ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 22:01
ފުލުހުންތަކެއް މަޑުއްވަރީގައި ހަރަކާތްތެރިވަނީ
ފުލުހުންތަކެއް މަޑުއްވަރީގައި ހަރަކާތްތެރިވަނީ
މަޑުއްވަރީއޮންލައިން.ކޮމް
އެންސީޓީސީ
ހަރުކަށި ފިކުރު ފެތުރުމަށް ގިނަ މަސައްކަތްތަކެއްކުރޭ، މައުލޫމާތެއް ލިބިއްޖެނަމަ ރިޕޯޓްކުރޭ: އެންސީޓީސީ
 
ހަރުކަށި ފިކުރަކީ ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރިމަތިމުން އަންނަ ބޮޑު ގޮންޖެހުމެއް ކަމަށް ބަޔާނުގައިވޭ
 
އެލާޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ވަނީ ނެރެފައި

ޓެރަރިޒަމްއާއި ހަރުކަށި ފިކުރުގެ ނުރައްކާތަކުން ދިވެހިރާއްޖެ ސަލާމަތްކުރުމަށްޓަކައި ކުރިއަށްދާ ގައުމީ މަސައްކަތުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެންސީޓީސީ) އިން އެދިއްޖެ އެވެ.

އަންގާރަ ދުވަހުގެރޭ އެ ސެންޓަރުން ނެރުނު ބަޔާނުގައި ވަނީ ޓެރަރިޒަމްއާއި ހަރުކަށި ފިކުރަކީ މުޅި އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލަށް ވެފައިވާކަމަށެވެ. އަދި އެއީ އަންނަން އޮތް ޖީލުތަކަށް ފިކުރީ ގޮތުން ކުރިއަރާދިއުމާއި، ގައުމީ ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރިމަތިމުން އަންނަ ވަރަށް ބޮޑު ގޮންޖެހުންކަމަށް އެ ސެންޓަރުން ބުންޏެވެ.

ހަރުކަށި ފިކުރުތައް ފަތުރާމީހުން ރެއާއި ދުވާލު އިންޓަރނެޓްގެ ވަސީލަތްތަކާއި، ސޯޝަލް މީޑިއާގެ ވަސީލަތްތަކާއި، ސިއްރިއްޔާތުގައި އެފިކުރު ފަތުރަން ގިނަގުނަ ރޭވުންތައް ރާވާ، އެމީހުންގެ ފިކުރު ފެތުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެންސީޓީސީ އިން ބުންޏެވެ. އެހެންކަމުން މި ކަންކަމަށް ސަމާލުވުމަށް ސެންޓަރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ ނުރައްކާތަކާއި މެދު ސަމާލުވެ، ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކާއި ބެހޭ މައުލޫމާތު ސަލާމަތީ ޚިދުމަތްތަކަށް ފޯރުކޮށްދެއްވަމުން ގެންދެވުމަށް އެ ސެންޓަރުންވަނީ އިލްތިމާސްކޮށްފައެވެ.

އަންގާރަ ދުވަހުގެ 19:00 އިން ފެށިގެން ޤައުމުގެ އަމަންއަމާންކަމަށް ބުރޫއަރާފަދަ ކަމަކާ ކުރިމަތިވާނެކަމަށް ބެލެވުން ނުވަތަ އެފަދަ މަޢުލޫމާތެއް ލިބުމުން ގައުމީ ދިފާއީ ބާރުން އެމްއެންޑީއެފްގެ އެލަރޓް ސްޓޭޓަސް "ޔެލޯ 2" މުޅި ރާއްޖެއަށް ވަނީ ނެރެފައެވެ. އެއާއެކު ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ސިފައިން ހަތިޔާރާއިއެކު ހަރަކާތްތެރިވާނެކަމަށާއި މިގޮތުން ކަނޑުމަތީގެ އުޅަނދުފަހަރު ހުއްޓުވައި ޗެކްކުރަމުން ގެންދެވޭނެކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މިކަމަކީ ޤައުމުގެ މަސްލަހަތާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކަމެއްކަމަށްވުމާއިއެކު ރައްޔިތުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބޭނެ ކަމަށް ޔަޤީންކުރާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި ސިފައިންގެ ވާޖިބު އަދާކުރުމުގައި ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި ލޮބުވެތި އެންމެހާ ރައްޔިތުންނަށް ޝުކުރު ދަންނަވާކަމަށް ބަޔާނުގައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
100%
0%
0%
0%
0%
ކޮމެންޓް
25 ޑިސެންބަރ 2019 | ބުދަ 06:39
އަލީ
ތިގަބޫލުކުރުމަކީ ތިކަން ރަގަޅުކުރުމަށް ސަރކާރުން މަސައްކަތްކުރާކަން. ޝުކުރިއްޔާ!