ކ. މާލެ
|
28 ޑިސެންބަރ 2019 | ހޮނިހިރު 13:02
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް
ޔޫސުފް ސޮފްވާން ރަޝީދު
އިލެކްޝަން ކޮމިޝަން
ރިޔާސީ އިންތިޚާބަށް އިންޑިއާއިން ނުފޫޒުފޯރުވިކަމަށް ކުރާ ތުހުމަތުތަކަށް އީސީގެ ރައްދެއް
 
ގިނަ ރައްޔިތުން ކޮމިޝަނަށް އިތުބާރު ކުރޭ
 
ތުހުމަތުތައް ކުރީ ރައީސް ނަޝީދު އިންޑިއާގެ ޑިޕްލޮމެޓުންނަށް ޝުކުރުއަދާކުރެއްވުމާ ގުޅިގެން
 
އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާ

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާ މެދުވެރިކޮށް 2018 ވަނަ އަހަރު ބޭއްވިގެން ދިޔަ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް ރައްދުދެއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އިންޑިއާ މެދުވެރިކޮށް ނުފޫޒު ފޯރުވިކަމަށް އިދިކޮޅަށް ނިސްބަތްވާ ޕީޕީއެމްއާއި ޕީއެންސީ ތުހުމަތުކޮށް ދޮގު ވާހަކަތައް ފަތުރަމުންދަނީ ރައީސް ނަޝީދު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާގެ ޑިޕްލޮމެޓުންނަށް ޝުކުރުއަދާ ކުރެއްވުމާ ގުޅިގެން ކަމަށެވެ. އަދި އެމަނިކުފާނު ޝުކުރުއަދާ ކުރެއްވީ ރިޔާސީ އިންތިޚާބުގައި އެފަރާތްތަކުން ދެއްވި އެހީތެރިކަމުގެ ސަބަބުން ކަމަށެވެ.

ޝަރީފް ވިދާޅުވީ ރައީސް ނަޝީދު ދެއްވި އިންޓަވިއުގައި އިންޑިއާއިން، ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް އިދިކޮޅު ފަރާތްތަކަށް ފަހުމްވި ގޮތް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެހެން ބައެއްގެ ހިތްތަކަށް އެފަހުމްއާ ޝައްކު ނުވަންނަ ކަމަށެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެކިފަރާތްތަކުން ގިނަ މަސައްކަތްތައް ކުރާނެކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ ދުނިޔޭގެ އެއްވެސް ފަރާތަކުން އަދި ޖަމިއްޔާއާ ޖަމާއަތްތަކުންނާއި، ފަރުދީ ހައިސިއްޔަތުންނާއި، ގައުމަކުން ވެސް އަދި ގައުމެއްގެ ހިމެނޭ ވަކި ބާރަކުން ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. ޝަރީފް ވިދާޅުވީ 2018 ވަނަ އަހަރު ބޭއްވިގެން ދިޔަ ރިޔާސީ އިންތިޚާބަކީ ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށާއި، އެޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އެއީ އަޅުގަނޑުމެންނާ ހަމައަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާފަ އޮތް ބައެއް މައްސަލަތަކުން އިންޑިއާގެ ޖާސޫސީ އިދާރާއިން އަޅުގަނޑުމެންނަށް ކޮންމެވެސް ވަރަކަށް ނުފޫޒު ފޯރުވި ކަމަށާއި، އެކަހަލަ ވާހަކަތަކެއް ބައެއް އާންމު ފަރާތްތަކުން ވެސް ދައްކަވާފަ އޮތީމަ އަޅުގަނޑުމެން މިހެން މިދެންނެވީ. އެއްވެސް ފަރާތަކުން ރިޔާސީ އިންތިޚާބުގަ ނުފޫޒު ފޯރުވުމަށްޓަކައި އިލެކްޝަން ކޮމިޝަންގެ އެއްވެސް މެމްބަރަކަށް (އަދި) އިލެކްޝަން ކޮމިޝަންގެ އެއްވެސް މުއައްޒަފަކަށް އެއްވެސް ބާވަތެއްގެ މުއާމަލާތެއް ހިންގާފައިވާކަމުގެ އެއްވެސް މައުލޫމާތެއް ނެތް. އަދި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކަހަލަ ކަމެއް އަޅުގަނޑުމެން އިލެކްޝަން ކޮމިޝަނަށް ފާހަގަކުރެވިފައި ނެތް. އެހެންވީމަ އަޅުގަނޑު ދަންނަވާނީ ރިޔާސީ އިންތިޚާބުގެ ނަތީޖާއަށް ނުފޫޒު ފޯރުވުމަށްޓަކައި އެއްވެސް ފަރާތަކުން އިލެކްޝަން ކޮމިޝަނަށް މައްޗަށް ނުފޫޒު ފޯރުވާފަ ނެތް. އަދި އަޅުގަނޑުމެން ޔަގީންކަން އަރުވަން.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް

ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އިލެކްޝަން ކޮމިޝަނުން އަމަލުކުރީ އެއްގޮތަކަށް ކަމަށާއި، އެއްވެސް ފަރާތެއް މޮޅު ކުރުމަށް ނުވަތަ ބަލި ކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައިނުވާނެ ކަމަށެވެ.

މިހާރުގެ ސަރުކާރާ އިދިކޮޅު ފަރާތްކުން ގިނަ ތުހުމަތުތަކެއްކޮށް ފާޑުކީނަމަވެސް, ބައިނަލްއަގްވާމީ ފަރާތްތަކާއި ރާއްޖޭގެ ގިނަ ރައްޔިތުން އިލެކްޝަން ކޮމިޝަނަށް އިތުބާރު ކުރާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
100%
ކޮމެންޓް