ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 16:24
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ
ޓްވިޓަރ
ހޯމް މިނިސްޓަރު އަބްދުﷲ އިމްރާން
ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް 700 ގައިދީން އެބަ ތިބި، އެކަން ހައްލުކުރާނަން: ހޯމް މިނިސްޓަރ
 
ޖަލުތަކުގެ ޖާގައިގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކަރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި
 
އަންނަ އަހަރު ޖަލުގެ ނިޒާމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވިދާޅުވި
 
ވޭތިވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޖާގައިގެ ދަތިކަން ފިލުވުމަށް ކުރެވިފައި ނުވާ ވަރުގެ ގިނަ މަސައްކަތް މިއަހަރު ކުރެވިފައިވާކަން ފާހަގަ ކުރެއްވި

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭ ޖަލުތަކުގެ ޖާގައަށް ވުރެ އިތުރަށް 700 ގައިދީން އެބަތިބިކަމަށް ހޯމް މިނިސްޓަރ އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޕެރޯލް އޮފިސަރުން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ކަރެކްޝަނަލް ސާރވިސްގެ ދަށަށް ގެންދަންޖެހޭ ބައެއް ފަރާތްތައް ނުގެންދެވި ފުލުހުނގެ ބެލުމުގެ ދަށުގައި ތިބި ވާހަކަ ރޭގެ ޚަބަރުތަކުންވެސް ފެނިގެން ދިޔަ ކަމަށާއި އެއީ ބޭނުންވާ ގޮތް ނޫން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ދަށުގައި ގައިދީން ބަންދުކޮށްގެން ގެންގުޅޭނެ ޖާގައިގެ ގޮތުގައި ވަނީ 1300 މީހުންގެ ޖާގަ ކަމަށާއި ނަމަވެސް މިހާރުވެސް 2000 އަށް ވުރެ ގިނަ މީހުން އެބަ ތިބި ކަމަށެވެ.

މިކަމަށް ހައްލެއް ހޯދުމަށް ސަރުކަރުން ގިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި 2020 ވަނަ އަހަރު ނިމިގެންދާއިރު މިކަމަށް އެކަށީގެންވާ ބޮޑު ހައްލެއް ހޯދައިދޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވޭތިވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޖާގައިގެ ދަތިކަން ފިލުވުމަށް ކުރެވިފައި ނުވާ ވަރުގެ ގިނަ މަސައްކަތް މިއަހަރު އެކަނިވެސް ކުރެވިފައިވާކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އަންނަ އަހަރަށް ޕްލޭންކޮށްފައިވާ މަސައްކަތް ނިމި ޖަލުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އަންނަ އަހަރު ނޭކުރަންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު މުޅި ޖަލުތަކުގެ ނިޒާމަށް ރާއްޖޭގައި ބޮޑު ބަދަލެއް ގެނެވިގެންދާނެ ކަމަށެވެ.

ޕެރޯލް އޮފިސަރުން ތަޢާރަފްކޮށް އޮފިސަރުންނަށް ހަވާލުކުރެވޭ މަސައްކަތް ފެށިގެން ދިއުމުން ޕެރޯލް ލިބުމުގެ ހައްގު ލިބިފައިވާ ހުރިހާ ފަރާތްތަކަށް ޕެރޯލް ދިނުމުގެ މަސައްކަތް އަވަސް ކުރެވިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމުގައި ކަރެކްޝަނަލް ސާރވިސް އާއި ޕެރޯލް ބޯޑުންކުރާ މަސައްކަތަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
100%
0%
0%
ކޮމެންޓް