އަންނަ ޖެނުއަރީ މަހުން ފެށިގެން ޢަމަލު ކުރުމަށް ތައްޔާރުވަމުންދާ ޢާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ސަބަބުން ކުލި ބޮޑުކުރަންޖެހޭ ކަމަކަށްވެސް އަދި ކުލި ބޮޑުކުރާނެ ކަމަކަށްވެސް ދެކެވަޑައިނުގަންނަވާ ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރ ޙުސައިން ޝަހީމް(އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަލަ ސުރުޚީ ޕްރޮގުރާމުގަ ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ކުއްޔަކީ ސަރުކާރަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެއީ ކުލި ކޮންޓްރޯލް ކުރާނެ އުޞޫލެއް ނެތުމުންކަމަށެވެ. އެފަދަ އުޞޫލެއް ހެދޭނެކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. ސަބަބެއް ކަމަށް ޝަހީމް ވިދާޅުވީ މާލޭގައި މީހުން ގެދޮރު އަޅަނީ ވިޔަފާރި އުޞޫލުން ލޯން ނަގައިގެން ކަމަށްވާތީ ކަމަށެވެ.
އެކި މީހުން ޢިމާރާތް ކުރުމަށް ހޭދަކުރާ މިންވަރު ތަފާތުވާއިރު ލޯނު ނަގައިގެން މިކަން ކުރާތީ ސަރުކާރަށް ކުލި ކޮންޓްރޯލް ކުރެވޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށް ޝަހީމް ވިދާޅުވި އެވެ.
އެހެންވީމާ ވިޔަފާރި ލޯން ނަގައިގެން ހަތަރު އަހަރުން ދައްކަން ތަނެއްގެ ކުލި ހުންނަންވާނީ ވަކި ވަރެއްގައޭ ސަރުކާރަށް އެހެން ނުވެސް ވިދާޅުވާނެ އަޅުގަނޑު ދެކޭގޮތުގައި. އެހެން ކުލި ކޮންޓްރޯލް ކޮށްފި ކަމަށްވާނަމަ ބޭންކުތަކަށް ލޯން ދޭން ފީސިބަލްވެސް ނުވާނެ. އެހެންވީމާ ބޮޑު ލޯނެއް ނަގައިގެން ކޮމާޝަލް ރޭޓްގައި ކުރުމުއްދަތެއްގައި ދައްކަން އަޅާފައި ހުންނަ އިމާރާތްތަކުގެ ކުލި ވަކި ވަރަކަށްވުރެ ތިރިއެއް ނުކުރެވޭނެ.ހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސައިން ޝަހީމް
ޝަހީމް ވިދާޅުވީ ވަކި އަގެއްގަ ގެތައް ކުއްޔަށްދޭން ސަރުކާރަށް އެންގޭނަމަ ހުރިހާ ރިސޯޓެއްވެސް އެއް އަގެއްގައި ކުއްޔަށް ދޭން ސަރުކާރުން އެންގެންވާނެ ކަމަށެވެ.
މީގެއިތުރުން ޝަހީމް ވިދާޅުވީ މާލޭގެ އުފަން ރައްޔިތުން ދިރިއުޅެނީ އަތޮޅު ތެރޭގެ ރައްޔިތުންނަށްވުރެ ދަތި ޙާލެއްގައި ކަމަށެވެ. އެގޮތުން މާލޭގެ ގޭގެއަށް ވަންނައިރުގައި މާލޭގެ އަޞްލު ރައްޔިތުންގެ ދިރިއުޅުމުގެ ޢާންމު ޙާލަތު އުޅެނީ މާބޮޑަށްވެސް ދަށުގައިކަމަށް ޝަހީމް ވިދާޅުވި އެވެ. އެހެންދިމާވާ ސަބަބަކީ އަތޮޅު ތެރޭގެ ރައްޔިތުން އެއް ކޮޓަރީގަ ދިރިއުޅެމުން އަނެއް ކޮޓަރިވެސް ހެދޭނެކަމަށާއި ނަމަވެސް މާލޭގެ ރައްޔިތުން އެމީހުން އުޅޭ ތަން ތަޅާލާ ވަންނާނެ ތަނެއް ނެތި އެތައް މައްސަލައެއް ދިމާވަމުންދާ ކަމަށް ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ މާލޭގައި ކުލި ކުޑަވާނީ މާލޭގެ އަޞްލު ރައްޔިތުންނަށް ލޯޑު ކުޑަވެގެން ކަމަށެވެ. ކޮންމެ ދާއިރާއެއްގެ މެންބަރަށްވެސް އެދާއިރާއެއްގެ ރައްޔިތުން ގާތު އެދާއިރާއަކަށް ޚާއްޞަކޮށްގެން އަޅާ ފްލެޓްތަކަކީ ކޮބައިކަން އެނގެންޖެހޭކަމަށް ޝަހީމް ވިދާޅުވި އެވެ.
މާލގެ މީހުން މާލޭގެ ތަންތަން ކުއްޔަށް ހިފައިގެން އުޅޭލެއް މާގިނައޭ އަތޮޅު ތެރެއިން އައިސްތިބި މީހުންނަށް ވުރެ މާލޭގެ ދަތި ހާލު ބޮޑުވެގެންގޮސް ކުއްޔަށް ހިފައިގެން އުޅޭ މާލޭގެ ރައްޔިތުން މާގިނަ މާލޭގައި. މިހާރު ބޯހިމަނާފައި ބެލިއަސް މާލޭގެ މީހުން މާލޭގައި ކުއްޔަށް އުޅޭލެއް މާގިނަ ވާނެ. އެހެންވީމާ މިފާސްކުރި އިންކަމް ޓެކްސްގެ ޤާނޫނަކާ ހެދި ކުލި ބޮޑުކުރަންޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ ކުލި ބޮޑުކުރަންޖެހޭ. ކުލި ބޮޑުކުރާކަށް ނުވެސް ޖެހޭ. އާމްދަނީން ޓެކްސް ނެގުމަކީ ފަސްދޮޅަސް ހާހަށްވުރެ އިތުރަށް ވާ އެއްޗަކުން އާމްދަނީން މިޓެކްސް މިފެށެނީވެސް. 61000 ރުފިޔާ ވެއްޖިއްޔާމުން މިނެގެނީ އެއްހާސް ރުފިޔާގެ ނިސްބަތުން ޓެކްސް މިނެގެނީ. އެހެންވިމާ މުޅި އެއްޗަކަށްވެސް ނޫން އަޅުގަނޑަކަށްވެސް ގަބޫލުކުރާކަށް ފަސޭހައެއް ނޫން އިންކަމް ޓެކްސް ނަގަން ސަރުކާރުން ނިންމެވުމާއި ގުޅިގެން ކުލި ބޮޑުކުރަންޖެހޭ ކަމަކަށްވެސް އަދި ކުލި ބޮޑުކުރާނެ ކަމަކަށްވެސް އަދި ކުއްޔަކީ ސަރުކާރުން ކޮންޓްރޯލް ކުރެވޭނެ އެއްޗެއް ކަމަށްވެސްހެންވޭރު ދެކުނު ދާއިރާގެ މެމްބަރ ހުސައިން ޝަހީމް
ޝަހީމް ވިދާޅުވީ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަކަމަށެވެ. މިމައްސަލައަށް ޙައްލެއް އައިސްގެން ނޫނީ މިމައްސަލަތަކަށް ޙައްލެއް ނާންނާނެކަމަށް ޝަހީމް ވިދާޅުވި އެވެ. އަދި އެކަމަށް ޙައްލު އަންނާނެ ކަމަށް ބެލެވެނީ ހުޅުމާލޭގަ ހުރި ފްލެޓުތައް އެޅި އަތޮޅު ތަކުގައި އަޅާ ރޯހައުސްތައް އަޅާ އެތަންތަނަށް މީހުންނަށް ވަދެވުނީމަ ކަމަށް ޝަހީމް ވިދާޅުވި އެވެ.