މާލެ ފުރެން އަދި ކައިރިވެސް ނުވާކަމަށް ވިދާޅުވެ، މާލެ ތޮއްޖެހިފައިވާ ކަމަށް ބުނާ ފަރާތްތަކަށް މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައެންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު ރައްދު ދެއްވައިފި އެވެ.
މިނިސްޓަރު މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެ ފުރެން އަދި ކައިރިވެސް ނުވާކަމަށާއި މާލެއަކީ މިހާރު ހުޅުމާލެ ދެވަނަ ފިޔަވައްސާ، ވިލިމާލެ، ގުޅިމާލެ (ގުޅިފަޅު)، ތިލަމާލެ (ތިލަފުށި) ކަމަށެވެ. މި ޞަރަޙައްދު ވެގެންދާނީ ބޮޑު ޞަރަޙައްދަކަށް ކަމަށާއި ހައުސިންގ ގެ ތަފާތު ވައްތަރުތައް އަންނަވީ ކަމަށެވެ. އަދި ޕަބްލިކް ޓްރާންސްޕޯޓާއި ފްރީން އޭރިއާ އާއި ޕާރކިންގ އޭރިއާ އާއި ޝޮޕިންގ މޯލްތަކާއި ސިނެމާތައް އަންނަންވީ ކަމަށާއި އަދި ފުރިހަމަވާން ކައިރިވެސް ނުވާކަމަށް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.
މަލީހު މިހެންވިދާޅުވެފައި މިވަނީ، މާލޭގެ ކުލީގެ މައްސަލަަ ޙައްލުވާނީ މާލޭގައި ދިރިއުޅެން މަޖުބޫރުވެފައިވާވުން ކުޑަކުރުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެފައި ވަނިކޮށެވެ.
މީގެއިތުރުން އަލީ ހުސައިން ވިދާޅުވެފައިވަނީ، މާލޭގެ ގެދޮރަށް އޮތް ޑިމާންޑު ދައްވާނޭ ގޮތް ހެދުމުން، މާލެއަށް ތޮއްޖެހުން އިތުުރުވާނެ މަޝްރޫޢުތައް އެހެން ޞަރަޙައްދަކަށް ގެންދިޔުމުން، އަދި މާލެ ފުރި ބަންޑުން ވެެއްޖެ ކަމަށް ޤަބޫލުކުރުމުން، މާލޭގެ ކުލީގެ މައްސަލަވެސް ޙައްލުވާނެ ކަމަށެވެ.
މާލެ ފުރެން އަދިކައިރިވެސް ނުވާކަމަށް، މިނިސްޓަރު މަލީހު ވިދާޅުވިއިރު، ހުޅުމާލެ ދެ ވަނަ ފިޔަވައްސާއެކު، މާލޭގެ ޞަރަޙައްދުން، މިހާރު ހިނގަމުންދާ ހައުސިންގ މަޝްރޫޢުތަކާއި، އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރުން މިހާރު ހިންގުމަށް ނިންމާފައިވާ ހައުސިންގ މަޝްރޫއުތައް ފިޔަވާ އިތުރަށް، ހައުސިން ޝްރޫއުތައް ހިންގާނެ ޖާގައެއް ހުޅުމާލެގައި ވެސް މިހާރު ނެތް ކަމަށް ޕްލޭނިންގ މިނިސްޓްރީން މީގެކުރިން ވަނީ ބުނެފަ އެވެ.
މީގެއިތުރުން، ގުޅީފަޅާއި ތިލަފުށީގައި ވެސް ހިންގަމުން ނިންމާފައިވަނީ ވިޔަފާރިއާ ގުޅުންހުރި މަޝްރޫޢުތަކާއި ސޯޝަލް ސެކިއުރިޓީއާ ގުޅުންހުރި މަޝްރޫއުތަކެވެ. އެ ދެ ތަނުގައި ގޯތި ދޫކުރުމާއި ފްލެޓު އަޅައި، ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫޢެއް ހިންގުމަށް ނިންމާފަ ނުވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފައި ވެއެވެ.
އަދި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުން ރާއްޖޭގެ އެކި ޞަރަޙައްދުތައް ތަރައްޤީ ކުރުމުގެ ވިސްނުން ގެންގުޅެ އެވެ.
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވާ ގޮތުގައި، މާލެއަށް ބަރޯސާވާ ބަރޯސާވުން ނައްތާލުމަށް އައްޑޫ ސިޓީތައް ފަދަ ބޮޑެތި އާބާދީތައް އިޤުތިޞާދީ ގޮތުން ވަރުގަދަ ކުރުމަކީ ސަރުކާރުގެ ޢަމާޒެއް ކަމަށެވެ.