އަވަށްޓެރި އިންޑިއާގައި ފާސްކުރި ގާނޫނަކާއި ގުޅިގެން އެގައުމުގައި ހަމަނުޖެހުންތަކެއް ހިނގައިގެން އުޅޭ ވާހަކަ މީޑިއާގައި މިހާރު ވަނީ ފަލަސުރުޚީއަށް އަރާފައެވެ. އިންޑިއާގައި ހިނގައިގެން އުޅޭ ސިޔާސީ މައްސަލައެއް، އެއީ ދީނީ މައްސަލައެއްކަމަށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ދެކޭކަން ސޯޝަލް މީޑިއާގައި ދެކެވެމުންދާ ބައެއް ވާހަކަތަކަށް ބަލާލުމުން އެނގިގެން ދެއެވެ.
އެހެންނަމަވެސް ހިނގައިގެން މިއުޅެނީ ކޮންކަމެއްކަން އެނގެނީ ކިތައް މީހުންނަށް ހެއްޔެވެ؟ އިންޑިއާގައި ފާސްކޮށްގެން އުޅޭ 'ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް'ގައި އަސްލު އޮތީ ކޯއްޗެއްތޯ ބަލާލަމާހެއްޔެވެ؟ އިންޑިއާގެ ރައްވެހިކަމާއި ބެހޭ ޤާނޫނު ނުވަތަ ސިޓިޒަންޝިޕް އެކްޓަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ފެށި، އެވާހަކަ 2016 ވަނަ އަހަރުން ފެށިގެން އަންނަނީ ދެކެވެމުންނެވެ. އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޮކް ސަބާއާއި، މަތިގެ ރާޖަސަބާގެ މެމްބަރުންގެ މައްޗަށް އެކުލެވޭ 30 މެމްބަރުންގެ ޓީމަކުން އެގާނޫނު އިސްލާހުކުރުމަށް ބިލެއް ޑްރާފްޓްކުރިފަހުން އެތައް ދުވަހެއް ވަނީ ވެފައެވެ.
ރަށްވެހިކަމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ނިންމީ އިންޑިއާގެ އަވަށްޓެރި، އިސްލާމީ 3 ގައުމުކަމަށްވާ އަފްޣާނިސްތާން، ޕާކިސްތާން އަދި ބަންގްލަދޭޝްގައި ދިރިއުޅޭ ހިންދޫ، ސިކް، ބުޑިސްޓް، ޖައިން، ޕާރްސީ އަދި ނަޞާރާ ދީނުގެ މީހުންގެ ތެރެއިން ތަފާތު އެކި ސަބަބުތަކާއި ހުރެ 2014ގެ ނިޔަލަށް އިންޑިއާއަށް ހިޖުރަކޮށްފައިވާ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ދިނުމަށެވެ.
މި މީހުންނަށް ރަށްވެހިކަން ދިނުމުގައި އެމީހުން އިންޑިއާގައި ތިބީ ރަށްވެހިކަން ލިބޭނެ މިންގަނޑުތަކަށް ފެތިގެންތޯ އިންޑިއާ ސަރުކާރުން ބެލުމަށް ވަނީ ހަމަޖެހިފައެވެ. މި ގާނޫނުގެ ދަށުން އިންޑިއާގެ އެއްވެސް މުސްލިމަކަށް ނުވަތަ އެހެން ދީނެއްގެ މީހަކަށްވެސް އެމީހެއްގެ ރަށްވެހިކަމެއް ނުގެއްލޭނެއެވެ. އަދި އިންޑިއާގެ ރަށްވެހިކަމަށް އެދި ގާނޫނުތަކުގެ ތެރެއިން ހުށަހަޅަން އޮންނަ އާއްމު މިންގަނޑުތަކަށްވެސް އެއްވެސް ބަދަލެއް ނާންނާނެއެވެ.
މިގާނޫނު ހިންގާ އިންޑިއާއިން މިމައްސަލަ ދެކެނީ ދީނީ މައްސަލައަކަށްވުރެ ސިޔާސީ މައްސަލައެއްގެ ގޮތުގައެވެ. މިނިންމުމާއި ދެކޮޅަށް މުޒާހަރާކުރަނީ އިންޑިއާގެ މުސްލިމުން އެކަންޏެއް ނޫނެވެ. މި ނިންމުމާއި ދެކޮޅަށް ނަސާރާއިންނާއި ހިންދޫންނާއި އެހެން ދީންތަކުގެ މީހުންވެސް މުޒާހަރާކުރެއެވެ. ސަބަބަކީ މިއީ ސިޔާސީ މައްސަލައަކަށް ވުމެވެ.
މިގާނޫނުގެ ސަބަބުން އިންޑިއާގައި ދިރިއުޅޭ އެއްވެސް މުސްލިމެއްގެ ރަށްވެހިކަމަކަށް ބަދަލެއް ނާންނާނެއެވެ. އެހެންކަމުން މިއީ މުސްލިމުން އިންޑިއާއިން ނެރެން ކުރާ މަސައްކަތެއްކަމަށް ބުނެ ދައްކާ ވާހަކަތައް ފެންނަނީ އިންޑިއާގައި ނަސްލީ ހަމަނުޖެހުން އުފައްދަން ބަޔަކު ދައްކާ ވާހަކަތަކެއްގެ ގޮތުގައެވެ. އޭގެ އަވައިގައި އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖްތަމައުގެ ބައެއް މީހުންވެސް ޖެހޭތަން ފެންނަކަން ފާހަގަކުރަން ޖެހެނީ ހިތާމަޔާއެކުގައެވެ.
މީގެ ކުރިންވެސް އެކި ގައުމުތަކުން ރެފިއުޖީންގެ ގޮތުގައި އިންޑިއާއަށް ހިޖުރަކުރާ ފަރާތްތަކަށް އެގައުމުން ރަށްވެހިކަން ދީފައިވެއެވެ. އެގޮތުން އިސްލާމީ ވެރިކަމެއް ޕާކިސްތާނުގައި ގާއިމްވުމުން، އެގައުމު ދޫކޮށް ހިންދޫންގެ ބައިބޯ އިންޑިއާއަށް ހިޖުރަކުރި މީހުންނަށް އިންޑިއާއިން ރަށްވެހިކަން ދިނެވެ. އެއީ އިންޑިއާ ދޫކޮށް ޕާކިސްތާނަށް ހިޖުރަކުރި މީހުންނަށް ޕާކިސްތާނުން ރަށްވެހިކަން ދިން ފަދައިންނެވެ. ލަންކާއިން އިންޑިއާއަށް ހިޖުރަކުރި އެތައް ލައްކަ ތަމަޅައިންނަށް 1964 އިން 2008 އަކާއި ދެމެދު އިންޑިއާއިން އެގައުމުގެ ރަށްވެހިކަން ދިނެވެ. 1962 އިން 1978 އަކަށް ބަރުމާގެ އެތައް ރައްޔިތުންނަކަށް އިންޑިއާގެ ރަށްވެހިކަން ދިނެވެ.
ކޮންމެ ގައުމެއްގައިވެސް ސިޔާސީ މައްސަލަތައް ހިނގާނެއެވެ. އެކަން ހައްލު ކުރާނީ އެބަޔަކު އަމިއްލައަށެވެ. އިންޑިއާގެ ނިންމުމަށް ފާޑުކީ ބައެއް ފަރާތްތަކަކީ، މިގާނޫނަށް ގެނައި އިސްލާހުގެ ދަށުން އިންޑިއާގެ ރަށްވެހިކަން ދިން 6 ދީނުގެ މީހުންނަށް އިންޑިއާގެ ރަށްވެހިކަން ނުދީގެން މީގެ ކުރިން ފާޑުކީ ބައެއް ފަރާތްތަކެވެ. އެގައުމެއްގައި ދިރިއުޅޭ ރެފިއުޖީންނަށް ނުވަތަ ވަޒަނެއް ނެތް މީހުންނަށް ރަށްވެހިކަން ދިނުމަކީ ބައިނަލްއަޤުވާމީ އިންސާނީ ޙައްޤުތަކާއި ބެހޭ މުއާހަދާތައް ބާރުއަޅާ ކަމެކެވެ.
ކޮންމެއަކަސް 'ސިޓިޒަންޝިޕް އެމެންޑްމަންޓް އެކްޓް' ގެ ތެރެއިން މިހާރު އިންޑިއާގެ ރަށްވެހިކަން ލިބިފައިވާ އެއްވެސް މުސްލިމެއްގެ ރައްޔިތުކަން ގެއްލޭނެކަމަށް ހީކުރުމަކީ ކުށް ހީއެކެވެ.