ސަރވިސް ޗާރޖަކީ މުވައްޒަފުންގެ ޙައްޤެއް ކަމަށާއި، ސަރވިސް ޗާޖު ނުދޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ޤާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ސިރާޖު މިހެން ވިދާޅުވީ، ސަރވިސް ޗާރޖަށް ދެނީ އެންމެ 11 ޑޮލަރު ކަމަށް ބުނުމުން ހޮނޑާފުށި އައިލެންޑް ރިސޯޓުގެ މުވައްޒަފެއް ކަމަށްވާ ތ. ގުރައިދޫއަށް ނިޞްބަތްވާ އަޙްމަދު ޝިމްހާޒު ވަޒީފާއިން ކަނޑާލުމާއި ގުޅިގެން އެކަމަށް ނިޞްބަތް ކުރައްވާ، ކުރެއްވި ޓްވީޓެއްގައެވެ.
ސިރާޖު ވިދާޅުވީ، މިކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި މުވައްޒަފުންގެ ޙައްޤުތައް ރައްކާތެރި ކުރެވެންޖެހޭ ކަމަށެވެ. އަދި ސަރވިސް ޗާރޖަކީ މުވައްޒަފުންގެ ޙައްޤެއް ކަމަށާއި ދޭންވާ މިންވަރަށް ސަރވިސް ޗާޖު ނުދޭނަމަ އެވާހަކަ ދައްކާނެ ކަމަށެވެ. މީގެއިތުރުން ސިރާޖު ވިދާޅުވީ، ޤާނޫނުގައި ބަޔާން ކޮށްފައިވާގޮތަށް ސަރވިސް ޗާރޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.
ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީ އޮފިސަރެއްގެ ވަޒީފާ އަދާކުރާ ޝިމްހާޒުގެ ވާހަކަ މީޑިއާތަކަށް ތިލަވެގެން ދިޔައީ ހޮނޑާފުށީ ރިސޯޓުން ނުޙައްޤުން ވަޒީފާއިން ވަކިކުރިކަމަށް ބުނެ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)ގެ މެންބަރުންނަށް ޝިމްހާޒު ފޮނުވި މެސެޖެއް މީސްމީޑިއާގައި ވައިރަލްވި ހިސާބުންނެވެ.
އެ މެސެޖުގައި ޝިމްހާޒު ބުނެފައިވަނީ، އޭނާ ވަޒީފާއިން ވަކި ކުރަން އުޅޭ ކަމަށާއި، ވަޒީފާއިން ވަކިވި ކަމުގެ ލިއުމުގައި އޭނާ ލައްވާ ސޮއި ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭނާއަކީ ދުރު ހިސާބެއްގެ އަތޮޅެއްގެ މީހެއްކަމުން އެވަގުތު ވަޒީފާއިން ވަކިކޮށްފިނަމަ އުޅެންޖެހޭނީ ވަރަށް ދަތި ޙާލުގައި ކަމަށްވެސް ބުނެފައިވެއެވެ.
އޭގެ އިތުރުން، ފަރުވާކުޑަ ކަމަށްބުނެ ރިސޯޓުން ވަޒީފާއިން ވަކި ކުރަނީ ނުޙައްޤުން ކަމަށާއި، އޭނާ އެފަދަ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށްވެސް މެސެޖުގައި ބުނެފައިވެއެވެ.
ޝިމްހާޒު ވަޒީފާއިން ކަނޑާލުމާއި ގުޅިގެން ގިނަ ބަޔަކު ދަނީ، އޭނާގެ ދިފާޢުގަ ވާހަކަ ދައްކަމުން ނެވެ. ޝިމްހާޒުގެ މައްސަލައިގަ ޓޫރިޒަމް އެޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ބުނެފައިވަނީ، އެ މައްސަލަ ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ޤާނޫނީ ގޮތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.
ހޮނޑާފުށި ރިސޯޓަކީ ތްރީއޭ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ.