ހުޅުމާލެ އަދި ވިލިމާލޭގައި ހެދިކާ ވިއްކަން ބޭނުންވާ ފަރާތްތަކާއި މާލެ ސިޓީ ކައުންސިލުން ބައްދަލު ކުރަން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން އަންގާރަ ދުވަހު ނެރެފައިވާ އިޢުލާންގައި ބުނެފައިވަނީ ހުޅުމާލެ އަދި ވިލިމާލޭ އަވަށުގައި ހެދިކާ ވިއްކުމަށް އެކި ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް އެ ކައުންސިލަށް ހުށަހަޅުއްވާފައި ވާތީ، އެ ފަރާތްތަކާއި ބައްދަލުކުރަން ކައުންސިލުން ބޭނުންވާ ކަމަށެވެ.
ރާއްޖެ އެމްވީއަށް މަޢުލޫމާތު ދެއްވަމުން މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާޢު ޝަރީފު ވިދާޅުވީ މި ބައްދަލުވުމުގެ ބޭނުމަކީ އެކަމުގައި ކުރިއަށް ދެވޭނެ ގޮތްތައް ރާވާ އެފަރާތްތަކުގެ ޚިޔާލު ހޯދާ އަދި ދިމާވާ ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުން ކަމަށެވެ.
ޝަމާއު ވިދާޅުވީ މިހާރުވެސް ހުޅުމާލޭގައި ހެދިކާ ވިއްކުން ކުރިއަށް ދާ ކަމަށާއި އެކަން ކުރިއަށް ދަނީވެސް އެޗްޑީސީ، އެޗްޕީއޭ އަދި ސިޓީ ކައުންސިލުން މަޝްވަރާކުރުމަށް ފަހު ހަރުދަނާ އުޞޫލެއްގެ ތެރެއިން ކަމަށެވެ.
މި ބައްދަލުވުން އޮންނާނީ މިހިނގާ ޑިސެންބަރު މަހުގެ 25 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައި މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ކަމަށް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.
ހެދިކާ ވިއްކަން ޝައުޤުވެރިވާ ފަރާތްތަކުން މިބައްދަލުވުމުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން އެދެއެވެ.