ޤައުމީ ސަލާމަތާއި ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އަންގާރަ ދުވަހުގެ ދަންވަރު އާދަމް ޝަރީފް ކުރެއްވި ޓްވީޓް ގައި ވަނީ ޤައުމީ ސަލާމަތަށް ނުރައްކާ ވެއްޖެނަމަ އަޅަން ޖެހޭ ފިޔަވަޅެއް އެޅުމަކީ ކަމާއި ގުޅުން ހުރި މުއައްސަސާ ތަކުގެ ޒިންމާއެއް ކަމަށެވެ.
ޤައުމީ ސަލާމަތާއި ފަރުދުންގެ ރައްކާތެރި ކަމަކީ ސީރިއަސް ކަންކަން ކަމަށާއި، މިރިނުވެ ގޮބޮޅި ކާށިވާ ގޮތަށް ޤައުމީ ސަލާމަތާއި ގުޅޭ ކަންކަން ސަމާސާއަކަށް ވެގެން ނުވާނެ ކަމަށް އާދަމް ޝަރީފުގެ ޓްވީޓްގައި ވެއެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ މަޑުއްވަރީ ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ އާދަމް ޝަރީފް ޓްވީޓް ކުރައްވާފައިމިވަނީ އަންގާރަ ދުވަހުގެ ރޭ ޤައުމީ ދިފާޢީ ބާރުން އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ނެރެފައި ވަނިކޮށެވެ.
އިދިކޮޅު ކޯލިޝަނަށް ހިމެނިވަޑާއިގަންނަވާ އާދަމް ޝަރީފް ސިފައިންގެ މަސައްކަތައް ތާޢީދު ކުރާ ފަދަ މޭރުމަކުން ޓްވީޓް ކުރައްވާފައިވީ ނަމަވެސް އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ނެރެ, ސިފައިން ހަތިޔާރާއެކު ހަރަކާތްތެރިވަނީ ކޮން ސަބަބަކާއި ގުޅިގެންކަން ސާފުނުވާކަމަށް ބުނެ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަންގާރަ ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިފައިން ހަރަކާތްތެރިވަމުންދާތީ ކަންބޮޑުވާކަމަށެވެ. އަދުރޭ ވަނީ މި އޮފަރޭޝަން ހިންގަން ޖެހުނު ސަބަބު ރައްޔިތުންނަށް ސާފުކޮށްދިނުމަށް ރާއްޖޭގެ ދިފާޢީ ބާރަށް އިލްތިމާސްކުރައްވާފައެވެ.
ދިފާޢީ ބާރުން އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ނެރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން،ވަކިން ޚާއްޞަކޮށް ސޯޝަލް މީޑިއާގައި މިކަމާއި ގުޅުވައިގެން ބައެއް ފަރާތްތަކުން ޝުއޫރު ފާޅުކުރަމުންދާއިރު، މިކަމާއި ގުޅޭގޮތުން އެމްއެންޑިއެފުން ބުނެފައިވަނީ، އެލަރޓް ނެރުނީ ކަނޑައެޅިގެން ވަކި ނުރައްކަލެއް އޮވެގެނެއް ނޫންކަމަށެވެ. އެމްއެންޑީއެފުން ބުނެފައިވަނީ އެލަރޓް ސްޓޭޓަސް މަތިކުރީ ދުރާލާ ރައްކާތެރި ފިޔަވަޅުތައް އިތުރުކުރުމަށްކަމަށެވެ.
އެލަރޓާއކު އެމްއެންޑީއެފުން ވަނީ އެއަރޕޯޓްތަކުގެ ސެކުރިޓީ ވެސް އިތުރަށް ވަރުގަދަކޮށްފައެވެ.