ރ. މަޑުއްވަރީގައި އުމުރުން 13 އަހަރުގައި ބަލިވެ އިދެ، ވިހެއި މައްސަލައާއި ގުޅިގެން ފެންމަތިވި އިހުމާލުގެ މައްސަލަތަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އެ ކުދިންގެ މައިންބަފައިންގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކޮށްފި އެވެ.
އެކުދިންގެ މައިންބަފައިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ، މިދިއަ ހޮނިހިރު ދުވަހު، ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ނެވެ. އަދި މައްސަލައިގެ ހެކި ފޮރުވުމަށް ނުވަތަ ހެކި ބަސް ދޭން ހުރި މީހަކަށް ނުފޫޒު ފޮރުވާފާނެ ކަމަށް ބެލެވޭތީ އެ ދެ މީހުންގެ ބަންދުގެ މުއްދަތު 10 ދުވަހަށް އިތުރުކުރުމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.
ކުދިންނަށް އިހުމާލުވި ކަމަށް ބުނެ، އެ ކުދިންގެ މައިންބަފައިން ފުލުހުން ހައްޔަރުކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދީނުގެ ނަމުގައި ހަރުކަށި ވިސްނުން ގެންގުޅޭ ޢާއިލާއަކުން އެ ޢާއިލާގައި ހިމެނޭ ކުދިންނަށް ލިބެންޖެހޭ އަސާސީ ޙައްޤުތަކުން މަހުރޫމްކޮށް ގެންގުޅެމުންދާކަމަށް ތުހުމަތުކުރެވޭ މައްސަަލަ އާއި އެ ޢާއިލާގައި ހިމެނޭ ކުދިންނަށް ވެކްސިން ނުދީ، ސުކޫލަށް ނުފޮނުވާ އެ ކުދިންނަށް އިހުމާލުވަމުންދާކަމަށް ހުށަހެޅި ތަހުޤީޤްކުރެވެމުންދާ މައްސަލައާއި ގުޅިގެން އަނިޔާ ލިބެމުންދިޔަ 6 ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދެވިފައިވާކަމަށެވެ. އަދި އެ ކުދިންނަށް އިހުމާލުވަމުންދިޔަ އެ ކުދިންގެ މައިންބަފައިން ކޯޓު އަމުރެއްގެ ދަށުން އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ އަންހެނަކާއި، 47 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެފައި ވެއެވެ.
13 އަހަރުގައި ބަލިވެ އިނދެ އެ ކުއްޖާ ވިހެއިކަން ހާމަވީ، ރ. މަޑުއްވަރީ ޒުވާނަކަށް ލަނޑާ ނަގާ ދޯންޏެއްގައި ވަޅިން ޙަމަލާދީ މަރާލަން އުޅުނު މައްސަލައިގެ ތެރެއިންނެވެ. އެ ކުއްޖާއާއި މި ޒުވާނާ ކައިވެނިކޮށްފައިވަނީ ކޯޓުން ބޭރުގައެވެ. އެކުއްޖާ ވިހެއި ދަރިފުޅަކީ އެ ޒުވާނާގެ ދަރިއެއްކަން ޑީއެންއޭއިން ވަނީ ކަށަވަރުވެފައެވެ. މިއާއެކު ކޯޓު ޢަމުރެއްގެ ދަށުން އޭނާ ވަނީ 15 ދުވަހުގެ މުދައްތަކަށް ބަންދުކޮށްފައެވެ.