ކ. މާލެ
|
29 ޑިސެންބަރ 2019 | އާދީއްތަ 09:15
މަސްތުވާތަކެއްޗާއި އެކު އަތުލައިގަތް އިރާނުގެ ބޯޓު - އެބޯޓު އަތުލައިގަތީ، އިންޖީނު ހުއްޓި ހާލުގައި ޖެހިފައި ވަނިކޮށް
މަސްތުވާތަކެއްޗާއި އެކު އަތުލައިގަތް އިރާނުގެ ބޯޓު - އެބޯޓު އަތުލައިގަތީ، އިންޖީނު ހުއްޓި ހާލުގައި ޖެހިފައި ވަނިކޮށް
އެމްއެންޑީއެފް
ހާލުގައި ޖެހުނު އީރާނު ބޯޓު
އިމިގްރޭޝަންގައި ޖާގަނެތުމުން އިރާނު ބޯޓުން ހައްޔަރުކުރި 7 މީހުން މަގުމައްޗަށް ދޫކޮށްލެވިފައި!
 
އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެއް ނޫން
 
އެމީހުން މިހާރު ވަނީ ކޯޓުން ދޫކޮށްފައި
 
7 މީހުން އިމިގްޜޭޝަނާއި ހަވާލެއް ނުކުރޭ

އިންޖީނު ހުއްޓިގެން އޮޔާ ދަނިކޮށް ރާއްޖޭގެ ކަނޑުގެ ޞަރަޙައްދުން ފެނުނު އީރާން ބޯޓުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގަ ޑީޕޯޓު ކުރުމަށް ނިންމާފައިވާ 7 މީހުން އިމިގްރޭޝަނާއި ޙަވާލުނުކުރާކަމަށް އެއިދާރާއިން ބުނެފިއެވެ.

އެ ބޯޓު އަތުލައިގަނެފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މިދިއަ މަހުގެ ތިން ވަނަ ދުވަހު، އދ. މަންދޫގެ ހުޅަނގުން ގާތްގަނޑަކަށް 4.8 ނޯޓިކަލް މޭލު ބޭރުން ނެވެ. އެ މައްސަލައިގައި، ބޯޓުން ދަތުރުކުރި އީރާނުގެ ހަތް މީހަކު ހައްޔަރު ކޮށްފަ އެވެ.

މިމައްސަލާގައި ދައުލަތުން ދައުވާ ނުކުރަން ނިންމުމާއި ގުޅިގެން "ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމު މީގެކުރިން ވިދާޅުވީ، އެމައްސަލައިގެ ތަހުގީގުން އެނގުނު ގޮތުގައި އެ މީހުން ރާއްޖެއިން އަތުލައިގަތީ އިންޖީނު ހަލާކުވެ ހާލުގައި ޖެހިފައި ވަނިކޮށް ކަމަށާއި އަދި އެ މީހުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ނިޔަތް އޮތްކަން އެނގެން ނެތް ކަމަށެވެ. ޝަމީމު ވިދާޅުވީ، އަތުލައިގަތް އެބޯޓުގައި އެއްވެސް ދިވެއްސެއް ނުހިމެނޭ ކަމަށާއި އަދި މި މައްސަލާގައި ދިވެހިންގެ އެއްވެސް ބަޔަކާއި އެމީހުން ގުޅިފައިވާކަމުގެ އެއްވެސް ހެއްކެއް ފުލުހުންގެ ތަހުގީގަށް ހޯދިފައި ނުވާ ކަމަށެވެ.

އެހެންކަމުން އިމިގްރޭޝަން ގާނޫނު ބުނާގޮތުންނާއި އަދި މިމައްސަލާގައި އެއްވެސް ދިވެއްސެއް ސާމިލުވާކަން ފުލުހުންގެ ތަހުގީގުން ފެންނަން ނެތުމުން، އަދި އެމީހުން އަތުލައިގަނެވެފައިވަނީ، އެ ބޯޓު ދަތުރުކުރަމުންދަނިކޮށް، އިންޖީނު ހުއްޓި، ހާލުގައި ޖެހުމުންކަމަށް ފެންނާތީ، އެންމެ ރަނގަޅު ގޮތެއް ކަމަށް ފެންނަނީ އެމީހުން ދައުލަތުގެ ބެލުމުގެ ދަށުގައި ބޭތިއްބުމުގެ ބަދަލުގައި ޑީޕޯޓު ކޮށްލުން ކަމަށް ޝަމީމް ވިދާޅުވި އެވެ.

މިކަމާއި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން އިމިގްރޭޝަނުން ބުނެފައިވަނީ، މޯލްޑިވިސް ޕޮލިސް ސާރވިސް އިން އެ 7 މީހުން ހަވާލުކުރުމަށްޓަކައި އިމިގްރޭޝަނަށް ގުޅާފައިވާކަމަށާއި ނަމަވެސް އިމިގްރޭޝަން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ޖާގަ ނެތް ވާހަކަ ފުލުހުންނަށް އަންގާފައިވާނެކަމަށެވެ. އިމިގްރޭޝަނުން ބުނެފައިވަނީ ޖާގަ ނެތުމުން ފުލުހުން އެ 7 މީހުން އިމިގްރޭޝަނާއި ހަވާލުނުކުރާކަމަށާއި މި މުއާމަލާތްތައް ކުރެވުނީ ފާއިތުވެގެންދިޔަ ހަފްތާ ތެރޭގައިކަމަށެވެ.

އިރާން ބޯޓުން ހައްޔަރުކުރެވުނު މީހެއް ސަލާންޖެހުމުގައި
އެ މީހާގެ އަތުގައި އޮތް ލިޔުން
އިރާން ބޯޓުގެ ފަޅުވެރިއެއް

މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކަށް ބަލާއިރު އެ ބޯޓުގައި ހަރަކާތްތެރިވި ފަޅުވެރިއެއް ސަލާންޖަހަމުން ދާތަން ފެނެއެވެ. މިކަމާއި ގުޅިގެން ރާއްޖެއެމްވީއިން މިކަން ކަށަވަރުކުރުމަށްޓަކައި މޯލްޑިވިސް ޕޮލިސް ސާރވިސްގެ ބަހެއް ހޯދުމަށް ކުރި މަސައްކަތުން ފުލުހުންގެ އިދާރާއިން ބުނީ މި މައްސަލައިގައި ހިމެނޭ މީހުން ޑީޕޯޓްކުރުމަށް ޕީޖީން ނިންމުމާއި ގުޅިގެން، އިމިގްރޭޝަނާއި އެމީހުން ހަވާލުކުރުމަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ފުލުހުން މަސައްކަތް ކުރި ނަމަވެސް ޖާގަ ނެތުމުން އިމިގްރޭޝަނުން އެމީހުންނާއި ހަވާލުވެފައިނުވާކަމަށެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ މި 7 މީހުން އަދިވެސް ތިބީ ރާއްޖޭގައި ތާށި ވެފައިކަމަށާއި އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ނޫންކަމަށެވެ. އަދި މި 7 މީހުން ކޯޓުން ދޫކުރުމާއި ގުޅިގެން މާލޭގެ އެކި ތަންތަނުގައި އުޅެމުންދާކަމަށާއި، އެހެންވަނީ އިމިގްރޭޝަނުން އެމީހުންނާއި ހަވާލުނުވުމުންކަމަށެވެ.

ފުލުހުން މީގެކުުރިން ބުނެފައި ވަނީ އެފަދަ ބޯޓުތަކަކީ މި ސަރަހައްދުގެ ގައުމުތަކަށް މަސްތުވާތަކެތި އެތެެރެ ކުރަން ބޭނުން ކުރާ ބޯޓުތަކެއް ކަމަށެވެ. ރާއްޖެ އަކީ މަސްތުވާތަކެތި އެތެރެ ކުރާ "ޓްރާންސިޓް ޕޮއިންޓް" އެއްގެ ގޮތުގައި ވެސް ކަމާބެހޭ ފަރާތްތަކުން ސިފަކޮށްފައި ވެއެވެ. ނަމަވެސް މިފަދަ ބޯޓުތަކުން ރާއްޖެއަށްވެސް މަސްތުވާތަކެތި އެތެރެކޮށްފައިވެއެވެ. އެފަދަ މައްސަލަތަކުގެ ތަހުގީގުތަކާއި ޝަރީއަތްތައް ވެސް ހިންގާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް
29 ޑިސެންބަރ 2019 | އާދީއްތަ 11:44
މުގުނީ
މިއަދު ތި ދޫކޮއްލައިފައިވާ މީހުންގެ ތެރއިން އެކަކާއި ބައްދަލުވެގެން ކާނެ އެއްޗެއްގައްނަަން ބޭނުންވެގެން ފައިސާއަށް އެދުމުން އެހީތަރިކަން ފޯރުކޮއްދިނިން.