ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 12:13
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)
މަޖިލިސް
ފަލަ ސުރުހީ
ޙިޔާނާތްތެރިއަކު ދޫކޮށްލުމަށް މުޒާހަރާކޮށް، ވެރިކަމަށް ގެންނަން ކެމްޕެއިންކުރަކަށް ނުފެނޭ: ޝަހީމު
 
ކުރީގެ ރައީސް ޔާމީނަކީ އެހާ ޕޮޕިއުލާ ބޭފުޅެއް ނޫން
 
އިންތިހާބު ބޮއިކޮޓް ކުރުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ކުރަންވީ މަސައްކަތަކީ އެހެން ބޭފުޅަކު ނެރުން
 
ޔާމީނަށް ކުރެވުނީ އިންސާފުވެރި ޝަރީއަތެއް

އިންތިހާބު ބޮއިކޮޓް ކުރުމުގެ ބަދަލުގައި އިދިކޮޅު ފަރާތްތަކުން ކުރަންވީ މަސައްކަތަކީ އެހެން ބޭފުޅަކު ނެރެގެން ވެރިކަން ކާމިޔާބުކުރެވޭތޯ ނުވަތަ ވެރިކަމަށް ކުރިމަތިލެވޭތޯކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރ ޙުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

ޝަހީމް ވިދާޅުވީ އިންތިހާބުގައި ލީޑަރަށް ވާދަނުކުރެވުމަކީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން މާޒީގައި ތަޖުރިބާކޮށްފައި ހުރި ކަންތައްތައް ކަމަށާއި، ޕާޓީ ސިސްޓަމް ރާއްޖެއަށް ތައާރަފްވެގެން އައި ހިސާބުން ފެށިގެން އަބަދުވެސް އޮންނަ އުސޫލަކީ ޕާޓީން ދައްކާ ކެންޑިޑޭޓަކީ އެއީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓްކަމަށެވެ.

ޝަހީމު ވިދާޅުވީ، އެމްޑީޕީގެ ލީޑަރު ޖަލަށް ހުކުމް ކޮށް އިންތިހާބުގައި ވާދަނުކުރެވޭގޮޮތްހެދުމުން ސަޕޯޓަރުން މަގުމަތީގައި މުޒާހަރާކޮށް ނުކުރާ މަސައްކަތެއް ނެތްކަމަށާއި އިންތިހާބާއި ކައިރިވުމުން ޕާޓީން ކެންޑިޑޭޓެއް ނެރުނީ ކަމަށެވެ. އެކަމުން އިބުރަތް ނަގައި، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންވެސް މަސައްކަތްކުރުމަށް ޝަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ޖަލު ހުކުމަށް އަލިއަޅުއްވާލައްވަމުން ޝަހީމް ވިދާޅުވީ، ޔާމީނަށް ކުރި ހުކުމަކީ ވަރަށް ދެފުށްފެންނަ ގޮތަށް ހާމަކަންބޮޑު ޝަރީއަތަކަށް ފަހު ކުރި ހުކުމެއް ކަމަށެވެ. ޝަހީމް އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެފައިވާ ބޭފުޅަކަށް ވެރިކަން ދޭން ނުވަތަ ވެރިކަމަށް ގެންނަން ކެމްޕެއިންކޮށް މުޒާހަރާކުރަން ނުފެންނަ ކަމަށެވެ.

އަޅުގަނޑެއް ގަބޫލެއް ނުފެނޭ ދިވެހިރާއްޖޭގެ ސައްތައިން ސައްތަ މުސްލިމް އާބާދީއެއް އޮންނަ އިރު ދިވެހިރާއްޖޭގެ ރައްޔިތުންގެ ފައިސާއަށް ހިޔާނަތްތެރިވެފައި ހުރި ބޭފުޅަކަށް ވެރިކަން ދޭން ވެރިކަމަށް ގެންނަން ވޯޓް ހޯދަން ކެމްޕެއިން ކުރަން އަދި މުޒާހަރާކުރަން އެއްވެ އެހެން އުޅޭނެކަމަށް އަޅުގަނޑެއް ގަބޫލެއް ނުކުރަން. އެއީ ހަޑިކަމެއް ކުރައްވައިގެން އެހުންނެވީ. ދީނާއި ބީރައްޓެހި ކަމެއް އެއީ. ދީނުގައި މަނާކަމެއް އެއީ.
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)

ޔާމީން 2013 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވިީ އަމިއްލަ ޕާޓީއެއް އޮއްވައި ރައީސް މައުމޫންގެ ޕާޓީގެ ޓިކެޓްގައިކަމަށް ވިދާޅުވެ، ޝަހީމް ވަނީ 2013 ވަނަ އަހަރުގެ އިންތިހާބަކީ ކޯޓުން ނުފޫޒުފޯރުވައިގެން ޔާމީން ކާމިޔާބު ކުރެއްވި އިންތިހާބެއްކަމަށް ދޭހަވާގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.

އޭގެއިތުރުން، އަމިއްލަފުޅު ވެރިކަމުގައި ހުންނަވާ ބޭއްވި އިންތިހާބުގައި ބަލިވުމަކީ، ސިޔާސީ މައިދާނުގައި ކުރީގެ ރައީސް ޔާމީނަކީ އެހާ "ޕޮޕިއުލަރ" ބޭފުޅެއް ނޫންކަމަށް އަންގައިދޭ ކަމެއްކަމަށް ޝަހީމް ވިދާޅުވިއެވެ.

ބައިވަރު އެމްޑީޕީ މީހުން ތުހުމަތުކުރޭ 2013ގެ ވެރިކަމަށް ވަޑައިގަތީވެސް ވޯޓު ދެބުރަށް ލައިގެން ކޯޓުން މައްސަލައެއް ނިންމައިގެން ބޮޑު ކަންތައް ގަނޑަކުންނޭ. އެކަހަލަ ގޮތަކަށް ވަޑައިގެންނެވި ވެރިކަމެއް ވެރިކަމަކީވެސް. އަނެއްކާ ވެރިކަމަށް ވަޑައިގަތީވެސް ރައީސް މައުމޫންގެ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި. އަމިއްލަ ފުޅު ޕާޓީވެސް ބާއްވާފައި.
ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން)

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން އަށް ވާދަނުކުރެވިއްޖެ ހާލަތެއްގައި ޕާޓީގެ ވިސްނުމަކީ ކޮބައިތޯ ރާއްޖެ.އެމްވީން މީގެކުރިން ސުވާލުކުރުމުން ޕީއެންސީގެ ނައިބް ރައީސް އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، އެފަދަ ހާލަތެއް ދިމާވެއްޖެނަމަ ޕާޓީގެ ވިސްނުމަކީ އިންތިހާބުގައި ބައިވެރިނުވެ އިންތިހާބު ބޮއިކޮޓް ކުރުން ކަމަށެވެ.

ޔާމީނުގެ މައްޗަށް ދަައުލަތުން އުފުލާފައިވާ މަނީ ލޯންޑަރކުރުމުގެ ދަޢުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ، ފަސް އަހަރަށް ޖަލަށްލައި، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމް ކުރީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ވަނީ އެމަނިކުފާނަށް ކުރި ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ހައި ކޯޓުން ވަނީ އެމައްސަލަ ބަލައިގަނެފައެވެ. ނަމަވެސް މިމައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ތާރީހެއް އަދި މިހާތަނަކަށް ހައިކޯޓުން އިއުލާންކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް