ކ. މާލެ
|
24 ޑިސެންބަރ 2019 | އަންގާރަ 16:00
މަރާލާފައިވާ ގާސިމް
މަރާލާފައިވާ ގާސިމް
އަވަސް.އެމްވީ
ގާސިމްގެ މަރު
ގާސިމް މަރުވީ ފޭރުމުގެ ތެރޭގައި ވަޅިން ދިން ހަމަލާއަކުން: ޕޮލިސް
 
ގާސިމްގެ ކާރަށް އަދުހަމް އެރީ ހުޅުލެއިން
 
ވަޅިން ހަމަލާދިނީ އެންމެ ފަހަރަކު، އެއީ ހަޅޭއްލަވަން ފެށުމުން އެކަން ހުއްޓުވަން
 
ކޮންމެހެން ގާސިމަށް "ޓާގެޓް" ކޮށް ހިންގިކަމެއް ނޫން
 
ފޭރެން އަދުހަމް ބޭނުންވީ ތަންކޮޅެއް ދުވަސްވީ، ލާރި ހުންނާނެހެން ހީވާކަހަލަ މީހެއް

ޓެކްސީ ޑްރައިވަރު، 59 އަހަރުގެ ގާސިމް ހަސަން މަރުވީ، މަރާލުމުގެ ގަސްތުގައި ދިން ހަމަލާއަކުން ނޫން ކަމަށާއި، ވަޅިން ހަމަލާދިނީ، ގާސިމް ހަޅޭއްލަވަން ފެށުމުން، އެކަން ހުއްޓުވުމުގެ ގޮތުން ކަމަށް ފުލުހުން ބުނެފި އެވެ.

ގާސިމްގެ މަރުގެ މައްސަލާގައި އަންގާރަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ، ގާސިމްގެ މަރުގެ މައްސަލާގައި ފުލުހުން ހިންގާ ތަހުގީގަށް އެމައްސަލާގައި ހައްޔަރުކޮށްފައިވާ، ޅ. ހިންނަވަރު، ބޮޑުހިޔާގެ، އަދުހަމް މުހައްމަދު (21 އ) އެއްބާރުލުން ދެމުންދާ ކަމަށެވެ. އެގޮތުން އޭނާ ގާސިމަށް ހަމަލާދިގޮތާއި އެމައްސަލައިގެ ވަަށައިގެންވާ ކަންކަން އަދުހަމްގެ ފަރާތުން ފުލުހުންގެ ތަހުގީގަށް ކިޔާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ގާސިމް މަރާލާފައި މަގުމަތީ އޮތްވާ ފެނިގެން މީހަކު، ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 21:07 ހާއިރު އެވެ.

ފުލުހުން ބުނީ، އަދުހަމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި ވައްކަމާއި ފޭރުމާއި މާރާމާރީގެ އިތުރުން ތަފާތު އެކިއެކި މައްސަލަތަކުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ. އެގޮތުން ގާސިމް މަރާލި ދުވަހު ވެސް އޭނާ މަސްތުވުމަށާއި ޒަރޫރީއެކިއެކި ބޭނުންތަކަށް ފައިސާ ހޯދުމަށް ފޭރުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި މާލެއިންނާއި ހުޅުމާއިން ބަޔަކާއެކު މަސްތުވާތަކެތި ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މެންދުރުކުރި މާލޭގައި އުޅުމަށްފަހު، ފޭރުމުގެ ބޭނުމުގައި، މެންދުރުފަހު ހުޅުމާލެއަށް އަދުހަމް ދިޔަކަށެވެ. އަދި ދުވާލުގެ އަލިކަމާއި، އާންމުންނާއި ފުލުހުންގެ އަމަލުތައް ހުރިގޮތުން ފޭރުމުގެކަމެއް ހިންގޭގޮތް ނުވީކަމަށް ފުލުހުން ބުނެއެވެ. އަދި ރޭގަނޑުވުމާއެކު، ހޮޓަލަކުން ވަޅިއެއް ނަގައިގެން ޖިންސް ދަށަށް ވަޅި ލައިގެން، ތޫނު އެއްޗެއް ބޭނުންކޮށްގެން ހުޅުމާލެއިން ފޭރިގަނެވޭތޯ މަސައްކަތް ކުރިކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެކަންވެސް ކާމިޔާބުވާގޮތް ނުވުމުން، އަދުހަމް ދިޔައީ ހުޅުލެއަށް ކަމަށް ފުލުހުން ބުނެއެވެ. ހުޅުލޭގައިވެސް އެކި ފިހާރަތަކަށާއި، ތަންތަނަށް ވަދެ، އެކަން ނުވުމުން، ދެން ބެލީ ޓެކްސީ ޑްރައިވަރެއްގެ އަތުން ފޭރުމަށް ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ޓެކްސީ ކިޔުއިން، އަދުހަމް ބޭނުންވާ ކަހަލަ، އުމުރުން ދުވަސްވީ، އަދި ފައިސާވެސް ހުންނާނެހެންހީވާކަހަލަ ޓެކްސީ ޑްރައިވަރަކާ ދިމާވި މީހަކަށްވީ ގާސިމް ކަމަށެވެ.

އެހެންކަމުން ގާސިމްގެ ޓެކްސީއަށް އަދުހަމް އަރައި، އުޅުމާލެ ހާފްވޭ ހައުސް އަށް ގެންގޮސްދޭން އެދުނު ކަމަށް ފުލުހުން ބުނެއެވެ. އެގޮތުން އެތަނަށް ޓެކްސީގައި ދިޔުމުން، އެތަނުގައި މީހުންގެ ހަރަކާތްތައް ހުރިގޮތުން، ފޭރުމުގެ އަމަލެއް ހިންގޭނެ ކަމަށް ނުފެންނާތީ، ގާސިމަށް އޮޅުވާލުމަށް، ހާފްވޭ ހައުސަށް ވަންނަން ބޭނުންވާ ކާޑު ބާއްވިފައޭ މިއާދެވުނީއޭ ބުނެ، ހުޅުމާލޭގައި ދުއްވީ ކަމަށާއި، އެގޮތަށް ދުއްވަމުން ގޮސް ގާސިމް މަރާލާފައި އޮތްވާ ފެނުނު، ހުޅުމާލެ ރީތިގަސް މަގަށް ލަނބާލި ވަގުތު، ގާސިމްގެ ފަހަތުގައި އިން އަދުހަމް ވަޅި ނަގައި، އަދި އަނެއް އަތުން، ގާސިމް އިން ކާރުގެ ޝީޓާއެކު ހިރިނުލެވޭގޮތަށް ހިފަހައްޓުމުން، ގާސިމް ކާރުގެ ދޮރު ހުޅުވައި ހާޅޭއްލަވަން ފެށިކަމަށް ފުލުހުން ބުނެއެވެ.

ގާސިމް ހަޅޭއްލަވަން ފެށުމުން، އެކަންހުއްޓުވުމަށް ގާސިމްގެ ކަރަށް ވަޅިން ހަމަލާދިނީކަމަށް ފުލުހުން ބުނެއެވެ. އަދި ގާސިމަށް ވަޅިން ހަމަލާ ދީފައިވަނީ ކަރަށް އެކަނި އެއް ފަހަރު ކަމަށާއި، ނަމަވެސް އެހަމަލާއިން ސަލާމަތްވުމަށް އުޅުމުގެ ތެރޭގައި ގާސިމްގެ އަތެއް ވެސް ހަޒަމްވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ވަޅިން ހަމަލާދިނުމަށްފަހު، ހަދުހަމް ގަމީސް ބަދަލުކޮށް، މާލެއަށް އައި ކަމަށާއި، އަދި ޒަހަމްވެފައިވާ ގާސިމްވެސް ކާރުން ފައިބައިގެން ސަލާމަތްވުމަށް މަސައްކަތްކުރަމުންދަނިކޮށް، މަގުމަށްޗަށް ވެއްޓުނީ ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މިމައްސަލާގައި އަދުހަމް ހައްޔަރުކުރީ ގާސިމްގެ ކާރުގެ ތެރެއިންނާއި ގާސިމަށް ހަމަލާދިން ވަޅިން ނެގި ފޮރެންސިކް ހެކިތަކުންނާއި ސީސީޓީވީ ފޫޓޭޖްތަކުގެ އަލީގައި އަދުހަމަށް ކުރެވޭ ތުހުމަތާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ގާސިމަށް ވަޅިން ހަމަލާދިން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އޭނާ ވަނީ ކޯޓުގައި ވެސް ގާސިމަށް ވަޅި ހަމަލާދިން ކަމަށް އިއުތިރާފުވެފަ އެވެ. ފުލުހުން ބުނީ ހަމައެކަނި އަދުހަމްގެ އިއުތިރާފްގެ މައްޗަށް ބިނާކޮށް، އެމައްސަލާގައި ދައުވާ ކުރުމުގެ ބަދަލުގައި، އެމައްސަލާގައި މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ހެކިތައް ދިރާސާ ކުރުމާއި އިތުރަށް ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު، ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅޭނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
0%
0%
0%
100%
ކޮމެންޓް