންތިޚާބުގައި މަޤާމުތަކަށް ކުރިމަތިލެވޭނީވެސް، އަދި ވޯޓްލެވޭނީވެސް 31 ޑިސެންބަރު 2019 ވާ (އަންގާރަ) ދުވަހުގެ 2:00 ނިޔަލަށް ޕާޓީގެ މެމްބަރޝިޕް ކޮމިޓީން މެންބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ޕާޓީގެ މެންބަރުންނަށެވެ.

އެމްޑީޕީން ކުރިން ބުނެފައިވަނީ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ލިސްޓު ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ޢާއްމުކުރާނެކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމަށް 03 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، ކެންޑިޑޭޓުންގެ ލިސްޓު 13 ޖެނުއަރީވާ ހޯމަ ދުވަހު ޢާންމުކުރާނެ ކަމަށެވެ.

އެމްޑީޕީން ބުނީ ވޯޓުލާ މީހުންގެ ދާއިމީ ލިސްޓު ޢާންމު ކުރާނީ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގައި ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭ ފޯމް ޕާޓީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބެން ހުންނާނެ ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.

އަންނަ އަހަރުގެ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕޭން ކުރުމުގެ ޙަރަކާތްތައް މިހާރު ވަނީ ފަށާފައެވެ. މި އިންތިޚާބަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ގެނައި އާ އިސްލާހުތަކަށް ފަހު ބާއްވާ ފުރަތަމަ އިންތިޚާބެވެ.

- ކޮމެންޓް