ކ. މާލެ
|
25 ޑިސެންބަރ 2019 | ބުދަ 12:21
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު
ރައީސް އޮފީސް
ރައީސް އޮފީސް
އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ރާއްޖެއިން ނުވަންނާނެ: ހޫދު
 
ރާއްޖެއިން މި ގައުމުތަކުގެ އަމަލުތައް ކުށްވެރި ނުކުރާތީ ގިނަބައެއްގެ ފާޑުކިއުންތަކެއް ސަރުކާރަށް އަމާޒުވެފައިވޭ
 
ހޫދު ވިދާޅުވީ އެފަދަ ކަންބޮޑުވުންތައް ފާޅުކުރާއިރު އިންޓަރނޭޝަނަލް ލޯއާއި ޔޫއެންގެ މިންގަނޑުތަކަށް ނުފެތޭ ކަންކަމަށް ރާއްޖެއިން ބަސްބުނެ ނަހަދާނެ ކަމަށް

ދުނިޔޭގެ އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެއް އިރެއްގައިވެސް ރާއްޖެއިން ނުވަންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެވެ.

ހޫދު މިހެން ވިދާޅުވީ ބުދަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުސްލިމުންނާއި ދެކޮޅަށް އިންޑިއާއާއި، ޗައިނާ ފަދަ ޤައުމުތަކުން ލާއިންސާނީ ޢަމަލުތައް ހިންގަމުންދާއިރު، ރާއްޖެއިން އެ ޢަމަލުތައް ކުށްވެރި ނުކުރަނީ ކީއްވެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

" އަޅުގަނޑުމެންނަކީ އެއްވެސް އިރެއްގައި ގައުމުތަކުގެ ދާޚިލީ ކަންކަމުގައި ޝާމިލުވެ، އެކަންކަމާއި މެދު ބަސްބުނެ ހަދާބައެއް ނޫން. އިންޑިއާގައިވެސް އެއުޅޭނީ ދާޚިލީ މައްސަލައެއް އަސްލުގައި. އެހެންވެ އެކަންކަމާއި މެދު ބަސްނުބުނެ ހަދަނީ. މިސާލަކަށް އޭގެ ކޮންވަރސް އަކީ ފަލަސްތީން އިޝޫގައި އަޅުގަނޑުމެންނަކީ އެންމެ އަޑުހަރުކޮށް، މިސާލަކަށް އޭގެ ކޮންސަރންސް ރެއިޒްކުރާ އެއްގައުމަށް ވާނެ، ޔޫއެންޖީއޭގައި ރައީސްގެ ސްޕީޗުގައިވެސް ވަރަށް ބޮޑުތަނުން އޮންނާނެ ވިދާޅުވެފައި އިޒްރޭލުގެ އަމަލުތައް ކުށްވެރިކުރާ ވާހަކަ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު

ހޫދު ވިދާޅުވީ އެފަދަ ކަންބޮޑުވުންތައް ފާޅުކުރާއިރު ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ އިން މިފަދަ ކަންކަމުގައި ގެންގުޅޭ މިންގަނޑުތަކަށް ނުފެތޭ ކަންކަމަށް ރާއްޖެއިން ބަސްބުނެ ނަހަދާނެ ކަމަށެވެ.

ހޫދު މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން އިންޑިއާ ފަދަ ޤައުމުތަކުން ރާއްޖޭގެ ދާޚިލީ ކަންކަމާއި މެދު ޚިޔާލު ފާޅުކޮށްފައިވެއެވެ. އަދި ރާއްޖެއިން މި ޤައުމުތަކުގެ ޢަމަލުތައް ކުށްވެރި ނުކުރާތީ ގިނަބައެއްގެ ފާޑުކިއުންތަކެއް ސަރުކާރަށް ޢަމާޒުވެފައިވެއެވެ.

ބައިނަލްއަޤުވާމީ މިންގަނޑުތަކާއި ޚިލާފަށް އިންސާނީ ޙައްޤުތައް ނިގުޅައިގަންނަ ފަދަ ޢަމަލުތައް އިންޑިއާ އަދި ޗައިނާގައި އުޅޭ މުސްލިމުންނާއި ދޭތެރޭ ހިންގަމުންދާކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. އަދި ބައެއް ޤައުމުތަކުން އެފަދަ ޢަމަލުތައް ކުށްވެރިކޮށްފައިވެސްވެއެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަންވެފައިވަނީ ދުނިޔޭގެ ޤައުމުތަކުގެ ދާޚިލީ ކަންކަމަށް އިޙުތިރާމުކޮށް، އެތެރޭގެ ކަންކަމުގައި ބަސްބުނުމުގެ ބަދަލުގައި، އެކަންކަން ޙައްލުކުރުމަށް އެޤައުމުތަކަށް އެއްބާރުލުން ދިނުމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
0%
0%
0%
0%
0%
0%
ކޮމެންޓް