ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 12:45
އެމްޑަބްލިއުއެސްސީ
އެމްޑަބްލިއުއެސްސީ
ގޫގުލް
އެމްޑަބްލިއުއެސްސީ
ސްޓޯމް ވޯޓަރ މެނޭޖްކުރެވޭ ވަރުގަދަ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރެވެންޖެހޭ: އާޒިމް
 
އާޒިމް ވިދާޅުވީ މަގާމާއި ހަވާލުވިއިރު އެ ނިޒާމުގެ މަސައްކަތް ނުކޮށް ދޫކޮށްލާފައި އޮންނަތާ 6 މަސްދުވަސް ވެފައިވާކަމަށް
 
އަމީނީ މަގުން ފެށިގެން ވެސްޓް ޕާކު ސަރަހައްދާއި ހަމަޔަށް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ނުނިމެނީ ލޮކޭޝަންތައް ނުލިބިގެން
 
ލޮނުފެން ރީތި ފެނަށް ބަދަލުކުރުމަށް ޓަނަކަށް 4 ޑޮލަރުވަރު ހަރަދުވޭ

ފެން ރައްކާކުރެވޭ ނުވަތަ ސްޓޯމް ވޯޓަރ މެނޭޖްކުރެވޭ ވަރުގަދަ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވެންޖެހޭކަމަށް އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ރާއްޖޭގައި ނިޒާމުތައް ގާއިމުކޮށްފައިހުރީ ވަގުތީ ހައްލެއް ގެނައުމަށް ކަމަށެވެ. މިސާލެއް ނަންގަވަމުން އާޒިމް ވިދާޅުވީ މިއާއި ޚިލާފަށް ސިންގަޕޫރުގެ ނަރުދަމާގެ ނިޒާމު ރޭވި، އަދި ހަދާފައިވަނީ 50 އަހަރު ކުރިން އެގައުމުގެ 200 އަހަރުގެ ދުރުރަސްތާ ޕްލޭންގެ ތެރެއިން ކަމަށެވެ. އަދި އެގައުމުގެ ކަންތައްތައް ރޭވިފައިހުރީ މިއަދު ހެދުމަށް ފަހު މާދަމާ ބަދަލުކުރާ ފަދަ ގޮތަކަށް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގައި މި ކަންތައްތައް ހިނގާފައި މިހަރަ ގޮތަކީ ވަރަށް ޝޯރޓް ޓަރމްކޮށް އެވަގުތަކު ހައްލުކޮށްލައިގެން ތިބެނީ. އެހެންމަ އެގޮތަށް ކަންތައް ކުރަންޏާ މިގޮތަށް ކަންތައް ބަދަލުވެގެންދާނީ. އެހެންމަ އެމީހުންގެ ސްޓޯރމް ވޯޓަރ ފެނަކީ އެމީހުން ބަލަނީ އެއީ އެމީހުންނަށް ލިބޭ ވަރަށް ބޮޑު ނިއުމަތެއްގެ ގޮތުގައި. އެމީހުންނަށް ސްޓޯ ކުރެވޭ ގޮތަށް މިހުންނަނީ.
އެމްޑަބްލިއުއެސްސީގެ މެނޭޖިންގް ޑިރެކްޓަރ އާދަމް އާޒިމް

އާޒިމް ވިދާޅުވީ ލޮނުފެން ރީތި ފެނަށް ބަދަލުކުރުމަށް ޓަނަކަށް 4 ޑޮލަރުވަރު ސިންގަޕޫރުންވެސް އަދި ރާއްޖެއިންވެސް ހަރަދު ކުރާ ކަމަށެވެ. ނަމަވެސް ފާހާނާއިން ދޫކުރާ ފެނާއި މަގުމައްޗަށް އެޅޭ ފެން ވަކި އެއްޗަކަށް ނެގުމަށްފަހު ޓްރީޓު ކުރުމުން އެންމެ ދޮޅު ޑޮލަރުވެސް ނާރާކަމަށެވެ.

އާޒިމް ވިދާޅުވީ ސިންގަޕޫރުގޮތަށް ރާއްޖޭގައި ފެން ރައްކާ ކުރެވެން ނެތް ކަމަށެވެ. އަދި ފެން ރައްކާ ކުރެވޭ ނުވަތަ ސްޓޯމް ވޯޓަރ މެނޭޖްކުރެވޭ ވަރުގަދަ ނިޒާމެއް ރާއްޖޭގައި ގާއިމު ކުރެވެން ޖެހޭ ކަމަށެވެ.

އަމީނީ މަގުން ފެށިގެން ވެސްޓް ޕާކު ސަރަހައްދާއި ހަމަޔަށް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި އެ ނިޒާމު އެޅުމުގެ ބައެއް މަސައްކަތްތައް ނިމިފައިވާކަން އާޒިމް ފާހަގަކުރެއްވިއެވެ. އަދި އެ މަސައްކަތް ނުނިމެނީ ބޭނުންވާ ލޮކޭޝަންތައް ލިބުމުގައި ދަތިތަކެއް އުޅޭތީކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މަގާމާއި ހަވާލުވިއިރު އެ ނިޒާމުގެ މަސައްކަތް ނުކޮށް ދޫކޮށްލާފައި އޮންނަތާ 6 މަސްދުވަސް ވެފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ބިމު އަޑީގައި ގާއިމު ކުރެވިފައިވާ ނިޒާމުތަކަކީ ކޮންމެ ދުވަހަކު ސާފުކުރަންޖެހޭ ނިޒާމުތަކެއް ކަމަށާއި އަހަރެއް ނިމޭއިރު ހުރިހާ ނިޒާމެއް ސާފުވާނެ ކަމަށެވެ. އާޒިމް ވިދާޅުވީ ނަރުދަމާ ނިޒާމް ރަނގަޅަށް އޮންނަން ޖެހޭ އިރު ސްޓޯރމް ވޯޓަރ ރައްކާ ކުރާ ނިޒާމުވެސް ރަނގަޅަށް އޮންނަން ޖެހޭ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
0%
ކޮމެންޓް