ދައުލަތުގެ އިދާރާތަކުން ތައްޔާރުކޮށްފައިވާ "އަހަރީ ރިޕޯޓު" ފޮނުއްވައި ދިނުމަށް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެދެފިއެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ދައުލަތުގެ އިދާރާތަކަށް ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވާ ގޮތުގައި ވޭތުވެދިޔަ ފަސް އަހަރު، ރިޕޯޓު ފޮނުއްވާފައި ނުވާ އިދާރާތަކުން، މި ހިނގާ މަހުގެ 31 ގެ ކުރިން، ކޮންމެ އަހަރެއްގެ މައުލޫމާތު ވަކިން އެނގޭނޭ ގޮތަށް، ފަސް އަހަރުގެ ރިޕޯޓު ފޮނުވަން ޖެހެއެވެ.
އަދި މި އަހަރުގެ އަހަރުގެ ރިޕޯޓު އަންނަ އަހަރުގެ ޖެނުއަރީ 31 ގެ ކުރިން ފޮނުއްވައިދިނުމަށް ވެސް އިންފޮމޭޝަނަރުގެ އޮފީހުން ވަނީ އެދިފައެވެ.
އެ ރިޕޯޓުގައި، މައުލޫމާތަށް އެދި ހުށަހެޅި މިންވަރާއި، އިޖާބަދެވުނު ހުށަހެޅުމުގެ މިންވަރާއި، މައުލޫމާތު ދެވުނު ހުށަހެޅުމުގެ އަދަދާއި، މައުލޫމާތު ދޭން އިންކާރުކުރި ހުށަހެޅުމުގެ އަދަދުގެ އިތުރުން އެދުނު މައުލޫމާތެއް ނުދިނުމަށް، އެންމެ ގިނައިން ބޭނުންކުރަން ޖެހުނީ، މި ގާނޫނުގެ ކޮން މާއްދާއެއް ނުވަތަ ބައެއްކަމުގެ އިތުރުން މައުލޫމާތެއް ދިނުމަށް އިންކާރުކުރުމުން އިސްތިއުނާފަށް ހުށަހެޅުނު މިންވަރު ބަޔާން ކުރަން ޖެހެއެވެ.
ޤާނޫނުގެ 42 ވަނަ މާއްދާގައި ލާޒިމްކުރާ ރިޕޯޓު ވޭތުވެދިޔަ ފަސް އަހަރު (2014 އިން 2018 އަށް) ދައުލަތުގެ ގިނަ އިދާރާތަކަކުން ހުށަހަޅުއްވާފައި ނުވެއެވެ.