ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 16:00
ނޮވެންބަރު މަހު މިނިސްޓްރީއަށް 174 މައްސަލައެއް ހުށަހަޅާފައިވޭ
ނޮވެންބަރު މަހު މިނިސްޓްރީއަށް 174 މައްސަލައެއް ހުށަހަޅާފައިވޭ
ޖެންޑާ މިނިސްޓްރީ
ޖެންޑަރ މިނިސްޓްރީ
ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 09 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވޭ: ޖެންޑަރ މިނިސްޓްރީ
 
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ ހުށަހަޅާފައިވޭ
 
އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 2 މައްސަލަ ހުށަހަޅާފައިވޭ
 
އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުގެ މައްސަލަ

ޙައްޤުތަކުން ކުޑަކުދިން މަޙުރޫމުކުރުމުގެ 9 މައްސަލައެއް މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ބުނެފިއެވެ.

ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ނޮވެންބަރު 2019ގައި މިނިސްޓްރީއަށް ޖުމުލަ 174 މައްސަލަ ރިޕޯޓުކޮށް ވަނީ އެޓެންޑްކޮށްފައެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާތަކާ ގުޅޭ ގުޅޭ 75 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ މިބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި، މިބާވަތުގެ 23 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މިބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނިއްކައިގެ 21 މައްސަލަ، ޖިންސީ ހާނިއްކައިގެ 20 މައްސަލަ، ނަފުސާނީ ހާނިއްކައިގެ 5 މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ 2 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ އަދި ނަހަމަގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ 1 މައްސަލަ ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 9 މައްސަލަ މިދިޔަ މަހު ވަނީ ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ތަޢުލީމަށް ހުރަސް އެޅުމުގެ 4 މައްސަލަ، ވެކްސިން ނުދިނުމުގެ 2 މައްސަލަ، އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ 1 މައްސަލަ، އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓު ނުވަތަ އުފަންދުވަހުގެ ސެޓުފިކެޓު ނެހެއްދުމުގެ 1 މައްސަލަ އަދި ޞިއްޙީ ފަރުވާއަށް ހުރަސްއެޅުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ޖެންޑަރ މިނިސްޓްރީން ބުނީ ޢާއިލީ 30 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާ ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 16 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 10 މައްސަލަ އަދި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ 4 މައްސަލަ ހިމެނޭ ކަމަށް މިނިސްޓްރީން ބުނެއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 2 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައިވާ ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.

ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 10 މައްސަލަ މިދިޔަ މަހު ވަނީ ހުށަހަޅައިފައިވާ ކަމަށާއި، މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ 4 މައްސަލަ، އެހެން ކުދިންނަށް ގަނާކުރުމާއި ފުރައްސާރަކުރުމުގެ 2 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 1 މައްސަލަ ހިމެނޭ ކަމަށް ވެސް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 29 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅާފައިވާކަން ފާހަގަކުރައްވައި ޖެންޑަރ މިނިސްޓްރީން ބުނީ މިފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަ ކަމަށެވެ. އެ ގޮތުން މި ބާވަތުގެ 14 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، ޖެންޑަރ މިނިސްޓްރީން ބުނީ ނަފުސާނީ އަނިޔާކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ 5 މައްސަލަ، ފާރަލުމުގެ 2 މައްސަލަ، ޖިންސީ ފުރައްސާރަކުރުމުގެ 2 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ 2 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ، މާލީ ނުވަތަ އިގުތިސާދީ ފުއްދުންތެރިކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 1 މައްސަލަ، މުދާ ހިފެހެއްޓުމާއި މުދަލަށް ގެއްލުންދިނުމުގެ 1 މައްސަލަ އަދި ބާރާއިނުފޫޒު ފޯރުވުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 17 މައްސަލަ މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 11 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 6 މައްސަލަ ކަމަށް މިނިސްޓްރީން ބުންޏެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 2 މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް